ރާއްޖެއިން އިސްރާއީލާއި އެކު ގުޅުން ގާއިމް ކުރަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަ ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ.
ބޭރުގެ މީޑިއާ އާއި ހަވާލާދީ ދިވެހި ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި ދެން އެންމެ އަވަހަށް އިސްރާއީލުން ގުޅުން ގާއިމް ކުރަން ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. އެކަމަށްޓަކާއި ރާއްޖެ އާއި އިޒްރޭލާއި ދެމެދު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ
މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ބޭރުގެ މީޑިއާތަކާއި ހަވާލާދީ ދިވެހި މީޑިއާއިން ކޮށްފައިވާ ރިޕޯޓަކީ ދޮގެއް ކަމަށެވެ. އޭނާ ވިދާޅުވީ އިސްރާއީލާއި އެކު ގުޅުން ގާއިމް ކުރުމުގެ އެއްވެސް މަސައްކަތެއް އަދި މަޝްވަރާއެއް ދިވެހި ސަރުކާރުން ނުކުރާ ކަމަށެވެ.
މި ވާހަކަ ރިޕޯޓުކޮށްފައިވަނީ އިސްރާއީލްގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިސްރާއީލްގައި އެވެ. އެ ނޫހުގައި ބުނެފައިވާ ގޮތުގައި ދެ ގައުމުން ގުޅުން ގާއިމް ކުރަން މަޝްވަރާ ކުރިޔަސް އެކަން އަވަސް މުސްތަގުބަލެއްގައި އިއުލާން ކުރާނެ ކަމަށް ނުބެލެވެ އެވެ.
ރާއްޖެއިން އިސްރާއީލާއި އެކު ގުޅުން ބޭއްވީ ހަމައެކަނި ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެވެ. ކުރީގެ ރައީސް މައުމުން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގެން އެ ގައުމާއި އެކު އޮތް ހުރިހާ ގުޅުމެއް އޮތީ ކަނޑާލާފަ އެވެ.
އޭގެ ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަލުން ގުޅުން ގާއިމް ކުރުމަށް މަސައްކަތް ކުރި އެވެ. އެގޮތުން ގުޅުން ގާއިމް ކުރުމަށް މަޝްވަރާކޮށް އިސްރާއީލްގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް މަސައްކަތް ކުރިނަމަވެސް ރައްޔިތުންގެ މުޒާހަރާތަކާއި ގުޅިގެން އެކަން ނަޝީދު ސަރުކާރަށް ކުރިޔަށް ގެންދެވޭގޮތް ނުވީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް