މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށް ގެންދާ "ސަވާދީއްތަ ދަތުރު" ގައި ބައިވެރިވާ ޔޮޓުތައް ހއ. އުލިގަމަށް ބަނދަރުކޮށްފިއެވެ.
އުލިގަމު ކައުންސިލުން މިއަދު ހެނދުނު ވަނީ ސަވާދީއްތަ ދަތުރުގައިި ބައިވެރިވާ ޔޮޓުތަކުގެ ފޮޓޯ އާންމުކޮށް އެ ޔޮޓުތައް އެ ރަށުގައި ބަނދަރުކޮށްފައިވާކަން ހާމަކޮށްފައެވެ.
މި ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކުރިއަށްދާ ހަރަކާތެކެވެ.
މި ދަތުރު ފަށާފައިވަނީ މިކަމަށްޓަކައި ހއ ހޯރަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިއްޔެއެވެ. އެގޮތުން އެ ރަސްމިއްޔާތުގައި ދިވެހި ސަގާފީ ހުށަހެޅުންތައް ހުށަހަޅައިދީފައި ވެއެވެ.
މި ދަތުރުގައި ޖުމްލަ 12 ޔޮޓެއް ބައިވެރިވާއިރު، މީގެ ތެރޭގައި އެމެރިކާ، އޮސްޓްރޭލިއާ، އަޔަލެންޑް، ތައިލެންޑް، ޔޫއޭއީ އަދި އިންޑިއާގެ ޔޮޓުތައް ހިމެނެއެވެ.
ތިން ހަފްތާއަށް ކުރިއަށް ގެންދާ މި ރެލީގައި، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ބ. އަތޮޅުގެ ރަށްތަކަށް ޓުއާރގެ ބައިވެރިން ޒިޔާރަތް ކުރުމަށް ވަނީ ނިންމާފައެވެ.
އޭގެތެރޭގައި މީހުން ދިރިއުޅޭ 11 ރަށަކާއި ހަތަރު ފަޅުރަށެއް ވެސް ހިމެނެއެވެ.
ސަވާދީއްތަ ދަތުރުގެ ބައިވެރިން ދާ ރަށްރަށާއި ތަންތަނުގެ ތެރޭގައި ހއ. އުލިގަން، ހޯރަފުށި، މަތީރަށް، ގައްލަންދޫ، އިހަވަންދޫ، ތަކަންދޫ، އުތީމު އަދި ބާރަށް ހިމެނެއެވެ.
ހދ. އަތޮޅުން ނޮޅިވަރަންފަރު، ކުޅުދުއްފުށި އަދި ކޭލަކުނަށް ދާ އިރު، ށ. އަތޮޅުން ދާނީ ފުނަދޫ އަދި ނަލަންދޫއަށެވެ. މީގެ އިތުރުން މި ބައިވެރިން ނ. ލަންދޫ އާއި ބ. ތުޅާދޫ އަދި ހަނިފަރު ބޭއާއި ބިލެއްދޫ ތިލަ އަށް ވެސް ދިއުމަށް ވަނީ ނިންމާފައެވެ.
މިގޮތުން މި ދަތުރު ނިންމާލުމަށް ހަމަޖެހިފައި ވަނީ ބ.އަތޮޅުންނެވެ.
މި ޓުއާރގެ މަގުސަދަކީ ރާއްޖޭގެ ސަގާފަތާއި ތަރިކަ އާއި މުއްސަނދި ތާރީޚާއި ޔޮޓް ޓޫރިޒަމް ޕްރޮމޯޓްކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން މި ސަރަހައްދުތައް ހަރުދަނާ ކުރުމުގެ ފައިދާ ނެގުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް