ހުއްދަ އޮންނަ ޑޮކްޓަރުންނާއި ނަރުހުން ބޭހާއި އިންޖެކްޝަން ގެއަށް ގެންދިއުމާއި ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމަކީ ކަށަވަރު ކަމާއި އެކު ހުއްޓުވޭނެ ކަމެއް ނޫން ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން މިހެން ބުނެފައިވަނީ އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވި އޭނާގެ ފިރިމީހާ މާވިންގެ ދިވެހި ލޯބިވެރިޔާ ކަމަށްވާ އެ ހޮސްޕިޓަލުގެ ނަރުސް ހަލީމަތު ލަމްހާގެ ކޮޓަރިން ހޮސްޕިޓަލުން ބޭރު ކުރުން މަނާ ބޭހާއި އިންޖެކްޝަންތަކެއް ފެނުމުންނެވެ.
މި މައްސަލައިގަ އޭނާގެ މައްޗަށް އެނގި ހުރެ މީހަކު މެރުމުގަ ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ. މީގެ ތެރެއިން ދެ ދައުވާއަކީ މީހަކު މަރުވެފާނެ ފަދަ ބޭހަކާއި އިންޖެކްޝަން އޭނާ ގެއަށް ގެންގޮސްފައިވާތީ އުފުލި ދައުވާތަކެވެ.
މި މައްސަލައިގައި އައިޖީއެމްއެޗަށް އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން އެ ހޮސްޕިޓަލުން ބުނީ އެ ހާދިސާ ހިނގިއިރު ވެސް ހޮސްޕިޓަލުގައި ބޭހާއި އިންޖެކްޝަން ފަދަ ތަކެތި ގެންގުޅުމުގައި ހަރުދަނާ އުސޫލްތަކާއި ޕްރޮޓޮކޯލްތައް ކަނޑައަޅާފައިވެ އެވެ. ވަކިން ހާއްސަކޮށް ހައި އެލާޓް، ނާކޮޓިސް ބޭހާއި އިންޖެކްޝަންތަކަށް ޕްރޮޓޮކޯލްތައް ކަނޑައަޅައިފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ބަޔަކަށް ކޮންމެ ދުވަހަކު ވެސް އެތައް ހިދުމަތެއް ދޭން ޖެހޭ ތަނަކަށް ވާތީ އަސާސީ ބައެއް ހިދުމަތްތަކުގައި ކަމާބެހޭ ފަރާތްތަކުން މަޝްއޫލުވެ ގިނަ ވަގުތުތަކެއް ހޭދަކުރާއިރު އުސޫލްތަކާއި ޕްރޮޓޮކޯލްތައް އެންމެ ފުރިހަމައަށް ތަންފީޒު ނުކުރެވޭ ހާލަތެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް