ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނުވަތަ އަތުގެ ބައްޔެއްގެ ސަބަބުން މޭކަޕް ކުރުމުގައި އުނދަގޫތަކާއި ކުރިމަތިލާ ފަރާތްތަކަށް ޙާއްސަ މޭކަޕް ކުރުމުގައި ބޭނުންކުރުމަށް ޕްރޮޑަކްޓެއް ދުނިޔޭގެ މަޝްހޫރު މޭކަޕް ކުންފުނި ލޮރެލް އިން މާކެޓަށް ނެރެފިއެވެ.
‘ހަޕްޓާ’ ގެ ނަމުގައި ތައާރަފްކުރި މި ޕްރޮޑަކްޓަކީ އެފަދަ ފަރާތްތަކުން އިތުރު އެހީއަކާއި ނުލާ އަމިއްލައަށް ފަސޭހަކަމާއެކު މޭކަޕް ކުރެވޭ އިލެކްޓްރިކް ވަސީލަތެކެވެ. ‘ހަޕްޓާ’ މިހާރު ބޭނުންކުރެވޭނީ ހަމައެކަނި ލިޕްސްޓިކް ބޭނުންކުރުމުގައި އެހީވެދޭ ގޮތަށެވެ.
އެހެންނަމަވެސް ލޮރެއަލް ގެ ދުރު ވިސްނުން ހުރީ ‘ހަޕްޓާ’ގެ ޒަރީއާއިން ހުރިހާ މޭކަޕްޕްރޮޑަކްޓެއްވެސް ބޭނުންކުރެވޭ ގޮތަށް ހެދުން ކަމުގައިވެއެވެ.
ލޮރެލް އިން މި އުފެއްދުން މާކެޓަށް ނެރެފައިވަނީ ނިމި ދިޔަ ހަފްތާގައި އެމެރިކާގެ ލަސްވޭގަސްގައި ބޭއްވި އެނުއަލް ކޮންސިއުމަރ އިލެކްޓްރޮނިކްސް ޝޯގައެވެ. އަދި މި އުފެއްދުމަކީ އެފަދަ ފަރާތްްތަކަށް ބޭނުންކުރެވޭ ގޮތަށް ޙާއްސަ ކުރެވިގެން ދުނިޔޭގެ ފުރަތަމަ ކޮމްޕިއުޓަރައިޒްޑް މޭކްޕް އެޕްލިކޭޓަރެވެ.
ދުނިޔޭގައި ހިއްސުތައް ބޭނުންކުރުމުގެ ނުކުޅެދުންތެރިކަން ހުރި 50 މިލިއަނެއްހާ މީހުން އުޅޭކަމުގައި ‘ހަޕްޓާ’ ތަޢާރަފް ކުރަމުން ލޮރިއަލް އިން ހާމަކޮށްފައިވެއެވެ. އަދި ހަޕްޓާގެޒަރީއާއިން އެފަދަ އެތައް މިލިއަން މީހުންނެއްގެ ދުވަހީ އުނދަގުލަކަށް ފަސޭހަ ލިބިގެންދާނެކަމުގައި ބެލެވެއެވެ.
ލޮރިއަލްގެ ސައިންސުވެރިންނާއި އިންޖިނިއަރުން އުފެއްދި މި ޕްރޮޑަކްޓަކީ 360 ޑިގްރީއަށް އެނބުރޭ ވަސީލަތެއްކަމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުގެ އަތް ވަކިހިސާބެއްގައި ބޭންދުމަށްފަހު ހަޕްޓާގެ އެހީގައި އިތުރަށް އަތުގެ ހަރަކާތަކާއި ނުލާ ލިޕްސްޓިކް ބޭނުންކުރެވޭނެއެވެ. އަދި މި އުފެއްދުމަކީ އެފަދަ ކޮންމެ ފަރާތަކަށްވެސް އެކަށީގެންވާގޮތަށް ސެޓް ކުރުމަށްފަހު އެ ސެޓިން އެއް ލޮކްކޮށް (ދާއިމީ. ކޮށް ބެހެއްޓައިގެން) ބޭނުންކުރެވޭހާ ފަސޭހަ ޕްރޮޑަކްޓެކެވެ.
މި ކުޑަކުޑަ ވަސީލަތަކީ ޗާރޖް ކުރުމަށްފަހު ގަޑިއިރަކަށްވުރެ ގިނައިރު ބޭނުންކުރެވޭނެ ޕްރޮޑަކްޓެކެވެ.މި ޕްރޮޑަކްޓަކީ ނުކުޅެފުންތެރިކަން ހުންނަ ފަރާތަތަކަށްވެސް މޭކަޕްއިންޑަސްޓްރީއިން އަހައްމިއްޔަތު ދޭކަން ހާމަވާ އުފެއްދުމެކެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް