ކޮވިޑް-19 ގެ އާ ވޭރިއަންޓްތައް ފެތުރެމުން އަންނަ އިރު އެކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެކަނި ސަމާލުކަން ދިނުމުގެ އިތުރުން ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށް ވެސް އަމަލީ ގޮތުން މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. އެގޮތުން، ކެއުމުގައި ވަކި ބާވަތްތަކެއްގެ ކާނާ ހިމެނުމަކީ ދިފާއީ ނިޒާމް ވަރުގަދަކޮށް، ސިއްހީ އެކި އެކި ގޮންޖެހުންތަކާ ދެކޮޅަށް ހަށިގަނޑު ވަރުގަދަ ކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅެކެވެ.
އޮރެންޖް، ލުނބޯ، ޓެންޖަރިން އަދި މޭބިސްކަދުރު ފަދަ ސިޓްރަސް މޭވާއަކީ ހުތް ރަހައަކާއި ވިޓަމިން ސީ ގެ މުއްސަނދިކަން އެކުލެވިގެންވާ މޭވާއެވެ. މި ޒަރޫރީ ނިއުޓްރިއެންޓަކީ ދިފާއީ ބާރު އިތުރުކޮށްދޭ އެއްޗެކެވެ. ސިޓްރަސް މޭވާގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކަކީ ފްރީ ރެޑިކަލްތަކުން ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދީ ދިފާއީ ނިޒާމު ރައްކާތެރިކޮށްދޭ މާއްދާއެކެވެ.
ކިވީ އަކީ ވެސް މުޅި ސިއްހަތަށް ފައިދާހުރި މޭވާއެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ. ފޯލެޓާއި ވިޓަމިންސް އަދި މިނަރަލްސް އެކުލެވިގެންވާ މި ބާވަތަކީ ދިފާއީ ނިޒާމު ވަރުގަދަކުރުމުގެ އިތުރުން ސިއްހަތާ ގުޅުންހުރި ތަފާތު މައްސަލަތަކަށް ވެސް ހައްލު ހޯދައިދޭ އެއްޗެކެވެ. އާދައިގެ ކެއުމުގައި ކިވީ ހިމެނުމަކީ ސިއްޙީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ.
އޮމެގާ-3 ފެޓީ އެސިޑުން މުއްސަނދި، ޓޫނާ، މެކެރެލް އަދި ސާޑިން ފަދަ މަސްތަކަކީ ސިއްހަތަށް ބޮޑެތި ފައިދާތަކެއް ކޮށްދޭ އެއްޗެކެވެ. މީގައި ހުންނަ އެސިޑްތަކާއި އެންޓި-އިންފްލެމޭޓަރީ މާއްދާތަކުގެ ސަބަބުން ދިފާއީ ނިޒާމު ހަރުދަނާ ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ބަދިގެތަކުގައި އާއްމުކޮށް ހުންނަ ލޮނެމެދަކީވެސް ސިއްހަތަށް ފައިދާހުރި މާއްދާތަކުގެ ޚަޒާނާއެކެވެ. އޭގައި ހިމެނޭ އެންޓި-އިންފްލެމޭޓަރީ މާއްދާތަކުގެ ސަބަބުން އިންފްލެމޭޝަން ދަށްކޮށް، ދިފާއީ ނިޒާމު ވަރުގަދަކޮށްދެއެވެ. މީގެ އިތުރުން ލޮނުމެދުގައި އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވާއިރު، މިއީ ފްރީ ރެޑިކަލް ގެއްލުމުން ރައްކާތެރިކޮށްދޭ މާއްދާތަކެކެވެ.
ނިއުޓްރިޝަނަލް ޕަވަރހައުސްއެއް ކަމަށްވާ ސްޕިނެޗްގައި ފްލެވޮނޮއިޑްސް، ވިޓަމިން ސީ، ވިޓަމިން އީ އަދި ދިފާއީ ނިޒާމު ވަރުގަދަކުރުމަށް އެހީތެރިވެދޭ ތަފާތު މިނަރަލްސް ހުރެއެވެ. ސްޕިނެޗް ގަވާއިދުން ކެއުމަކީ ތަފާތު ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެކެވެ.
ވިޓަމިންސް އާއި މިނަރަލްސް އިން މުއްސަނދި ވެފައިވާ ބްރޮކޮލީ އަކީވެސް ދިފާއީ ބާރު ވަރުގަދަކޮށްދޭ ތަރުކާރީއެކެވެ. އެންޓިއޮކްސިޑެންޓްގެ އިތުރުން ވިޓަމިން އޭ، ސީ އަދި އީ އެކުލެވިގެންވާ ބްރޮކޮލީއަކީ ދިފާއީ ބާރު ވަރުގަދަކޮށްދީ ބަލިތަކުން ދުރުކޮށްދޭ އެއްޗެކެވެ.
ކޮވިޑް-19 ގެ ވޭރިއަންޓްތަކުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ދިފާއީ ބާރު ވަރުގަދަ ކުރުމަށް ދުޅަހެޔޮ ސިއްހަތެއް ގެންގުޅުމަކީ ބުއްދިވެރި ގޮތެވެ. ސިޓްރަސް މޭވާ، ކިވީ، ފެޓީ ފިޝް، ލޮނުމެދު، ސްޕިނެޗް އަދި ބްރޮކޮލީ ކެއުމުގައި ހިމެނުމަކީ އިންފެކްޝަންތަކުން ވަރުގަދަ ދިފާއުއެއް ލިބޭނެ ކަމެކެވެ. ޞިއްޙަތާއި ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމަކަށް ވެގެންދާއިރު، މަޢުލޫމާތު ލިބިގެން ކާނާތައް ކަނޑައެޅުމަކީ ހަރުދަނާ ދިފާޢީ ނިޒާމަކަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް