ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގއުމީ ދަފްތަރު އިފްތިތާހު ކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މި ދަފްތަރު އިފްތިތާހު ކުރީ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހ...

06 Jan 2023 | 05:12

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.

މި ދަފްތަރު އިފްތިތާހު ކުރީ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ރ. އަލިފުށީގައި ބޭއްވި ރަސްިއްޔާތުގައެވެ.

ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޢަދަދު ސީދާ ކަނޑައެޅިގެން ނޭނގުމާއި، ރާއްޖޭގައި ތިބީ ކޮންބާވަތެއްގެ ނުކުޅެދުންތެރިކަން ހުންނަ މީހުންކަން ތަފާސްހިސާބުގެ އަލީގައި ބެލޭނެގޮތެއް ނެތެވެ. ހަމައެއާއެކު އުފަންވާއިރު އެކިބާވަތުގެ ނުކުޅެދުންތެރިކަން އިތުރުވަމުން އަންނައިރު ރާއްޖޭގައި އެކަމާގުޅޭ މަޢުލޫމާތެއްވެސް އެއްކުރެވިފައެއް ނެތެވެ.

އެހެންކަމުން ދައުލަތުގެ އެހީތެރިކަން މިފަދަ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި ގިނަ ހުރަސްތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައާއި ޚިދުމަތްތައް ފަހިކުރުމުގައި ދަތިތަކެއްވަނީ ކުރިމަތިވެފައެވެ. މިކަން ޙައްލުކުރެއްވުމަށް ނިންމަވައި އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޢިއުލާންކުރެއްވި މިދިޔަ އަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުއްވައިދެއްވާ ދެއްވި ރިޔާސީ ބަޔާނުގައެވެ.

މި ދަފްތަރުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވާ، ހުރި ނުކުޅެދުންތެރިކަމާ ގުޅިގެން އިތުރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި، އިބަމަ އަދި އެފް.ސީ.އެސް.ސީ ފަދަ ދައުލަތުގެ އިޖްތިމާޢީ އެކިއެކި ޚިދުމަތްތައް ދޭ ފަރާތްތަކަށް މަގުފަހިވެގެންދާނެއެވެ.

މިކަމަށް ބޭނުންވާ ކްލެސިފިކޭޝަން އުސޫލުގައި ވާގޮތަށް މިހާރު މާލީ އެހީ ފޯރުކޮށްދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަޢުލޫމާތު އަދާހަމަކޮށް ރީ-ރެޖިސްޓަރކޮށް، އެފަރާތްތަކުގެ މަޢުލޫމާތުތައް ބެލެހެއްޓުމުގެ ފުރިހަމަ އިންތިޒާމް ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީގެ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ފަހިކުރެވިގެންދާނެކަމަށް އެންސްޕާއިން މައުލޫމާތުދެ އެވެ.

ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީގެ ޕޯޓަލް އާއެކީގައި ނުކުޅެންތެރިކަން ހުންނަ މީހުންނާއި، އެ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ތަފްޞީލުތައް ލާމަރުކަޒު ކުރެވި، ރަށްރަށުގެ ކައުންސިލްތަކަށް އެ ރަށްރަށުގެ މައުލޫމާތު ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެންދާނެވެ. އަދި އެ މަޢުލޫމާތު އެލް.ޖީ.އޭގެ ޕޯޓަލް އާ ގުޅާލެވިގެންދާނެއެވެ.

ހަމައެހެންމެ ކަމާގުޅުންހުރި އިދާރާތަކަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަޢުލޫމާތު ބޭނުންކުރެވޭނެ އިންތިޒާމެއްވެސް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ހުއްދައިގެ ދަށުން ހަމަޖައްސައިދޭނެއެވެ. ހަމައެއާއެކު އާސަންދަ ޕޯޓަލް މެދުވެރިކޮށް އެފަރާތްތަކުގެ ސިއްޙީ މަޢުލޫމާތު ފުރުމުގެ އިންތިޒާމްވެސް މި ދަފްތަރުގެ ޕޯޓަލްއާއެކު މިހާރު މިވަނީ ހަމަޖެހިފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރެއް އެކުލަވާލާފައިވާއިރު، ސަރުކާރުން ވަނީ މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކޮށް، އެމީހުންނަށް ދައުލަތުން ދެމުން އަންނަ އެލަވެންސް ބޮޑުކުރުމަށް ހިމަނާފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދައުލަތުން ދެނީ 2000 ރުފިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް