ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރަށް ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމަކީ އާ އަހަރުގެ ތަހުނިޔާ ކިޔުމަށް ކުރެއްވި ކޯލެއް ކަމަށެވެ.
މި ބައްދަލުވުމުގައި އާ އަހަރުގެ ތަހުނިޔާ ކިޔުމުގެ އިތުރުން ދެ ގައުމުގެ މެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. މިނިސްޓްރީން ބުނީ އަދިވެސް އެހެނިހެން ދާއިރާތަކާ ބެހޭ ގޮތުން ދެ މިނިސްޓަރުން މަޝްވަރާކުރެއްވި ކަމަށެވެ.
މި ފޯންކޯލްގައި މިނިސްޓަރު ޖައިޝަންކަރް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންނަށް އާ އަހަރުގެ ހެޔޮ އެދުންތައް ފޮނުއްވާފައެވެ.
އިންޑިއާ އާއި ރާއްޖޭގެ ފޮރިން މިިނިސްޓަރުން ބައްދަލު ކުރައްވާފައި މިވަނީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ މާދަމާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނަވަން ހަމަޖެހިފައި ވަނިކޮށެވެ.
މި ދަތުރުފުޅަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ވަންގް ގެ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބާއްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ.
މި މަޝްވަރާތަކުގެ ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް