ހޯމް ސޯލާ ޕްރޮގްރާމް ހިންގުން ފެނަކައާއި ހަވާލުކޮށްފި

އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ރާއްޖޭގައި އިތުރަށް ފުޅާކުރުމުގެ ގޮތުން ހޯމް ސޯލާ ޕްރޮގްރާމް ހިންގުން ފެނަކައާ ހަވާލުކޮށްފިއެވެ. މި ޕްރޮގްރާމުގެ ދަށުން، ފަރުދުންގެ ގޭގޭގައި ސޯލާ ސިސްޓަމް ހަރު...

06 Jan 2022 | 11:50

އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ރާއްޖޭގައި އިތުރަށް ފުޅާކުރުމުގެ ގޮތުން ހޯމް ސޯލާ ޕްރޮގްރާމް ހިންގުން ފެނަކައާ ހަވާލުކޮށްފިއެވެ.

މި ޕްރޮގްރާމުގެ ދަށުން، ފަރުދުންގެ ގޭގޭގައި ސޯލާ ސިސްޓަމް ހަރުކޮށް، ގޭބިސީތަކުން ބޭނުންވާ ޖުމްލަ ކަރަންޓް ނުވަތަ ކަރަންޓުން ބައެއް އިރުގެ އަލީގެ ހަކަތައިން އުފެއްދޭނެ އެވެ. މިކަމުގެ ސަބަބުން އާންމު ފަރުދުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެއެވެ.

ފެނަކައިން ހާމަކުރާގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރެވޭ ހޯމް ސޯލާ ނިޒާމް ތަކަކީ ނިސްބަތުން އަގުހެޔޮ، ރައްޔިތުންގެ ޖީބަށް ލުއި، އަދި އިންސްޓޯލްމެންޓް އުސޫލުން ދޫކުރެވޭ ނިޒާމްތަކެއް ކަމަށެވެ. އަދި މާލީ ބޮޑު ތަކުލީފެއް ނެތި މި ނިޒާމްތައް ފަރުދުންނަށް ގަނެވޭނެ ކަމަށެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އެވެ.

މިއީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން އަންނަ އަހަރުގެ ނިޔަލަށް މަދުވެގެން 10 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ނެޓްމީޓަރިން އުސޫލުން ގާއިމުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށާއި އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ކާބަން އެމިޝަންސް ނެޓް ޒީރޯއަށް ޤައުމަކަށް ހެދުމަށް ދިވެހި ސަރުކާރުން އަމާޒުކޮށްފައިވާތީ، އެ އަމާޒު ހާސިލްކުރުމަށް މަގުފަހިކުރުމަށް ފަށާ ޕްރޮގްރާމެކެވެ.

މި މަޝްރޫޢު ފަށަނީ އެންވާރްމެންޓް މިނިސްޓްރީން ޖުމްލަ 20 މިލިއަން ރުފިޔާ ހަރަދުކޮށް ފެނަކައާއެކު 1000 ގޭގައި ސޯލާ ޓީވީ ހަރުކުރުމަށް ކަމަށް އެންވާރްމެންޓް މިނިސްޓްރީން ހާމަކުރެއެވެ.

މިނިސްޓްރީން ލަފާކުރާ ގޮތުގައި އެ ސިސްޓަމް ގާއިމުކުރެވިއްޖެނަމަ ދައުލަތުން ކަރަންޓު އުފެއްދުމަށްޓަކައި އިމްޕޯޓުކުރާ ތެލުގެ ތެރެއިން ނުވަ ލައްކަ ލީޓަރު ތެޔޮ މަދުކުރެވިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް