މޭޔަރު އާތިފްވެސް ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދުކުރަން ނިންމައިފި

ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވަން ނިންމަވާ އެކަން އިއުލާންކުރައްވައިފިއެވެ. މޭޔަރު އާތިފް މިރޭ ކުރެއްވި ޓްވީޓެއ...

06 Jan 2023 | 17:45

ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވަން ނިންމަވާ އެކަން އިއުލާންކުރައްވައިފިއެވެ.

މޭޔަރު އާތިފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބަދުވެސް އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މަސްލަހަތާއި ކުޅުދުއްފުށީގެ ކުރިއެރުމާއި ތަރައްޤީ ކަމަށްވާތީ މިއަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރަން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީގެ ތިން އަހަރުގެ ސަރުކާރާއި ހަތަރު އަހަރުގެ ސަރުކާރެއް ތަޖުރިބާ ކުރެއްވިއްޖެ ކަމަށާއި އެ ދެ ސަރުކާރު އަޅާކިޔާއިރު ކުޅުދުއްފުށްޓަށް އެންމެ ބޮޑު ތަރައްޤީ އަކާއި ހެޔޮ ބަދަލެއް ގެނެވިފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ހޭދަކުރެއްވި ކުރު މުއްދަތުގައި ކަމަށް މޭޔަރު އާތިފް ވަނީ ވިދާޅުވެފައެވެ.

އަދި ކުޅުދުއްފުށީގެ ގިނަ ރައްޔިތުން މިއަދުވެސް ތިބީ އެފަދަ ހަލުވި ތަރައްޤީ އަކަށް ފެންބޮވައިގެންފައި ކަމުގައިވެސް އާތިފް ވިދާޅުވިއެވެ.

މޭޔަރު އާތިފް މިރޭ ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދަށް ތާއީދު ކުރައްވަން ނިންމަވާފައި ވަނީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފް ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވާ ރައީސް ނަޝީދަށް ތާއީދު ކުރައްވާކަން ހާމަކުރެއްވިތާ ކުޑައިރުކޮޅެއް ފަހުންނެވެ.

މޭޔަރު އާތިފްގެ ޓްވީޓްގައި ކުޅުދުއްފުށީ ސިޓީގެ ތަރައްޤީއަށް ރައީސް ނަޝީދުގެ ސަރުކާރުން އެންމެބޮޑު ތަރައްޤީއަކާއި ހެޔޮ ބަދަލެއް ގެނެސްފައިވާ ކަމަށް ވިދާޅުވެފައި ވާއިރު، ރައީސް ޞާލިހްގެ ސަރުކާރުން ދަނީ އެ ސިޓީއަށް ގިނަ ގުނަ ކަންކަން ކޮށްދެއްވަމުންނެވެ.

އެގޮތުން އެ ސިޓީގައި އިމާރާތް ކުރުމަށްފަހު 11 އަހަރު ވަންދެން އަޅާނުލާ ހުރި ރޯ ހައުސްތަކުގައި މީހުން ދިރިއުޅެވޭނެ ވަރަށް އެ ތަން ތަރައްޤީކޮށް ގުރުއަތުލުން ބާއްވާ އެ ފްލެޓްތައް މީހުންނާ ހަވާލުކުރީ ވެސް ރައީސް ޞާލިހްގެ ސަރުކާރުގައެވެ. އަދި ކުޅުދުއްފުށީ ސިޓީގެ ރީޖަނަލް ހޮސްޕިޓަލުގައި މުޅިން އައު އޯޕީޑީ އިމާރާތެއް ޤާއިމުކޮށް ޒަމާނީ އެތައް ހިދުމަތްތަކެއް ވެސް ފެށީ މި ސަރުކާރުގައެވެ.

މީގެ އިތުރުން ރައީސް ޞާލިހްގެ ސަރުކާރުން ވަނީ ކުޅުދުއްފުށި ސިޓީގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ. ކުޅުދުއްފުށީގެ ސަރަހައްދީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު ކުޅުދުއްފުށި އެއާޕޯޓްގައި ލައިޓް ހަރުކޮށް ރޭގަނޑު ދަތުރުތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް މިސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް