ކޮވިޑް ފެތުރޭތީ ރަސްފަންނު ނައިޓް މާކެޓް ހުއްޓާލަން އެޗްޕީއޭއިން އަންގައިފި

ކޮވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރުވަމުން އަންނާތީ މާލޭގެ ރަސްފަންނުގައި ކުރިޔަށްދާ ނައިޓް މާކެޓް ވަގުތުން ހުއްޓާލަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ. އެޗްޕީއޭއިން ބުނީ ...

06 Jan 2022 | 06:04

ކޮވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރުވަމުން އަންނާތީ މާލޭގެ ރަސްފަންނުގައި ކުރިޔަށްދާ ނައިޓް މާކެޓް ވަގުތުން ހުއްޓާލަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭއިން ބުނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ހަރަކާތް ހުއްޓާލަން އެންގީ ކޯވިޑްގެ އާ ވޭރިއަންޓާއި އެކު ކޭސްތައް އިތުރުވަމުންދާތީ ކަމަށެވެ. އާންމުކޮށް މިދިޔަ ހަތަރު މަހެއްހާ ދުވަހު 20 ގައި މާލެއިން ކޮވިދް ޖެހޭ މީހުންގެ އަދަދު ހުރި ނަމަވެސް އެ އަދަދު މިހާރު ވަނީ 100 އިން މައްޗަށް އަރާފަ އެވެ.

އެޗްޕީއޭއިން ވަނީ ގިނަ މީހުން އެއްވެގެން ކުރިޔަށް ގެންދާ ހަރަކާތްތައް ހުއްޓާލުމަށް އަންގާފަ އެވެ.

މި އެންގުމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނީ ނައިޓް މާކެޓާއި އެހެންވެސް އެއްވުންތައް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ދެމުން އައިި ހުއްދަތައް ވަގުތީ ގޮތުން މެދު ކަނޑާލާފައިވާ ކަމަށެވެ. އެއާއެކު މިހާރު ރަސް ފަންނަނުގައި ކުރިޔަށްދާ ނައިޓް މާކެޓްވެސް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯން ރާއްޖެއިން ފެނިފައި ވުމާއެކު، ކޮވިޑްގެ ކޭސްތައް މާލޭގައި ގިނަ ވަމުންއަންނަ ކަމުގައެވެ.

ކޯވިޑްގެ ހާލަތާއި އެކު އެއްވުންތަކާއި ނައިޓްމާކެޓްތައް ބޭއްވުން މަނާ ކުރުމަށްފަހު މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ނައިޓް މާކެޓް ބާއްވަން ސިޓީ ކައުންސިލުން ހުއްދަދީފައި ވެއެވެ.

އެގޮތުން މާލޭގެ ރަސްފަންނު ސަރަހައްދާއި، ދަރުބާރުގޭގެ އިރުމަތީގައި އޮންނަ ހުސް ބިމުގައި އާއި ހުޅުމާލެ ރުށްގަނޑު ސަރަހައްދުގައި ނައިޓް މާކެޓް ބާއްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް