ސުކޫލް ދަރިވަރުންނަކީ އެކުދިންގެ ދިރިއުޅުމުގައި ތަފާތު ކަންތައްތަކާއި ކުރިމަތިލާނެ ކުދިންނެވެ.
ރަނގަޅު ކަންތައްތަކާއި ގޯސް ކަންތައްތަކެވެ. ކާމިޔާބާއި ނާކާމިޔާބެވެ. އަދި ބައެއް ކުދިންނަކީ ނާކާމިޔާބުވާން ފެށުމުން ނުވަތަ ސުކޫލްގެ މާހައުލުގެ ތެރޭގައި އެކުދިން ބޭނުންނުވާ ގޮތަށް ކަންކަންވާން ފެށުމުން ސުކޫލަށް ނުދިޔުމަށް ނިންމާ ކުދިންނެވެ. އެގޮތުން އެފަދަ ކަމެއްގައި ސުކޫލަށް ދާން ބޭނުންނުވާ ކުއްޖާއާމެދު މައިންބަފައިންގެ އަމަލުތައް ބެހެއްޓޭ ގޮތަކީ ކުއްޖާގެ ކިޔެވުމަށާއި ވިސްނުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމެކެވެ.
އަމިއްލަ ނަފްސަށް އުނދަގޫވާ ކަންކަމުން ނުވަތަ ކުރަން އުނދަގޫ ކަންކަމާއި ކުރިމަތި ނުލައި ފަސްޖެހުމަކީ އިންސާނާގެ ފިތުރަތުގައިވާ އާދައެކެކެވެ. އެގޮތުން ސުކޫލް މާހައުލުގައި ބުލީ އާއި ކުރިމަތިލާނަމަ ތިބާގެ ދަރިފުޅުވެސް ސުކޫލަށް ނުދިއުމަށް ބަހަނާތަކެއް ދައްކަން ފަށާނެއެވެ.
ތަނަކަށް ތަދުވަނީ ކަމުގައި ބުނުންފަދަ ސުކޫލަށް ނުގޮސް ހުރުމަށް މަސައްކަތްކުރާނެއެވެ. މިގޮތަށް ދަރިފުޅުގެ އަމަލުތައް ހުންނަ ކަމުގައިވާނަމަ އަސްލު ސަބަބު ހޯދުމަށް މަސައްކައްކުރުމަކީ ބެލެނިވެރިޔާގެ ޒިންމާއެކެވެ.
ދަރިފުޅުގެ އާއްމު ސުލޫކަށް ބަދަލެއް އަންނަކަން ފާހަގަކުރެވި ބުލީފަދަ ކަމެއް ކުއްޖާ ތަހައްމަލު ކުރާކަމުގެ ކުޑަވެސް އިޝާރާތެއްވާނަމަ އަހާ އޮޅުންފިލުވާށެވެ. އެގޮތުން ކުދިން ބޮޑުވާވަރަކަށް ވާހަކަ ދައްކަން ފަސޭހަވާނެކަމުގައި ދަނެ އެކުދިންގެ ގާތު ސީދާ އަހައިގެން ހޯދާށެވެ.
އަދި ހިތްހަމަނުޖެހޭ ކަހަލަ ވާހަކައެއް ދަރިފުޅު ފެށިކަމުގައިވިޔަސް ކިޔައިދޭ ވަގުތު ރުޅި އިސްނުކޮށް ރަނގަޅަށް އަޑުއަހަންވާނެއެވެ. ވާހަކައިގެ ތެރެއިން މެނދުކަނޑައި ކުއްޖާގެ ވާހަކަ ފުރިމަނުކުރެވޭފަދަ ކަންކަމުން ދުރުހެލިވާންވާނެއެވެ.
ބައެއް ކުދިންނަކީ ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަމެއް މައިންބަފައިންނަށް ކިޔައިދޭނެ ކުދިންނެވެ އެކަމަކު އުނދަގޫ ހާލަތްތަކުގައި އަމިއްލަ ނަފްސަށް ކަންކަން ބެހެއްޓުމަށް އާދަވެފައިވާ ކުދިންވެސް ތިބޭނެކަމުގައި ދެކި ސުކޫލުގައި އެކުދިންނަށް ދިމާވާ ކަންކަން ހޯދުމަށް މަސައްކަތްކުރަންވާނެއެވެ.
އެގޮތުން ބުލީގެ ޝިކާރައަކަށްވެފައިވާކަން ޔަގީންވެއްޖެނަމަ އެހެން ކުއްޖެއްގެ އަމަލެއް ހުއްޓުވުމަކީ ފަސޭހަކަމެއް ނޫންކަމުގައި ބަލައިގެން ތިބާގެ ދަރިފުޅަށް ކަންތައްތައް ކުރެވިދާނެ ގޮތް އޮޅުންފިލުވައިދީ ކުރެވިދާނެ ކަންތައްތަކެއް ކިޔާދިނުމަކީ އެންމެ ފުރަތަމަ އަޅަންވީ ފިޔަވަޅެވެ. ބުލީވުމަކީ އެކުދިންގެ މައްސަލައަކުންވާކަމެއްކަމުގައި ނޫންނަކަން ވިސްނަދެވިދާނެއެވެ.
ބުލީ ކުރާ ކުއްޖާގެ ވިސްނުން ގޯސްކަމަށް ބުނެދީ އެކުދިންގެ އެހަރަކާތް ރަނގަޅުވާނެ ކަމުގެ އުއްމީދު އާކޮށްދެވިދެވިދާނެއެވެ. އަދި އަމިއްލަ ނަފްސުގެ ދިފާއުގައި ބުނެވިދާނެ ބަސްތަކެއް އެކުގައި ވިސްނުމަށްފަހު ނިންމި ދާނެއެވެ.
ބުލީ އާއި ކުރިމަތިލާނެޖެހިފައިވާ ދަރިފުޅަށް ވިސްނަދޭންވީ ބުލީކުރާ ކުއްޖަކު އެކަމެއް ކުރަނީ ބާރުގަދަކަމުގެ އިހްސާސްކުރުމަށް ނުވަތަ ސަމާލުކަން ހޯދުމަށްކަމުގައިކަން ކިޔައިދޭށެވެ. ތިބާގެ ދަރިފުޅަށް ދަސްކޮށްދޭންވީ ބުލީ ކުރަމުން ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދީ އަމިއްލަ ނަފްސާއިމެދު ރަނގަޅަށް ވިސްނުމަށެވެ. އެއްވެސް ހާލަތެއްގައި ބިރެއްގެ ނުވަތަ ގެއްލުމެއްގެ އިހުސާސް ކުރެވޭނަމަ އެތަނަކުން ދުރުވެ އިތުބާރުކުރެވޭ ބޮޑު މީހަކަށް ހިއްސާކޮށް ރައްކާތެރިވުމަށް މަސައްކަތްކުރާނެ ގޮތް ދަސްކޮށްދޭށެވެ،
ތިބާގެ ދަރިފުޅުގެ ކުރިމަތީގައި އެހެން ކުއްޖަކަށް ބުލީވާނަމަ އެއްކުއްޖެއްގެ ދިފާއުގައި ހުރުމަށްވެސް ދަސްކޮށްދޭންވާނެއެވެ. އަބަދުވެސް ވިސްނައިދޭންވާނީ އެހެންކުދިންނާމެދު އަމަލުކުރަނވާނީ އެކުއްޖަކާއިމެދު އެހެންކުދިންގެ އަމަލިތައް ހުރުމަށް ބޭނުންވާ ފަދައިންކަމުގައެވެ. އަދި ރަނގަޅުގޮތް ރީތިކޮށް ކެރިގެން ބުނުމަށްވެސް ދަސްކޮށްދޭންވާނެއެވެ.
ސުކޫލުގައި ހިނގާ ހުރިހާ ކަމެއް ފަހަރުގައި މުދައްރިސުންނަށްވެސް ނޭނގި ހުރެދާނެއެވެ. އެގޮތުން ތިބާގެ ދަރިފުޅުގެ ފަރާތުން އެފަދަ މައްސަލައެއްގެ ޝަކުވާ އަންނަކަމުގައިވާނަމަ މުދައްރިސަށް މައުލޫމާތުދީ ސަމާލުކުރުވުމަކީވެސް ކުރެވިދާނެ ކަމެކެވެ. އަދި ވަކި ދަރިވަރެއްގެ ފަރާތުން ބުލީވާކަން ޔަގީންވާނަމަ ރީތިކޮށް ދޭހަވާނެގޮތަށް އެކުއްޖެއްގެ ބެލެނިވެރިޔަކާއި ބައްދަލުކޮށްލާ އެކުގައި މަޝްވަރާކޮށްލުމަކީވެސް ހައްލަކާއި ހިސާބަށް ވާސިލުވެވޭނެ މަގެކެވެ.
ދަރިފުޅުގެ އެންމެ ތުއްތު އިރުން ފެށިގެންވެސް އަމިއްލަ ނަފްސުގެ ދިފާއުގައި ބަސްބުނެ އަމަލުކުރެވޭނެ ގޮތްތައް ދަސްކޮށްދޭންވާނެއެވެ. އަދި ސުކޫލުގައިވިޔަސް އެކުއްޖަކު ވަގުތު ހޭދަކުރާ ކޮންމެ މާހައުލަކުންވެސް އުނދަގުލެއް ކުރިމަތިވާނަމަ ބެލެނިވެރިޔާ ގާތު ބުނުމުގެ މުހިއްމުކަން އިހުސާސްކޮށްދީ ކޮންމެ ހާލަތެއްގައިވެސް ރައްކާތެރިކޮށްދިނުމަށް ތިބާ ހުންނާނެކަމުގެ ޔަގީންކަން އަބަދުވެސްދޭންވާނެއެވެ.
ސުކޫލުގައި ކުދިންގެ އުޅުމަށް އަންނަ ބަދަލުތައް ޓީޗަރުންނާއިއެކު ބެލެނިވެރިންވެސް ގާތުން ބަލައިވިސްނަންވާނެއެވެ. ފަހަރުގައި ތިބާގެ ދަރިއަކީވެސް މިފަދަ ކަމެއްގެ ކުރިމަތިވެ ހައްލުކުރުމަށް ނުކުޅެދިފައިވާ ކުއްޖެއްކަމުގައިވެދާނެއެވެ.
އުމުރުގެ ކުދިންގެ މެދުގައި ދިމާވާނެ ހުރިހާ ކަންކަމަކީ އެކުދިންނަށް އަމިއްލައަށް ހައްލުކުރެވޭން ކަންކަންކަމުގައި ވިސްނުމަކީ މައިންބަފައިންގެ ހުރެގެންވާނެ ވިސްނުމެއްނޫނެވެ. ބެލެނިވެރިއަކަށްވެހުރެ ފުންކޮށް ވިސްނާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް