ހުޅުމާލޭގެ ކޮވިޑް ފެސިލިޓީގައި މަަސައްކަތް ކުރާނެ 15 ނަރުހުން ހޯދަން ހުޅުމާލޭ ހޮސްޕިޓަލުން އިއުލާނުކޮށްފިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ކުރި އިއުލާނުގައި ބުނީ ކޮވިޑް ފެސިލިޓީއަށް ހޯދަނީ ސްޕެޝަލިޓީ ދައިރާއަކުން ހަތަރު ނަރުހުންނާއި ސްޕެޝަލިޓީ ސީނިއާ ނަރުހަކާއި ރެޖިސްޓާޑް ހަ ނަރުހުންނާއި ކްލިނިކަލް ދެ ނަރުހަކާއި ސީނިއާ ރެޖިސްޓާޑް ދެ ނަރުހެއް ކަމަށެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ ނަރުހުން ކުރަން ޖެހޭނެ މަސައްކަތަކީ ބަލިމީހުންނަށް ބޭނުންވާ ނާސިން ކެއާ ރާވައި ހިދުމަތް ދީ އިވެލުއޭޓްކުރުމާއި ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ އިޖްތިމާއީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނާސިން ކެއާގެ ޕްލޭން އެހެން ސިއްހީ ޕްރޮފެޝަނަލުންނާ ގުޅިގެން އެ ޕްލޭނާ އެއްގޮތަށް ފަރުވާދިނުން ކަމަށެވެ.
މީގެ އިތުރުން ބަލިމީހުންނަށް ލިޔެދީފައި ހުންނަ ޑޮކްޓަރީ ބޭހާ އެއްގޮތަށް ފަރުވާދީ، އެ ފަރުވާއަށް ބަލިމީހާގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް ބަލަމުން ގެންދިއުމާއި އޭނާއަށް ބޭނުންވާ ހާއްސަ އެހީތެރިކަމަށް އެހެން ސިއްހީ ޕްރޮފެޝަނަލުންގެ ހިދުމަތް ބޭނުންވާ ހާލަތްތަކުގައި އެކަންތައްތައް ފެސިލޭޓްކޮށްދޭން ޖެހޭނެ ކަމަށާއި ބަލިމީހާގެ ސިއްހީ މައުލޫމާތާއި ދެވުނު ބޭސްފަރުވާގެ މައުލޫމާތު ރެކޯޑްކުރާ ނިޒާމުގައި ލިޔެ އަޕްޑޭޓްކުރަންވެސް ޖެހޭނެ ކަމުގައި އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެ އިއުލާނުގައި ބުނީ ރަޖިސްޓާޑް ނަރުހެއްގެ މުސާރައަކީ 9060 އާއި 9360 ރުފިޔާގެ ދެމެދުގެ އަދަދެއް ކަމަށެވެ. އަދި ސީނިއާ ރެޖިސްޓަޑް ނަރުހެއްގެ މުސާރައަކީ 9670 އާއި 1016 ރުފިޔާގެ ދެމެދުގެ އަދަދެކެވެ. ކްލިނިކަލް ނަރުހަކަށް 10410 ރުފިޔާއާއި 10940 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ސްޕެޝަލިޓީ ނަރުހުންގެ މުސާރައަކީ 9360 އާއި 9670 ރުފިޔާގެ ދެމެދުގެ މުސާރައެއް ކަމަށާއި ސްޕެޝަލިޓީ ސީނިއާ ނަރުހަކަށް 10170 އާއި 10650 ގެ މުސާރައެއް ލިބޭނެ ކަމަށެވެ.
ހަމަޖެހިފައިވާ އުސޫލުގެ ދަށުން، ސްޕެޝަލިޓީ ނަރުހުންނަށް ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 235 ރުފިޔާ އަދި އެހެން މަގާމުތަކުގެ ނަރުހުންނަށް ސާވިސް އެލަވަންސްގެ ގޮތުގައި 188 ރުފިޔާ ލިބޭނެއެވެ.
ހުޅުމާލެ ކޮވިޑް ފެޝިލިޓީގައި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރުމަށް އެދި ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.
އެގޮތުން މި މަޤާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ހުޅުމާލޭ ހޮސްޕިޓަލްގެ ކޮވެލި ބިލްޑިންގެ ހަތަރުވަނަ ފަންގިފިލާއަށް ނުވަތަ އެ ހޮސްޕިޓަލްގެ އީމެއިލް އަށް ލިޔެކިއުންތައް ހުށަހެޅުމަށް އިއުލާނުގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް