ދުންފަތު ދުރުވާން ގުޅަން ކުއިޓް ލައިން ނަންބަރެއް ހެލްތް މިނިސްޓްރީން ތަޢާރަފުކޮށްފި

ދުންފަތުން ދުރުވާން ބޭނުންވާ ފަރާތަކަށް، އެކަމަށް ފަރުވާ ހޯދުމަށް ގުޅަން ނަމްބަރެއް ހެލްތް މިނިސްޓްރީން ތައާރަފުކޮށްފިއެވެ. ހެލްތް މިނިސްޓްރީން މިކަން އިއުލާނުކުރީ އެކަމަށްޓަކައި އެ ވުޒާރާއިން ބޭއްވި ...

05 Dec 2024 | 10:52

ދުންފަތުން ދުރުވާން ބޭނުންވާ ފަރާތަކަށް، އެކަމަށް ފަރުވާ ހޯދުމަށް ގުޅަން ނަމްބަރެއް ހެލްތް މިނިސްޓްރީން ތައާރަފުކޮށްފިއެވެ.

ހެލްތް މިނިސްޓްރީން މިކަން އިއުލާނުކުރީ އެކަމަށްޓަކައި އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރ ނާޒިމް ވިދާޅުވީ ސެޒޭޝަންގެ ޚިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި ކުއިޓް ލައިނެއް މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ. އަދި މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުއިކް ލައިންގެ ޚިދުމަތް ލިބެން ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ކުއިޓް ލައިންގެ ނަންބަރަކީ 1676 އެކެވެ. މިނަންބަރުގެ ޚިދުމަތް 24 ގަޑިއިރަށް ލިބޭނެކަމަށާއި ސެޒޭޝަންގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަންނީ މުވައްޒަފުންވެސް މިހާރު ތަމްރީން ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ކުއިޓް ލައިންގެ ޒަރިއްޔާއިން ގުޅައިގެން ފޯނުން ދެވޭ ޚިދުމަތްތަކުގެ އިތުރަށް ނިކޮޓިން އެޑިކްޝަނުން ދުރުވުމާ ގުޅޭ މަޢުލޫމާތުތައް ހިއްސާކުރާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖޭގެ ހުރިހާ ސިޓީތަކާއި ރަށްތަކުގައި "ޓޮބޭކޯ ސިޒޭޝަން ކްލިނިކް" ސިނގިރޭޓާ ދުރުކޮށްދޭ ކްލިނިކްތައް ޤާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނި ނިންމާފައެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ ދުންފަތުން ދުރުވާ ބޭނުންވާ މީހުންނަށް ބޭނުންވާ ތަކެތި އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.

" މިކަމަށް ބޭނުންވާ ނިކޮޓިން ޕެޗް، އާދެ ގަމް އަދި އެހެނިހެން ފަރުވާވެސް އާސަންދައި ކަށަވަރުކުރާނެ ގޮތް މިހާރު ސަރުކާރުން ވަނީ ނިންމާވާފައި." ހެލްތް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، އެސް.ޓީ.އޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލް ގާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމެވިކަންވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް