ސައިފް އޭނާ ކޮޓަރީގައި ބަންދުކޮށްގެން ގެންގުޅުނީތީ ފުރަތަމަ ރުޅިއައި ނަމަވެސް ފަހުން އޭނާއަށް ވިސްނެން ފެށިއެވެ. ސައިފްގެ އަގުހުރި ނަސޭހަތްތަކަށް ފަހު ފުރިހަމަ ތައުބާއަކުން ތައުބާ ވެވުނެވެ. ސައިފް އެކޮށްދޭ ކަންތައްތަކުގެ އަގު އަދާކޮށްދޭނީ ކިހިނެއްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ނަޖުވާ ފޮހެލިއެވެ. މިހާރު އޭނާ ބޭނުންވަނީ ވެދިޔަ ކަންތައްތައް ހަނދާން ނައްތައިލުމަށްފަހު އައު ދިރިއުޅުމެއް ފަށާށެވެ.
އިންތަނުން ތެދުވަން އުޅުނު ހިނދު ގެއަށް ވަން ސައިފް ފެނިފައި އަލުން އިށީނެވެ. ސައިފް ބަލައިލުމުން ހިނިތުންވެލިއެވެ. ސައިފް އައިސް ޖެހިގެން ހުރި ގޮނޑީގައި އިށީނުމުން އިންޓަވިއު ކިހިނެއްތޯ އަހައިލިއެވެ.
" ރަނގަޅުވާނެ ހެން ހީވަނީ.. ޖަވާބެއް ދޭން ގުޅާނަމޭ ބުނީ..." ނިތްކުރިމަތިން ހިއްލާލާފައިވާ ދާތިކިތައް ފޮހެލަމުން ސައިފް ބުންޏެވެ. ސައިފް އިނީ ވަރަށް ވަރުބަލިވެފައިކަން އެނގުމުން ނަޖުވާ އިންތަނުން ތެދުވެގެން ގޮސް ފެންތައްޓެއް ހިފައިގެން އައިސް ސައިފަށް ދިއްކޮށްލިއެވެ. ސައިފް ފެންތަށީގައި ހިފަމުން ޝުކުރު އަދާކޮށްލިއެވެ.
" ސޮރީ.. އަދި މިއާދެވުނީ މެންދުރުގެ ކެއުން ނުގެނެސް.. ބަނޑުހައިވެއްޖެ ދޯ.. މިއަންނަނީ އިނގޭ.." ސައިފް ބުނެލިއެވެ.
" ނޫން ބަނޑުހައެއް ނުވޭ އަދި... ކިހާ ދުވަހެއްވަންދެން ރެސްޓޯރެންޓާ ހޮޓާ ތަކުން ގެނެސްގެން ކާނީ.. ބަދިގެއެއް އެބަހުއްޓެއްނު.. އަހަރެން ކައްކާލަފާނަން.." ނަޖުވާ ބުނެލިއެވެ. ނަޖުވާގެ އެޖުމްލައިން ސައިފްއަށް ލިބުނީ ހިތްހަމަޖެހުމެކެވެ. އެއީ ޙުދު އޭނާވެސް ބޭނުންވާ ގޮތެވެ. ގޭތެރޭގެ އެކަހަލަ މަސައްކަތްތައް ކޮށްލުމުން ބޭކާރު ޙިޔާލުތަކާއި ފިކުރުތަކުން ދުރުވެދާނެއެވެ.
" އެކަމަކު ގޭގެ ނެތެއްނު ކައްކަން ބޭނުންކުރާނެ އެއްވެސް އެއްޗެއް.." ސައިފް ބުނެލިއެވެ. ސާއިރައްތަ ބުނި މިމަގު ކޮޅު ހުރި ފިހާރައަކުން ހުރިހާ ވައްތަރެއްގެ ސާމާނެއް ލިބޭނޭ... ހިނގާ ދެމީހުން ގޮސް ގަނެގެން އަންނަން.." ނަޖުވާ ބުނެލިއެވެ. ސައިފަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ދެންވެސް ވާހަކަ ދެއްކީ ނަޖުވާއެވެ.
" ސޮރީ !! ލާރި އެބަހުރިތަ؟" ނަޖުވާ ކަންބޮޑުވެފައި އަހައިލިއެވެ.
" އެކަމާ ކަންބޮޑުނުވޭ.. ދޭ ތައްޔާރުވެގެން އަންނަން.." ސައިފް ބުނެލިއެވެ.
" ހިތަށް އަރާ ސައިފް ކޮންތާކުންބާއޭ ލާރި ހޯދަނީ... މިއަންނަނީ އިނގޭ..." ހީނލަމުން ނަޖުވާ ބުންޏެވެ. އެއަށްފަހު ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ސައިފް ބޯޖަހައިލިއެވެ. އެމީހުންނަށް އެހީތެރިވަނީ ރޫބީކަން އެނގޭ ހިނދު ނަޖުވާ ކަންތައްކުރާނެ ގޮތަކާމެދުގައި ވިސްނައިލިއެވެ. ޔަގީނުންވެސް ރޫބީގެ އެހީއެއް ނަޖުވާ ބޭނުމެއްނުވާނެއެވެ.
*****************
ދެމީހުން އެކީގައި ގޮސް ބަދިގެއަށް ބޭނުންވާނެ ހުރިހާ ސާމާނެއް ގަތެވެ. ގަނެގެން އައިސް ބަދިގޭގައި އެއްޗެއްހި ތަރުތީބު ކުރީވެސް ދެމީހުން އެކީގައެވެ. ނަޖުވާ ކެއްކިއިރު ސައިފްވެސް ކައިރީގައި އެހީތެރިވާން އުޅުނެވެ. އެހެން އުޅުނުއިރު އެމީހުން ތަފާތު އެކި ވާޙަކަތައް ދައްކަމުން ދިޔައެވެ. ބައެއް ފަހަރު މަޖާ ވާހަކަތައް ދައްކާފައި ހޭފަހަރުވެސް އާދެއެވެ. އެކީގައި ކައިގެން ސޯފާގައި ވާހަކަ ދައްކަން ތިބުމަށްފަހު ދެމީހުންވެސް ކޮޓަރިއަށް ވަނީ އަސުރަށް ބަންގި ގޮވުމުންނެވެ.
ހުރިހާ އެކުވެރިން އެނބުރި އައުމާއެކު އާކިން އެމީހުންނާ ބައްދަލުކުރުމަށް ދިޔައެވެ. އެހާ ދުވަސް ފަހުން އެކުވެރިންނާ ބައްދަލުވުމުން އާކިން ހުރީ އުފާވެ ހިތްހަމަޖެހިފައެވެ. އޭނާގެ ކައިވެނީގެ އެމީހުންނަށް އާކިން ސިއްރުކުރިއެވެ. އޭނާގެ ރައްޓެހިންނަށް ތަޢާރަފްކޮށްދޭން ރޫބީއެއީ މުހިންމު މީހެއް ކަމުގައި އޭނާ ނުދެކުނެވެ. އެތައް އިރެއް ވަންދެން އެމީހުންނާއެކު ސަކަރާތް ޖެހުމުގައި ހޭދަކުރުމަށްފަހު އާކިން ގެއަށް އަންނަން މިސްރާބުޖެހީ އެމީހުންގެ ތެރެއިންވެސް އެންމެ ގާތް ހާއްސަ އެކުވެރިޔާ އަސަދާ އެކީގައެވެ. އާކިން އާއި އަސަދަކީ ކުޑައިރުންސުރެ ފެށިގެންވެސް ގާތް ދެއެކުވެރިންނެވެ. އަސަދަށް އެއްވެސް ކަމެއް ސިއްރުކުރުމަކީ ރަނގަޅުގޮތެއް ނޫންކަމުގައި އާކިން ދެކުނެވެ. ދުއްވަމުން ގޮސް އާކިން ސައިކަލު މަޑުކޮށްލީ ހުޅުމާލޭ ބީޗްކައިރިއަށެވެ. ކުޑައިރުކޮޅެއް ކުރިން އެމީހުން އައީ ކައިގެން ނަމަވެސް ކޮފީއެއް ބޯލުމަށް އެތަނުން ކެފޭއަކަށް އެރިއެވެ.
" އަބަދުވެސް އަވަހަށް ގެއަށްދާން ބޭނުންވެފައި ހުންނަ ކުއްޖާ މިރޭ ގެއަށް ދާން ބޭނުންނުވެގެން ތިއުޅެނީ ކީއްވެ؟ " ގޮނޑީގައި ހަމަޖެހިލަމުން އަސަދު އަހައިލިއެވެ. އާކިން ފުންނޭވައެއް ދޫކޮށްލަމުން އަސަދަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެވަރުގެ ބޮޑު ކަންތައްގަނޑެއް އޭނާއަށް ނުވެސް އެނގި ހިނގައިދިޔުމުން އަސަދު އިނީ ކިޔާނެ ބަހެއް ނޭނގިފައެވެ.
" އެހެންވެ ދޯ އަހަރެމެންނާއެކު މިދަތުރު ނުދިޔައީ.. ބަލާ ހުރި ވަގުކަން.. އެހާ ދުވަހު ކުއްޖަކާ ރައްޓެހިވެގެން އުޅުނުއިރުވެސް އަހަރުމެންނަށް އަންގައިވެސް ނުލާ..." އަސަދު ބުނެލިއެވެ.
" ކަލޭމެންނަށް ސިއްރުކޮށްގެން އުޅުމުން އަހަރެންނަށްވެސް ވަކި ފައިދާއެއް ނުވިއެއްނު.. އަހަރެންގެ ދިރިއުޅުން އަޒާބެއް ފަދަ.." އާކިން ބުނެލިއެވެ.
" ތިއޮއް ވިސްނޭ މީހާ ތިހެން ބުނާކަށްނުވާނެއްނު.. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށޭ ބުނެއެއްނު.. އާކިއަށް އަހަރެންނަށްވުރެ ބޮޑަށް ދީން އޮޅުންފިލާފައިވާނެ.. ﷲ ތަޢާލާ އެއްވެސް މީހަކަށް ދެރަގޮތެއް މިންވަރެއް ނުކުރައްވާނެ.. އަޒާބެކޭ ތިބުނީ އާކިން އަތުގަ ނެތީ ކޯއްޗެއް.. ބޯމަތީގައި ފުރާޅެއް އެބައޮތް.. ހުރިހާ ގަޑިއަކު ކައިގެން ތިހުންނަނީ.. ލާނެ އަންނައުނު އެބަހުރި.. ލޯބިވާ އާއިލާއެއް އެބައޮތް.. އަނެއްކާ އާކި އުޅެމުން ތިގެންދަނީ ނުލާހިކު ތަނަވަސް ދިރިއުޅުމެއް.. ތިހެން ބުނީމަ އަހަރެންނަށް އިހުސާސްވީ އާކި ލިބޭ މިންވަރަށް ޝުކުރުވެރިނުވަނީއޭ.. ނަޖުވާތަ ކިޔަނީ..؟ އޭނާގެ ލޯބި އާކި އަށް ނުލިބުނީ އެކަން ތަޤުދީރުގައި ވާން ނެތީތީ.. ކޮންމެ ހާލަތެއްގައި ވިޔަސް ރޫބީއާއި އާކިގެ ކައިވެނި ޝަރީއަތާ އެއްގޮތަށް ކުރެވިއްޖެ.. ކައިވެންޏަކީ ވަރަށް މާތް ގުޅުމެއް.. ދެމަފިރިން ދޭތެރޭގައި ޖަހައިލެވޭ ވަރުގަދަ ގޮށެއް.. ކައިވެނި ދަމަހައްޓަން މަސައްކަތް ކުރުމަކީ ކޮންމެ ދެމަފިރިއެއްގެ ވާޖިބެއް.. ނަޖުވާ ވާނީ ހިލޭ އަންހެނަކަށް.. ހަލާލު އަނބިމީހާ އޭނާގެ ހައްޤުތަކުން މަޙުރޫމު ކުރުމުގެ އެއްވެސް ހައްޤެއް ފިރިއަކަށް ލިބިގެންނުވޭ.. އައި ޑިޑިންޓް އެކްސްޕެކްޓް ދިން ފްރޮމް ޔޫ.." އަސަދު ހިތްހަމަނުޖެހިފައި ކިޔައިލިއެވެ. އާކިން ފުންނޭވައެއް ދޫކޮށްލަމުން މޫނުމަތީގައި އަތް ހިންގައިލިއެވެ. އަސަދު އެދެއްކި ވާހަކަތަކުގައި އެއްވެސް ދޮގެއް ނެތެވެ. ރޫބި ދެކެ ކިތަންމެ ރުޅި އަޔަސް އެއީ އޭނަގެ ޙަލާލު އަނބިމިހާއެވެ. އަނބިމީހާއަށް އޭނާގެ ހައްޤުތަކުން މަހުރޫމް ކުރުމަކީ ﷲ ތަޢާލާއަށް އުރެދުމެވެ.
" އަހަރެންނަށް ދެރަވަނީ އާކި އަހަރެންނަށް އަންގައިވެސް ނުލީމަ.." އަސަދު ޝަކުވާކޮށްލިއެވެ.
" ސޮރީ.. ކައިވެނި ކުރެވުނު ހާލަތު މިކިޔައިދިނީނު..." އާކިން ބުނެލިއެވެ.
" މައާފު ލިބޭނީ އެންމެ ގޮތެއްގެ މަތިން.. މާދަން ޖެހޭނެ އަހަރެންނާ ފަހަރިއާ މީޓް ކޮށްދޭން.. ދައުވަތު ނުދިނަސް މާދަން މެންދުރު ކާން ދާނަން.." އަސްދު ބުނެލިއެވެ.
" ކޮބާތަ އަމްރާ.. އޭނާ ރަނގަޅުތަ؟" އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަސަދު އަހައިލިއެވެ. އެވަގުތު އަސަދުގެ މޫނުމަތިން ތަފާތު އަސަރެއް ފާޅުވެލިއެވެ.
" ކީއްވެތަ އަހަރެންގެ ދޮންތައަށް ނަމުން ކިޔަނީ... އައި ރިއަލީ ރެސްޕެކްޓް އެންޑް ލަވް ހަރ.. އަސަދުވެސް ދޮންތަ ކިޔާބަލަ.. އަސަދަށްވުރެ ދޮންތަ ތިންއަހަރު ބޮޑު..." ކޮފީތަށިން ކޯވަރެއް ބޯލަމުން އާކިން ބުންޏެވެ.
" އާކި ކީއްވެ އަހަރެންނަށް އަސަދުބޭބެ ނުކިޔަނީ.. އަހަރެން އާކިއަށްވުރެ ދެއަހަރު ބޮޑު..." އަސަދު ބުނެލިއެވެ. އާކިން ޖަހައިލީ ހިނިގަނޑެކެވެ.
" އޯކޭ އޯކޭ.. އަސަދު ބޭނުން އެއްޗެއް ކިޔަސް އަހަރެންނަށް އެންމެ ރަނގަޅު.." އާކިން ބުނެލިއެވެ.
********************
އާކިންއަށް ގެއަށް ވަދެވުނީ މެންދަމު ބާރަ ޖަހަން އުޅެނިކޮށެވެ. އެގަޑީގައި ސޯފާގައި ފޮތެއް ކިޔަން އިން ރޫބީ ފެނިފައި އާކިން ހައިރާންވިއެވެ. އާކިން ފެނުމުން ރޫބީ އޭނާގެ އަތުގައި އޮތް ފޮތް ލައްޕައިލުމަށްފަހު އާކިންއަށް ބަލައިލިއެވެ. އަޅައިނުލާ ދާން އުޅެފައިވެސް އާކިން ހުއްޓުނީ އަސަދު ދެއްކި ވާހަކަތައް މަތިން ހަނދާންވެފައެވެ.
" ކީއްވެ ނުނިދާ ތީނީ...." ރޫބީއާ ދިމާލަށް އެނބުރެމުން އާކިން އަހައިލިއެވެ. ރޫބީގެ މޫނުމަތިން ހައިރާންކަމެއް ފާޅުވެލީ އެއީ ކުރިން ދުވަހަކުވެސް އާކިން ވާހަކަ ދެއްކި ރާގެއް ނޫންވީމައެވެ.
" އާކިން ކާން ބޭނުންވެދާނެތީ... ނާބީ ނެތް މިރޭ ގެއަކު... އެހެންވެ.." ރޫބީ ބުނެލިއެވެ.
" އަހަރެން މިއައީ ބޭރުން ކައިގެން... ރޫބީ ކައިފިންތަ؟" އާކިން އަހައިލިއެވެ. ރޫބީ ހުރީ ހައިރާންވެ އަންތަރީސްވާވަރުވެފައެވެ. އާކިންއަށް ކޮންކަހަލަ ޖާދޫއެއް ޖެހިފައި ބާއޭ ހިތަށް އެރިއެވެ. ހައިރާންވެ ހުރެ ރޫބީ ބޯޖަހައިލިއެވެ.
" އަހަރެން މިދަނީ ނިދަން... ރޫބީވެސް ލަސްނުކޮށް ނިދަން އުޅޭ.." އެހެންބުނުމަށްފަހު މަޑުނުކޮށް ހިނގައިގަތެވެ. ހައިރާންވެ އަނގަހުޅުވިފައި ރޫބީ އާކިން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
**********************
އާކިން ފަތިސް ނަމާދުކޮށްގެން އެނބުރި އައިސް ކޮޓަރިއަށް ވަންއިރު ރޫބީ ފަތިސް ނަމާދުކޮށް ނިމިގެން މުސައްލަ ފަތްޖަހަނީއެވެ.
" މިއަދު ކޮންކަމެއް އޮތީ.." އެނދުގައި އިށީންނަމުން އާކިން އަހައިލިއެވެ.
" ނެތް އެއްވެސް ކަމެއް... ކިހިނެއްވީ" ރޫބީ އަހައިލިއެވެ.
" އަހަރެންގެ އެކުވެރިއެއް މެންދުރު ކާން އަންނާނެ.. އެގަޑީގައި ރޫބީ ހުރެދިނިއްޔާ ވަރަށް ރަނގަޅު.. އޭނާ އެއަންނަނީ ޙާއްސަގޮތެއްގައި ރޫބީ އާ ބައްދަލުކުރަން.. ނާބީ ކައިރީގައި ބުނާތި ރަނގަޅުއެއްޗެއް ތައްޔާރުކޮށްލަން..." އާކިން އެދުނެވެ. ފުރަތަމަ ފަހަރަށް އެކަހަލަ ކަމަކު އެދުމުން ރޫބީގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ރޫބީ އެންމެ ރަނގަޅޭ ބުނުމަށްފަހު ކޮޓަރިން ނިކުތެވެ.
*******************
މެންދުރުގެ ކެއުމަށް އިންސާފު ކުރަމުން ދިޔަ ވަގުތެވެ. އަމްރާ ނޫނީ އެންމެން އެތާނގައި ތިއްބެވެ. އަސަދުގެ މަޖާ ވާހަކަތަކުން އެންމެން ތިބީ ހެވިފައެވެ. ރޫބީ އާ ބައްދަލުވުމުން ނުހަނު އުފާވެއްޖެ ކަމުގައި އަސަދު ބުނެލިއެވެ. އަސަދުގެ ދެލޯ ހޯދަމުން ދިޔައީ އެންމެ ސޫރައެކެވެ. އަމްރާ ފެންނަން ނެތުމުން އެތައް ފަހަރެއްގެ މަތިން ގޭތެރެއަށް ނަޒަރު ހިންގައިލެވުނެވެ. ވަރަށް ނޫން ގޮތަކަށް އަމްރާ ކޮބައިތޯ އަހައިލިއެވެ. އެވަގުތުވީ އަމްރާ ގެއަށް އައިސް ވަން ވަގުތަށެވެ. އަސަދަށް އަމްރާ ފެނުނު ހިނދު އޭނާއަށް ހީނލެވުނެވެ. އަމްރާ އައިސް މޭޒު ކައިރީގައި އިށީނދެ އެމީހުންނާއެކު ކެއުމުގައި ބައިވެރިވިއެވެ. އަސަދު އެއައީ ކޮންތާކު އުޅެފާތޯ ސުވާލުކޮށްލިއެވެ. އަސަދު އަމްރާއާ ދިމާލަށް ބަލަމުން ދިޔަ މައުނަވީ ގޮތްގަނޑު ފާހަގަވީ ރޫބީއަށް އެކަންޏެވެ. އެހިނދު އަސަދު އަމްރާއާ މެދުގައި ދެކެނީ ކިހިނެއްކަން ދެނެގަންނާން މާގިނައިރެއް ނުނެގިއެވެ.
****************
އަސަދު ފޮނުވައިލުމަށްފަހު އާކިން އޭނާގެ ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ. އަސަދު އާ ދޭތެރޭގައި ބެހެއްޓި ގާތްކަމަށް ރޫބީއަށް ޝުކުރު އަދާ ކުރަން ބޭނުންވިއެވެ. ކޮޓަރިއަށް ވަންއިރު ޝަވަރު ދޫކޮށްލާފައި ހުރުމުން ރޫބީ އުޅެނީ ފާހާނައިގައި ކަން އެނގުނެވެ. ރޫބީ ނިކުންނަން ދެން އާކިން އެނދުމަތީގައި އިށީނދެލިއެވެ. އިރުކޮޅެއްވީތަނާ ރޫބީގެ ފޯނަށް މެސެޖެއް އައި އަޑުއިވުނެވެ. ފޯނު އޮތީ އާކިން ކައިރީގައި ކަމުން އޭނާއަށް ބަލައިލެވުނީ ބޭއިޙްތިޔާރުގައެވެ. ނަމަވެސް އެހިނދު ރޫބީގެ ފޯނުގެ ސްކްރީނަށް އަރާފައި އޮތް ނަމުން އާކިންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.
ނުނިމޭ.. ވާހަކައިގެ އާ ބައެއް، އިންޝާﷲ، ނުވައެއް ޖަނަވަރީ ވާ އާދީއްތަދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް