ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް "މިއަހަރު" ފެށޭނެ: ރައީސް

ވެރިކަމާއި ހަވާލުވެވަޑައިގެންނަވާ ފުރަތަމަ ދެ އަހަރު ތެރޭގައި ހދ. ކުޅުދުއްފުށީގައި އަޅާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ އެއާޕޯޓުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީ...

06 Feb 2017 | 08:09

ވެރިކަމާއި ހަވާލުވެވަޑައިގެންނަވާ ފުރަތަމަ ދެ އަހަރު ތެރޭގައި ހދ. ކުޅުދުއްފުށީގައި އަޅާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ އެއާޕޯޓުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިދިޔަ އަހަރު ފަހުކޮޅު ށ. ކަނޑިތީމު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މިއަހަރު ކުޅުދުއްފުއްޓާއި ށ. ފުނަދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައި ނިންމާ، ހިދުމަތް ދޭން ފަށާނެ ކަމަށެވެ. އެކަމަކު މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ކުޅުދުއްފުއްޓާއި ފުނަދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް މިއަހަރުު ފެށޭނެ ކަމަށެވެ. ނިންމައި ހިދުމަތް ދޭން ފެށޭނެ ކަމަކަށް ވިދާޅެއް ނުވެ އެވެ.

ރައީސް ވިދާޅުވީ އެ ދެ ރަށުގެ އިތުރުން ތިން ސަރަހައްދީ އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށެވެ. އެއީ ފ.ނިލަންދޫ، ގދ. މާވަރުލު، އަދި ގދ. ފަރެސްމާތޮޑާގައި ހަދާ އެއާޕޯޓުތަކުގެ މަސައްކަތް ކަމަށެވެ.

"ރާއްޖޭގެ އެކި އަތޮޅުތަކަށް ވައިގެ މަގުން ފަސޭހައިން ދަތުރުފަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ސަރަހައްދީ ވައިގެ ބަނދަރުތައް ގާއިމުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ މަސައްކަތްތަކުގެ ދަށުން ހދ. ކުޅުދުއްފުށި، ށ.ފުނަދޫ، ފ.ނިލަންދޫ، ގދ. މާވަރުލު، އަދި ގދ. ފަރެސްމާތޮޑާގައި ސަރަހައްދީ ވައިގެ ބަނދަރު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ ކުރިން 2014  މާޗް 3، ގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އެ މަހު ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ބަޔަކާއި ހަވާލު ކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް