އެމްޑީޕީ ތެރެއިން ޑީއާރުޕީ ފިކުރުގެ ކުލަތައް ފެންނާތީ އެކަމާ ކަންބޮޑުވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި ވާއިރު ޑީއާރުޕީއަށް ތާއީދު ކުރައްވާ އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވި ގިނަ ފަރާތްތަކެއް ދަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި ގުޅިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ފެކްޝަނުގައި މަސައްކަތް ކުރައްވަމުންނެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަމުންދާ ރައީސް ނަޝީދު މިއަދު އއ. ރަސްދޫގައި ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި ވިދާޅުވީ އެމްޑީޕީގެ ތެރެއިން ޑީއާރުޕީ ފިކުރުގެ ކުލަތައް ފެނިވަޑައިގަންނަވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ޑީއާރުޕީ ފިކުރުގެ ބައެއް ބޭފުޅުން، ރައީސް ޞާލިހާ ދިމާލަށް "ތިއައީ ޒައީމޭ" ވިދާޅުވުމުން ވެރިކަމުގެ އަރާމާއި ލައްޒަތުގައި ހުންނަވައި އެއީ ހަގީގަތް ކަމަށް ގަބޫލު ކުރައްވައިގެން ރައީސް ޞާލިހް ހިނިތުންވެލާތަން ފެންނާތީ އެކަމާ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ނަޝީދު ވިދާޅުވީ އަށްޑިހައިގެ އަހަރުތަކުގައި އިވުނު ފަދަ، ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރާތީ ގޭގައި ބަހައްޓާލަން އަންގާލައި، އެހެން ރަށަކަށް ބަދަލުކޮށްލައި، ޒާތުގެ ބަސްތަކެއް އަޑު އިވެމުންދާ ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.
އަދި އެ ފަދަ ޑީއާރުޕީ ފިކުރަށް ރާއްޖޭގެ ރައްޔިތުން ނޭނބުރޭނެ ކަމަށާއި އެއީ ޝައްކު ހިނގާ ކަމެއް ކަމެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.
އެމްޑީޕީން ވެރިކަމަށް އަންނަން ބުއްދިވެރީ ވަރަށް އާދައިގެ ގޮތަކަށް އުޅެ، އެކަން ކުރެއްވުނީމާ ކަމަށާއި މާ ބޮޑު ލޯންޗުތަކުގައި މާ ގަދަރާއި އިއްޒަތް ބަބުޅާ ދައްކަމުން އެކަން ކުރަން ފަށައިފި ނަމަ، އެ އާދެވެނީ ނުބައި ވެރިކަމަކަށް ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ ވެރިކަމެއް ކުރަން އޮތް މަގު އެމްޑީޕީން ހޯދައި ދަސްކޮށްފައިވާ ކަމަށާއި އެ މަގުން ނޫން ގޮތަކަށް އެމަނިކުފާނު ދަތުރު ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް