ކޯވިޑް-19 ފެތުރޭތީ ބަލި ކޮންޓްރޯލް ކުރުމަށް މޮނިޓަރިންގައި އޮތީ އެންމެ ހަ ރަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިހާރު އަމަލު ކުރަމުންދާ ގައިޑްލައިންގައި ވާގޮތުން ރަށެއް މޮނިޓަރިންގެ ހާލަތަށް ގެންނަނީ ބަލި ޖެހޭ މީހާގެ ފަރާތުން އިތުރު ބަޔަކަށް ކޯވިޑް ޖެހި ރަށުތެރެއަށް ބަލި ފެތުރިފައި އޮވެދާނެ ކަމަށް ގަބޫލު ކުރެވިއްޖެ ހާލަތެއްގައި އެވެ. އެ ފަދަ ރަށްތަކަށް އެޗްޕީއޭގެ ހުއްދަ ނެތި އަރައި ފޭބުން އޮންނަނީ މަނާކޮށްފަ އެވެ.
އެ ހާލަތުގައި މިވަގުތު އޮތް ހަ ރަށުގެ ތެރެއިން މާފުށި މޮނިޓަރިންއަށް ލާފައި އޮތީ އަރައި ފޭބޭ ގޮތަށެވެ. ދެން މޮނިޓަރިންގެ ހާލަތުގައި އޮތީ، ހއ. އިހަވަންދޫ، ކ. ތުލުސްދޫ، ދ. ހުޅުދެލި އަދި ގދ. ވާދޫ އާއި ހދ. ނާވައިދޫ އެވެ.
މޮނިޓަރިންގެ އޮތް ރަށްތަކުގެ ތެރެއިން މ. މުލަކާއި ތ. ވިލުފުށީގެ މޮނިޓަރިންގެ ހާލަތު ވަނީ މިދިޔަ އަންގާރަ ދުވަހު އުވާލާފަ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު ވަނީ އާ އަހަރާއި ކޯވިޑްގެ އާ ވޭރިއަންޓު އޮމިކްރޯން އާއި އެކު އިތުރުވާން ފަށާފައި އެވެ. އިއްޔެ 224 މީހަކަށް ކޯވިޑް ޖެހުނު އިރު މިހާތަނަށް ރާއްޖެއިން 96،746 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން 93،736 މީހުން ވަނީ ރަނގަޅުވެފައި އެވެ. މިހާރު ފަރުވާ ދެމުންދަނީ 2،734 މީހުންނަށެވެ.
ކޯވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 263 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް