ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތް ހެދުމަށް އެދި ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިންނަށް ވިލިމާލެއަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތް ހެދުމަކީ އެމަނިކުފާނު މޭޔަރަކަށް ހުންނެވި އިރުވެސް ތަކުރާރުކޮށް މަސައްކަތް ކުރެއްވި ކަމެއް ކަމަށެވެ. ނަމަވެސް ކުރީގެ ޕްލޭނިންގ މިނިސްޓްރީން އެ މަސައްކަތް ހިފަހައްޓާފައި އޮތުމުން އެކަން ކާމިޔާބުވެފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
10 ބުރިއަށް އިމާރާތް ކުރުމަށް ޕްލޭނިންގ ގަވާއިދު ބަދަލުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އިރު، އެކަން ކުރެވޭނީ ޕްލޭނިންގ މިނިސްޓްރީން ގަވައިދު އިސްލާހުކޮށް، މަޖިލީހުގެ އެކަމާ ބެހޭ ގަވައިދު ކޮމިޓީއަށް ފޮނުވައިގެން ގާނޫނަށް ބަދަލުގެނެސްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވިލިމާލެ ރައްޔިތުން ބޭނުންވަނީ 10 ބުރިއާ ހަމައަށް ވިލިމާލޭގައި ގެދޮރު އިމާރާތް ކުރެވުން ކަމަށާއި އެކަމަށްޓަކާ ސަރުކާރުގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
2015 ވަނަ އަހަރުގެ ނިޔަލަށް ވިލިމާލޭގައި އިމާރާތްކުރެވެނީ ހަތަރު ބުރިއަށެވެ. ވިލިމާލޭގައި ހަ ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ބަދަލު ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް