އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި މުހައްމަދު ރާޝިދަށް ތާއީދުކުރެއްވީ ރިޝްވަތު ނަގައިގެން ކަމަށް ޤަބޫލެއް ނުކުރެވޭ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ބައި-އިލެކްޝަނުގައި ރާޝިދަށް ތާއިދު ކުރުމާއި ގުޅޭ ގޮތުން އަދާލަތު ޕާޓީން ބޭއްވި ބައްދަލުވުމުގައި އިޔާޒް ވޯޓުދެއްވާފައިވަނީ ރާޝިދަށް ތާއިދުކުރުމާއި ދެކޮޅަށެވެ. އަދި ޕާޓީގެ ނިންމުމާއި މެދު ހިތްހަމަޖެހިވަޑައިނުގެން އެޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން ޝައިހް އަލީ ޒައިދު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.
ނަމަވެސް ކޮމަންޑޫ ދާއިރާގެ ބައި އިިލެކްޝަންގައި އަދާލަތު ޕާޓީން ތާއިދުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށެވެ.
އެގޮތުން ރާޝިދަށް ތާއީދު ހޯއްދެވުމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވަނީ ކޮމަންޑޫ ދާއިރާއަށް ވަޑައިގެން އޭނާ އަށް ކެމްޕޭން ކޮށްދެއްވާފައެވެ.
އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން އިމްރާނަށް ރިޝްވަތުގެ ތުހުމަތު ކުރަމުން ގެންދާތީ އެކަމަށް އިޝާރަތް ކުރައްވައި ޑރ. އިޔާޒް ވިދާޅުވީ އިމްރާނާއި ޚިޔާލު ތަފާތުވި ނަމަވެސް ނިމިދިޔަ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް އޭނާ ތާއިދުކުރައްވައި ކެމްޕޭނަށް ނުކުމެވަޑައިގަތީ ރިޝްވަތު ނަންގަވައިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަަށެވެ. އަދި މީހުންގެ ބޮލުގައި ރިޝްވަތުގެ ތުހުމަތު އަޅުވަންވާނީ ސާބިތު ހެކި ހުރެގެން ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން އިމްރާނާ އެކު ދިގު ޒަމާންތަކެއް ވަންދެން ތަފާތު ތަޖްރިބާތައް ކުރެވިފައިވާ މީހެއްގެ ޙައިޘިއްޔަތުން ދަންނަވާނީ އެމަނިކުފާނަކީ ރިޝްވަތަށް ގުޑުވާލެވޭނެ ބޭފުޅެއް ނޫންކަމަށާއި އެއީ ތެދުވެރި އިޚްލާޞްތެރި ބޭފުޅެއް ކަމުގައި ޑރ. އިޔާޒް ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދެވެ. އެއީ ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ފަތުހީ އާއި އެމްއެންޕީގެ ކެންޑިޑޭޓު އަބްދުލް ހަންނާން އިދުރީސް އާ ވާދަކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް