ބޭންކް އޮފް މޯލްޑިވްސް އިން ދިވެހި ވިޔަފާރިތަކަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) ނެޓްވޯކަށް 4000 ވަނަ މަރޗަންޓް އިތުރުކޮށްފިއެވެ.
މި ލަނޑުދަނޑި ހާސިލްވުން ފާހަގަކޮށްފައިވަނީ 4000 ވަނަ މަރޗަންޓަކަމުގައިވާ، އއ.ރަސްދޫ ރޯޔަލް އިން ގެސްޓް ހައުސް ގައި މިއަދު ބޭއްވި ކުޑަ ހަފްލާއެއްގައެވެ. "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން ބޭއްވި މިހަފްލާގައި އެ ގެސްޓް ހައުސްގެ މެނޭޖްމަންޓަށް ހަނދާނީ ފިލާއެއް ވަނީ ދީފައެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް، މުޙައްމަދު ޝަރީފް ވިދާޅުވީ ރޯޔަލް އިން ގެސްޓް ހައުސްއަކީ ބީއެމްއެލްގެ ޕީއޯއެސް ނެޓްވޯކާ ގުޅޭ 4000 ވަނަ ވިޔަފާރި އަށްވުމާ އެކު، މި މުހިންމު ލަނޑުދަނޑި ހާސިލްވުން ރަސްދޫގައި ފާހަގަކުރެވޭ ކަމީ އެ ބޭންކަށް ޚާއްސަ އުފަލެއް ލިބޭކަމެއް ކަމަށެވެ. އަދި މިއީ ބީއެމްއެލްއިން ވިޔަފާރިތަކަށް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ އެއް ޚިދުމަތް ކަމަށާއި ރަސްދޫއަށް މިޚިދުމަތް ތަޢާރަފް ވުމާ ގުޅިގެން ވިޔަފާރިވެރިންނަށާއި އެރަށުގެ އިޤްތިސާދަށް ކުރިއެރުން އަންނާނެކަމަށް ގަބޫލުކުރައްވާ ކަމުގައި ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުން ދުނިޔޭގެ މަޝްހޫރު ހުރިހާ ކާޑުތައް ބަލައިގަނެއެވެ. އަދި ވިޔަފާރި ކުރުމަށްފަހު ފަސޭހަކަމާ ރައްކާތެރިކަމާއެކު ފައިސާދެއްދެ އެވެ.
"އަހަރެންގެ ބޭންކް" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުއަށް ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބީއެމްއެލް އިން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ. މިކެމްޕޭނުގެ ތެރޭގައި މި ފެބްރުއަރީ މަހުގެ ކޮންމެ ދުވަހެއްގައިވެސް މުޖުތަމަޢަށް ފައިދާ ހުރި ހަރަކާތެއް ބޭންކުން ހިންގުމަށް ބީއެމްއެލްއިން ވަނީ ހަމަޖައްސާފަ އެވެ. އެ ގޮތުން އާ ފެސިލިޓީތައް ހުޅުވުމާއި، ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ހަރަކާތްތައް ދަނީ ހިންގަމުންނެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 190 ކޭޝް އޭޖެންޓުން، 20 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމުގައި އެ ބޭންކުން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް