ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ރ. އަތޮޅުން ފައްޓަވައިފި އެވެ.
ރައީސް ޞާލިހް ވަނީ އިއްޔެ ރ.އަތޮޅު އަލިފުށީފައި ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް އަލިފުއްޓަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައެވެ. އެ ދަތުރުފުޅު މިއަދު ވަނީ ނިންމާލައްވާފައި އެވެ.
އޭގެ ފަހުން ރައީސްގެ ކެމްޕެއިން ދަތުރުތައް މިއަދު ފެއްޓެވީ ރ. މާކުރަތުންނެވެ. މިއީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިހް ކެމްޕެއިންގައި އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރައީސް ޞާލިހްގެ ކެމްޕެއިން ޓީމުން ހާމަކުރާ ގޮތުގައި މި ކެމްޕެއިން ދަތުރުފުޅުގައި ރައީސް މާކުރަތުގައި ތިބި އެމްޑީޕީގެ މެމްބަރުންނާ ބައްދަލު ކުރެއްވާނެއެވެ.
ރައީސް ޞާލިހްގެ ކެމްޕެއިންގެ ދެވަނަ މަންޒިލަކީ އިންނަމާދޫއެވެ. އެއަށް ފަހު، ވަޑައިގަންނަވާނީ ރ. މީދޫއަށެވެ. އެ ރަށުގައި ހާއްސަ ޖަލްސާއެއް އޮންނާނެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައި ވާއިރު އެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނީ ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް