ފައިން ޓެކްސީގެ ދަތުރުތަކަށް އެމްފައިސާއިން ފައިސާ ދެއްކޭގޮތް ހަދައިފި

ފައިން ޓެކްސީ ސެންޓަރުގެ ޓެކްސީ ދަތުރުތަކަށް އުރީދޫ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ނިޒާމް ޤާއިމްކޮށް އެކަން މިއަދު އިޢުލާނުކޮށްފިއެވެ. އުރީދޫގެ ހެޑް އޮފީހުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގ...

06 Feb 2017 | 06:19

ފައިން ޓެކްސީ ސެންޓަރުގެ ޓެކްސީ ދަތުރުތަކަށް އުރީދޫ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ނިޒާމް ޤާއިމްކޮށް އެކަން މިއަދު އިޢުލާނުކޮށްފިއެވެ.

އުރީދޫގެ ހެޑް އޮފީހުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މިކަން އިޢުލާނު ކުރެއްވީ ފައިން ޓެކްސީ ސެންޓަރުގެ ވެރިޔާ، އަޙްމަދު ޝިހާދު އަދި އުރީދޫގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒު އެވެ.

އުރީދޫއާއި ފައިން ޓެކްސީއާއި ދެމެދު ޤާއިމްކުރެވުނު މި ޕާރޓްނަރޝިޕްގެ ދަށުން ފައިން ޓެކްސީ ސެންޓަރުން ޚިދުމަތްދޭ ހުރިހާ ޓެކްސީއަކަށްވެސް އުރީދޫ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށާއި މިއާއިއެކު ޓެކްސީ ޚިދުމަތް ބޭނުންކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް މޯބައިލް ފޯނު މެދުވެރިކޮށް ރައްކާތެރިކަމާ ފަސޭހަކަމާއި އެކު ވަގުތުން ފައިސާ ދެއްކެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމުގައި އުރީދޫ އިން ހާމަކުރެ އެވެ.

"އުރީދޫގެ ޑިޖިޓަލް މޯލްޑިވްސް ތަޞައްވުރާއި ގުޅިގެންދާގޮތުން މޯބައިލް ފޯނު މެދުވެރިކޮށް ރައްކާތެރިކަމާ ފަސޭހަކަމާއިއެކު ޓެކްސީ ދަތުރުތަކަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ އަޅުގަނޑުމެން ނުހަނު އުފާކުރާ ކަމެއް. އުރީދޫ އިން ހިއްސާކުރާ އާންމު ދިރިއުޅުން ފަސޭހަ ކުރުމުގެ ތަސައްވުރާއި އެކު، މިގުޅުމުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް އަޅުގަނޑުމެން ޔަގީންކުރަން." އުރީދޫގެ ހެޑް އޮފް ސޭލްސް، ހުސައިން ނިޔާޒު ވިދާޅުވިއެވެ.

މި އެއްބަސްވުމާއި ބެހޭގޮތުން ފައިން ޓެކްސީ ސެންޓަރުގެ ވެރިޔާ އަހުމަދު ޝިހާދު ވިދާޅުވީ މި ޕާރޓްނަރޝިޕްގެ ދަށުން ޓެކްސީތަކަށް ޑިޖިޓަލީ ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށާއި މިޚިދުމަތް ދެވޭ އެންމެ ފުރަތަމަ ސެންޓަރަކަށް ފައިން ޓެކްސީ ވުމަކީ އެ ޓެކްސީ ސެންޓަރުން ނުހަނު ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އަދި ފައިސާ މާރު ކުރުމަށް ދިވާ ދަތިތަކަށް ފުރިހަމަ ޙައްލެއް ލިބިދޭ މި ނިޒާމުން ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި ޝިހާދު ވިދާޅުވި އެވެ.

އުރީދޫ އިން ހާމަކުރާގޮތުގައި މި ޕާރޓްނަރޝިޕްއާއެކު އުރީދޫ އެމްފައިސާ މެދުވެރިކޮށް ޓެކްސީއަށް ފައިސާ ދައްކަވާ ބޭފުޅުންނަށް މަހަކު 1000 އެމްބީ އާ ހަމައަށް ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ ފަށާފައެވެ. އަދި އެމްފައިސާ މެދުވެރިކޮށް ޕްރީޕެއިޑް ރިޗާރޖް ކުރައްވާ ކޮންމެ ފަހަރަކު %25 އިތުރު ކްރެޑިޓް، އެމްފައިސާ މެދުވެރިކޮށް ޕޯސްޓްޕެއިޑް ބިލް ދެއްކެވުމުން ކުރިއަށް އޮތް މަހުގެ ބިލުން %5 ޑިސްކައުންޓް، އަދި ކަނޑައެޅިފައިވާ އެމްފައިސާ މާރޗެންޓްތަކުން ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ.

ޑިޖިޓަލް ދިވެހިރާއްޖެއެއް ޤާއިމްކުރުމުގެ ތަޞައްވުރާއިއެކު 2016 ވަނަ އަހަރުގެ ޖުލައި މަހު އުރީދޫ އެމްފައިސާ ތަޢާރަފްކޮށްފައިވާއިރު، އުރީދޫގެ އަމާޒަކީ އެމްފައިސާގެ ޚިދުމަތާއި އެކު ދުވަހުން ދުވަހަށް ކުރަންޖެހޭ ފައިސާގެ މުއާމަލާތްތައް ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމާއި، ރައްކާތެރިކަމާއި އެކު ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދިއުން ކަމަށް އުރީދޫ އިން ހާމަކުރެ އެވެ. އެގޮތުން އުރީދޫ އެމްފައިސާ ޚިދުމަތުގައި މޮބައިލް އެކައުންޓް މެދުވެރިކޮށް ކަސްޓަމަރުންނަށް މޮބައިލް ފޯން ބޭނުންކުރައްވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ގާތް ތިމާގެ ބޭފުޅުންނަށް ފައިސާ ފޮނުއްވާ، އުރީދޫ ޕްރީޕެއިޑް އެކައުންޓް ރީޗާރޖް ކުރައްވާ، ވިޔަފާރި ކުރެއްވުމުގެ އިތުރުން ބިލްވެސް ދެއްކެވޭ ހިދުމަތެކެވެ. މި މޮބައިލް އެކައުންޓަށް އެސްޓީއޯ ފާމަސީތައްފަދަ އުރީދޫ އެމްފައިސާ ޚިދުމަތް ފޯރުކޮށްދޭ ސެންޓަރތައް މެދުވެރިކޮށް، ފައިސާ ޖަމާކޮށް، އެކައުންޓުން ފައިސާ ނެގޭނޭ އިންތިޒާމުވެސް ވަނީ ހަމަޖައްސާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް