ބަންގްލަދޭޝްގައި ރޯކޮށްލި ކަމަށް ބެލެވޭ ހަމަލާއެއްގައި ފަސިންޖަރު ރޭލެއްގައި އަލިފާން ރޯވެ ހަތަރު މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހުކުރު ދުވަހު ހިނގި މި ހާދިސާގެ ސަބަބުން އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބާ ދިމާކޮށް ގައުމުގައި ނުތަނަވަސް މާހައުލެއް ވަނީ އުފެދިފައެވެ.
ފަޔަރ ސަރވިސްގެ އޮފިސަރު ރަކްޖީބުލް ޙަސަން ވިދާޅުވީ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ޖެސޯރުން ވެރިރަށް ޑާކާއަށް އައި ބެނާޕޯލް އެކްސްޕްރެސްގައި ހަތަރު ކޯޗެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ. އަލިފާންގަނޑު ވަނީ ބާރު ސްޕީޑުގައި ރޭލު ތެރެއަށް ފެތުރިގެންފައެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ އާއްމު ރައްޔިތުން ކަމަށް ފުލުހުންގެ ރެޕިޑް އެކްޝަން ބެޓަލިއަން ޔުނިޓްގެ ޚާންދަކަރް އަލް މޮއިން ވިދާޅުވިއެވެ. އަދި އަލިފާން އެއްކޮށް ނިއްވަން ގާތްގަނޑަކަށް ދެ ގަޑިއިރު ހޭދަވި ކަމަށް އޭނާ ވިދާޅުވިއެވެ.
ޑާކާ މެޓްރޮޕޮލިޓަން ޕޮލިސްގެ ޑެޕިއުޓީ ޗީފް މޯހިދު އުއްދީން ސިފަކުރެއްވި ގޮތުގައި މިއީ އިންތިހާބުގެ ކުރިން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަން ރާވައިގެން ހިންގި ކަމެކެވެ. "މިފަދަ ނުރައްކާތެރި ހަމަލާތަކުގައި ބައިވެރިވާ މީހުން ޔަގީނުން ވެސް ހޯދާނަން." އުއްދީން ވިދާޅުވިއެވެ.
ފުލުހުންގެ ވެރިޔާ އަންވަރު ހުސައިން ވެސް އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވީ އަލިފާނުގެ ހާދިސާއަކީ ހަރުކަށި ފިކުރުގެ އަމަލެއް ކަމަށް ޝައްކު ކުރެވޭ ކަމަށެވެ.
ނަން ހާމަނުކުރާ މީހަކު ސޮމޯއި ޓީވީއަށް މައުލޫމާތު ދެމުން ބުނީ އަލިފާން ރޯވެފައިވާ ރޭލުން މީހުން ނެރުމަށް އެތައް ސަތޭކަ ބަޔަކު އަވަސްވެގަތް ކަމަށެވެ. "އަޅުގަނޑުމެން ވަރަށް ގިނަ މީހުން ސަލާމަތް ކުރިން. އެކަމަކު އަލިފާންގަނޑު ވަރަށް އަވަހަށް ފެތުރިގެން ދިޔަ." އޭނާ ބުންޏެވެ. ސޮމޯއި ޓީވީން ބުނީ އިންޑިއާގެ ބައެއް ރައްޔިތުން ވެސް ރޭލުގައި ދަތުރުކުރި ކަމަށެވެ.
އިންތިހާބާ ގުޅޭ ހަމަނުޖެހުންތައް
ބަންގްލަދޭޝްގައި އިންތިޚާބާ އިދިކޮޅަށް އާއްމުކޮށް ހަމަނުޖެހުންތައް ހިންގަމުންދާއިރު، އާދީއްތަ ދުވަހު ވޯޓުލުން ކުރިއަށް ގެންދަނީ ބާރުގަދަ ދެ އަންހެނުން ކަމަށްވާ މިހާރުގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި ގޭބަންދުގައި މިހާރު ހުންނެވި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ އާ ދެމެދުއެވެ.
އިންތިހާބު ބޭއްވުމަށް ނިއުޓްރަލް ކެއާޓޭކަރ ސަރުކާރެއް އުފެއްދުމަށް ޒިޔާގެ ބަންގްލަދޭޝް ނޭޝަނަލް ޕާޓީ (ބީއެންޕީ) އިން އެދުމުން ހަސީނާ އެކަމަށް ދެކޮޅު ހެއްދެވުމާ ގުޅިގެން ބީއެންޕީން ވަނީ އިންތިހާބު ބޮއިކޮޓް ކުރަން ނިންމާފައެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށި ފަހުން ސިޔާސީ ހަމަނުޖެހުންތަކުގައި ތިން މީހަކު ވަނީ މަރުވެފައެވެ.
ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ ވޯޓާއި ގުޅިގެން ހިންގަމުންދާ އަމަލުތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެ ގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޗާލްސް ވައިޓްލީ ބަންގްލަދޭޝްގެ އިލެކްޝަން ކޮމިޝަނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެ ބްލޮކުން ފުލް އޮބްޒާވަރ ޓީމެއް ނުފޮނުވާނެ ކަމަށާއި ސަބަބަކީ "ބޭނުންވާ ޝަރުތުތައް ފުރިހަމަވާނެ ކަން އެކަށީގެންވާ ގޮތެއްގައި ސާފުނުވާތީ" ކަމަށެވެ.
ނިއުޔޯކްގައި ހުންނަ އދގެ ސެކްރެޓަރީ ޖެނެރަލްގެ އެސޯސިއޭޓް ސްޕޯކްސްޕާސަން ފްލޮރެންސިއާ ސޯޓޯ ނީނޯ ބުދަ ދުވަހު ވިދާޅުވީ އެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އުއްމީދަކީ ހުރިހާ އިންތިހާބެއް ވެސް ދެފުށް ފެންނަ އަދި އިންތިޒާމުކުރެވިގެން ކުރިއަށް ގެންދިއުން ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޑާކާ ކައިރީގައި އޮންނަ ފަތުاللهގައި ބޭއްވި ބޮޑު ކެމްޕެއިން އެއްވުމެއްގައި ހަސީނާ ވަނީ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް އިލްތިމާސް ކުރައްވާފައެވެ.
އާދީއްތަ ދުވަހު ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި 300 ދާއިރާގެ ތެރެއިން 299 ދާއިރާއެއްގައި ވޯޓުލުން ކުރިއަށްދާނެ ކަމަށް ބަންގްލަދޭޝްގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް