ވިލިމާލޭގެ ފައިބަރު މަސައްކަތަށް ހަ މަސްތެރޭގައި ތިލަފުށިން ބިން ދޫކުރަން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާލުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިންނަށް ވިލިމާލެއަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ފައިބަރު މަސައްކަތް ކޮށްގެން އާމްދަނީ ހޯދައިގެން ދިރިއުޅޭ އާއިލާތަކެއް ވިލިމާލޭގައި އުޅޭކަން ފާހަގަކުރައްވާފައެވެ.
އަވަށުތެރޭގައި އެކަން ކުރުމަކީ ސިއްހަތަށް ނުރައްކާވާ ކަމެއް ކަން ފާހަގަކުރައްވާ ރައީސް ޑރ.މުޢިއްޒު ވިދާޅުވީ އެމަނިކުފާނު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި އިރުވެސް ވިލިމާލޭގެ ފައިބަރު މަސައްކަތަށް ހާއްސަ ބިމެއް ކަނޑައެޅުމުގެ މަސައްކަތް ކުރެއްވި ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެކަން ކާމިޔާބު ވެފައި ނުވާކަމަށެވެ.
ނަމަވެސް އެމަނިކުފާނު ރާއްޖޭގެ ރައީސް ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރެއްވި މަސައްކަތުން، ފައިބަރު މަސައްކަތް ކުރުމަށް ތިލަފުށިން ބިން ހަމަޖައްސާފައިވާކަމަށް ވިދާޅުވިއެވެ. އަދި އެންމެ ގިނަ ވެގެން ހަ މަސް ދުވަހުގެ ތެރޭގައި ރަނގަޅު އުސޫލެއްގެ ތެރެއިން ތަރުތީބު ކުރެވިގެން، ފައިބަރު މަސައްކަތަށް ތިލަފުށިން ބިން ދޫކުރަން ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަން ފަހިކޮށްދިނުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް