ވިއްސާރަވުމުގެ ސަބަބުން މާލޭގައި ފެންބޮޑުވެ ގެއްލުންވާ ގެތަކުގެ މައުލޫމާތު އެއްކުރުމުގެ ސާވޭއެއް މޯލްޑިވްސް ނެޝަނަލް ޑެފެންސް ފޯސް (އެމްއެންޑީއެފް)ގެ މާލެ އޭރިއާ ކޮމާންޑުން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މި ސާވޭ ކުރުމުގެ މަގުސަދަކީ މާލޭގައި ފެންބޮޑުވާ ގެތަކުގެ ލޮކޭޝަންތައް މެޕްކުރުމާއި، ފެންބޮޑުވެގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ އެޅިދާނެ ފިޔަވަޅުތައް ހިއްސާކުރުން ކަމަށެވެ.
މިއަދުން ފެށިގެން މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ސާވޭގައި، 31 ޑިސެމްބަރު 2023 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ ގެއްލުން ލިބުނު ގެތަކަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކުރާނެ ކަމަށް އެމްއެންޑީއެޕް އިން ބުނެއެވެ.
މިފަހުން މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އައިޖީއެމްއެޗް ކައިރީގައާއި، ދިވެހިރާއްޖޭގެ އަޑު ކައިރީގައާއި، ވެސްޓް ޕާކް ކައިރީގައާއި، މާފަންނު ސްޓޭޑިއަމް ކައިރީގައާއި، ޕޮލިޓެކްނިކް ކައިރީގައާއި، ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައާއި ޕޯސްޓް އޮފީސް ކައިރީގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް