މިދިޔަ އަހަރުގެ ނޮވެމްބަރު ޑިސެމްބަރުން ފެށިގެން ޗައިނާގައި ފެތުރެމުން އަންނަކަމަށްބުނާ ހިއުމަން މެޓަނިއުމޯވައިރަސްގެ މިފަހަރުގެ ފުރަތަމަ ކޭސް އިންޑިއާއިން ފެނިފައިވާކަމަށް އިންޑިއާއިން ބުނެފިއެވެ.
މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބެންގަލޫރަށް ނިސްބަތްވާ އުމުރުން އެންމެ އަށް މަހުގެ ތުއްތު ކުއްޖަކަށް ކަމުގައި އިންޑިއާ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާގޮތުގައި އެ ރިޕޯޓް ލިބިފައިވަނީ ބެންގަލޫރުގެ އުތުރުގައި ހިންގަމުން އަންނަ އަމިއްލަ ހޮސްޕިޓަލެއްކަމުގައިވާ ބަޕްޓިސްޓް ހޮސްޕިޓަލުންނެވެ.
އެ ހޮސްޕިޓަލުން އެ ކުރި ރިޕޯޓް އިތުރަށް ކަށަވަރުކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެ ޗައިނާގައި އެމްއެމްޕީވީ ކޮންޓްރޯލުން ނެއްޓި ފެތުރެމުން އަންނަކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން (ހާއްސަކޮށް އިންޑިއާގެ މީޑިއާތަކުން) ރިޕޯޓްކުރަމުންދާތާ ދުވަސްތަކެއް ވެފައިވާއިރު ޗައިނާއިން ވަނީ އެކަން ދޮގުކޮށްފައެވެ.
ޗައިނާއިން ބުނަނީ މޫސުމީ ބަލިތައް ރިޕޯޓްކުރެވޭ އަދަދު ކޮންމެވެސް ވަރަކަށް އިތުރުވެފައިވާކަމަށާއި އަދި ކުރިންވެސް ޗައިނާ އަދި އެތައް ގައުމެއްގައިވެސް ފެނިފައިވާ އެޗްއެމްޕީވީވެސް އެ ބަލިތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް