އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ވަޒީފާ ނިންމުމަށް ފަހު ރޭ ގަނޑު ދަންވަރު ސްކޫޓަރުގައި ގެއަށް ދަނިކޮށް އެކްސިޑެންޓުވި އުމުރުން 20 އަހަރުގެ އަންޖަލީ މަރުވި ގޮތް ހާމަކޮށްފި އެވެ.
މި ހާދިސާ ހިނގީ އާހަރު ފެށުނު ރޭ މެންދަމު 2:00 ހާއިރު އެވެ. އެންމެ ފަހުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އަންޖަލީ އާއި އެކު ސްކޫޓަރުގައި އޭނާގެ އެކުވެރިއެއް އިން ކަމަށާއި އެކްސިޑެންޓުވުމުން އޭނާ ބިރުން ފިލީ ކަމަށެވެ.
މި ހާދިސާ ގިނަ ބައެއްގެ ސަމާލު ކަމަށް އައީ އެކްސިޑެންޓުވި ކާރު މަޑުނުކޮށް ނައްޓާލުމުގެ ތެރޭގައި އަންޖަލީގެ ފައި، ކާރުގެ ފުރޮޅުގައި ތާށިވެ ގިނަ އިރުތަކެއް ވަންދެން އޮތުމުންނެވެ. ކާރުގައި ތިބި މީހުން ވަނީ ކާރުގެ ފުރޮޅުން އަންޖަލީ ނައްޓާލާ ތޯ ބަލަން އެ ސަރަހައްދުގައި ޔޫޓާން އަޅައިގެން ދެ ގަޑިއިރެއްހާއިރު ދުއްވާފައި އެވެ.
އެކްސިޑެންޓުވި އިރު ކާރުގައި ތިބި ފަސް މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށް ފަހު މިހާރު އެމީހުން ގަސްދުގައި މީހަކު މެރިކަމުގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައި އެވެ. މީގެ ކުރިން އެމީހުން ބުނަމުން ދިޔައީ އެންމެން މަސްތުގެ ހާލަތުގައި ތިބުމުން އަންޖަލީ އެމީހުންގެ ކާރުގެ ފުރޮޅުގައި ތާށިވެފައި އޮތްކަން ނޭނގޭ ކަމަށެވެ.
ފުލުހުން އެމީހުން ހައްޔަރު ކުރީ އަންޖަލީގެ އޮޓޮޕްސީ ރިޕޯޓަށް ބިނާކޮށެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ އަންޖަލީ މަރުވީ ބިންމަތީގައި ބާރަށް ޖެހުމާއި ކޭއްތުމުގެ ސަބަބުން ސިކުނޑި ފަޅައިގެން ގޮސްގެންނެވެ. އަދި އަންޖަލީގެ ހަށިގަނޑުގެ 14 ތަނަކަށް ބޭރުފުށުން އަނިޔާލިބިފައި ހުރިއިރު ގިނަ ކަށިތަކެއް ބިންދައިގެން ގޮސްފައި ހުރި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ކާރުގައި ތިބި ފަސް މީހުންގެ އިތުރުން ކާރުގެ ވެރިމީހާވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައި އެވެ. އަދި އެކަން ފޮރުވަން އެމީހުންނަށް އެހީވި އިތުރު ފިރިހެނަކުވެސް ދިއްލީ ފުލުހުން ދަނީ ހޯދަމުންނެވެ.
ފުލުހުން ބުނީ އޮޓޮޕްސީ ރިޕޯޓުގައިވާ މައުލޫމާތުތަކަށް ބަލާއިރު އެމީހުން އަންޖަލީއަށް ޖިންސީ ގޯނާއެއް ކޮށްފައިއެއް ނުވެ އެވެ. އޭނާ މަގުމަތީގައި ބަރަހަނާ ހާލުގައި އޮއްވަ ފެނުނީ ކާރުގައި އަންޖަލީ ތާށިވެފައި އޮއްވަ ދުއްވުމުގެ ސަބަބުން ހެނދުން އިރައިގެން ގޮސްގެން ކަމަށް ބެލެވެ އެވެ.
މި މައްސަލައިގަ އަންޖަލީގެ ސްކޫޓަރު ފަހަތުގައި އިން އެކުވެރިޔާގެ މައްސަލަވެސް ފުލުހުން ދަނީ ބަލަމުންނެވެ. އެކުވެރިޔާ ބުނީ އަންޖަލީ އެކްސިޑެންޓުވުމުން އޭނާ ސަލާމަތް ކުރަން ނޫޅެ ގެއަށް ގޮސް ނިދީ ބިރުން ކަމަށެވެ.
އޭނާގެ އެކުވެރިޔާ ނިދީ ފުލުހުންނަށް ދިން ބަޔާނުގައި ބުނީ އެރޭ އަންޖަލީވެސް އިނީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި އެކްސިޑެންޓުވި ކާރުގައި ޖެހުނީ ބޮޑު ޓްރަކެއްގައި ޖެހެން އުޅެނިކޮށް ސަލާމަތްވާން އުޅުމުގެ ތެރޭގައި ކަމަށެވެ.
ނިދީގެ ވާހަކަތަކާއި ގުޅިގެން އަންޖަލީގެ މަންމަ ވަނީ އޭނާ ހަދަނީ ދޮގު ކަމަށް ބުނެ ނިދީ އާއި ދެކޮޅަށްވެސް މަރުގެ ދައުވާ އުފުލަން ޖެހޭ ކަމަށް ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް