ޕްރިމިއާ ލީގް: ޗެލްސީ ބަލިކޮށް ސިޓީން އެއްވަނާގައި އޮތް އާސެނަލްއާއި ފަސް ޕޮއިންޓު ގާތަށް ޖެހިލަިއިފި

އިނިގިރެސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ތާވަލްގެ އެއްވަނާގައި އޮތް އާސެނަލްއާއި ފަސްޕޮއިންޓު ގާތައް މެންޗެސްޓަރ ސިޓީން ޖެހިލައިފިއެވެ. އެއްވަނާގައި އޮތް އާސެނަލްއ...

06 Jan 2023 | 03:36

އިނިގިރެސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ތާވަލްގެ އެއްވަނާގައި އޮތް އާސެނަލްއާއި ފަސްޕޮއިންޓު ގާތައް މެންޗެސްޓަރ ސިޓީން ޖެހިލައިފިއެވެ.

އެއްވަނާގައި އޮތް އާސެނަލްއާއި ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ސިޓީން ކުޑަކުރީ ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްގެންނެވެ.

ރޭގެ މެޗު ފެށިގެން ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ޗެލްސީންނެވެ. އެގޮތުން އެޓީމުން ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުމަށް ބަލާއިރު، ލަނޑު ޖަހަން އެންމެ ރަނގަޅު ދެ ފުރުސަތެއް ލިބުނީވެސް ޗެލްސީއަށެވެ. އެއް ފުރުސަތަކީ މެޗުގެ 17 ވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗްއަށް ލިބުނު ފުރުސަތެވެ. ކައި ހަވަޓްޒް ހުސްކޮށްލާފައި ދިން ބޯޅަ ސިޓީގެ އޭރިޔާތެރޭގައި ހުރި ޕުލިސިޗް ފޮނުވަލަން މަސައްކަތް ކުރި ނަމަވެސް ޖޯން ސްޓޯންވަނީ މި ބޯޅައަށް ހުރަސްއަޅާ ނާކާމިޔާބު ކޮށްލާފައެވެ. މި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލަން އުޅުމުގެ ތެރޭގައި ޕުލިސިޗް އަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ވަނީ ބަދަލުވެސް ކޮށްފައެވެ. ޕުލިސިޗްގެ ބަދަލުގައި ކުޅެން އެރުވީ ކާނީ ޗުކުއެމެކާ އެވެ. އޭގެ ކުރިން ރަހީމް ސްޓާލިންއަށް ވެސް އަނިޔާވެ އޭނާ ވެސް ވަނީ ބަދަލުކޮށްފައެވެ. ސްޓާލިންގެ ބަދަލުގައި ކުޅެން އެރުވީ އެމެރިކް އޮބަމަޔެންއެވެ. ޗެލްސީއަށް ލިބުނު ދެވަނަ ފުރުސަތުގައި ކާނީ ޗުކުއެމެކާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، މެޗުގެ ފަހު ހާފު ފަށައިގެން ރަނގަޅަށް ކުޅުނީ ސިޓީންނެވެ. އެގޮތުން ސިޓީން ރަނގަޅު ހަމަލާތަކެއް ވެސް އުފެއްދިއެވެ. ފޯވާޑް ހާލަން ފޮނުވާލި ބާރު ހަމަލާއެއް ގޯލާއި އަމާޒުނުވެ ދިޔައިރު، ނެތަން އޭކް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑަށް ވެސް ވަނީ އަމާޒުވެފައެވެ. އޭގެ ފަހުން ޗެލްސީގެ ހަމަލާއެއް ފެނުނުއިރު، ތިއާގޯ ސިލްވާ ޗެލްސީގެ ގޯލު ކުރިމަތީގައި ހުރެ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ޖެހީ ރިޔާދު މާރޭޒްއެވެ. އޭނާ ލަނޑުޖެހީ ގްރީލިޝް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިމޮޅާއެކު ސިޓީ ދެވަނާގައި އޮތީ 17 މެޗުން 39 ޕޮއިންޓާއެކުއެވެ. އެއަދަދަށް މެޗު ކުޅެގެން އެއްވަނާގައި އާސެނަލް އޮތީ 44 ޕޮއިންޓާއެކުއެވެ. ޗެލްސީ އޮތީ 25 ޕޮއިންޓާއެކު 10 ވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް