ފަތުރުވެރިކަން ފުޅާކުރުމަށް ލަކްޝަދުވީޕުގައި އިންޑިއާއިން މެގަ ޕްރޮޖެކްޓްތަކެއް ހިންގަނީ

އިންޑިއާގެ ޖަޒީރާ ރަށްތައް ހިމެނޭ ލަކްޝަދުވީޕުގައި ފަތުރުވެރިކަމާ ގުޅުންހުރި މެގަ ޕްރޮޖެކްޓްތަކެއް ފަށަންއުޅޭކަމުގައި އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ. އެގޮތުން ސީއެންއެން އިންޑިއާގެ ނިއުސް 18ގަ...

05 Dec 2024 | 09:31

އިންޑިއާގެ ޖަޒީރާ ރަށްތައް ހިމެނޭ ލަކްޝަދުވީޕުގައި ފަތުރުވެރިކަމާ ގުޅުންހުރި މެގަ ޕްރޮޖެކްޓްތަކެއް ފަށަންއުޅޭކަމުގައި އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

އެގޮތުން ސީއެންއެން އިންޑިއާގެ ނިއުސް 18ގައި ބުނެފައިވަނީ އެ ޕްރޮޖެކްޓްތަކާ ގުޅުންހުރި ޔޫނިއަން ގަވަމަންޓްގެ ލިޔެކިޔުންތަކެއް އެ މީޑީއާއަށް ލިބިފައިވާކަމަށާއި އެ ލިޔެކިޔުންތަކަށް ބަލާއިރު ލަކްޝަދުވީޕުގެ ކަވަރައްޓި، އާގައްޓި އަދި މަލިކު ހިމެނޭހެން ބޮޑެތި ޖެޓީތައް އެޅުމާއި ކަނެކްޓިވިޓީ އިތުރަށް ހަރުދަނާކުރުމުގެ ޕްރޮޖެކްޓްތަކެއް ހިމެނެއެވެ. އަދި އެ ޖަޒީރާ ރަށްތަކުގެ ތެރެއިން ބައެއް ރަށްތަކުގައި ތާޖުން ދެ ރިސޯޓެއް ތަރައްޤީ ކުރާނެކަމުގެ ވާހަކަތަކެއް ހިމެނެއެވެ.

އެގޮތުން އެންމެ ފުރަތަމަ ބޮޑެތި ޖެޓީތައް އެޅުމުގެ ޕްރޮޖެކްޓް އިއްޔެ ޓެންޑާ މަރުހަލާއަށް ލާފައިވާއިރު އެއީ 303 ކަރޯޑު ރުޕީސްގެ ޕްރޮޖެކްޓެއްކަން ފާހަގަކޮށްފައިވެއެވެ.

ލަކްޝަދުވީޕް ޖަޒީރާ ރަށްތަކުގެ ތެރޭގައި މީހުން ދިރިއުޅޭ 10 ރަށާއި މީހުން ދިރިނޫޅޭ 17 ރަށް އޮތްއިރު އަލަށް އިއުލާނުކުރަން ތައްޔާރުވަމުން އަންނަ މެގަ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނެނީ އެ ޖަޒީރާ ރަށްތަކުގައި އިންޓަނެޓް ހިދުމަތް ވަރުގަދަ ކުރުމާއި ލޮނު ފެނަށް ބަދަލުކުރުމުގެ ޕްރޮޖެކްޓްތަކެއް ފެށުމާއި އައިސް ޕްލާންޓްތައް ގާއިމުކުރުމާއި ފަތުރުވެރިކަމާއި ގުޅުންހުރި އެހެނިހެން އިންފްރާސްޓްރަކްޗަރތައް ގާއިމުކުރުމެވެ.

މީގެ އަހަރެއްހާދުވަސް ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްވެ ފަތުރުވެރިކަމަށް ލަކްޝަދުވީޕް ޕްރޮމޯޓްކުރުމުގެ ހަރަކާތްތަކެއް ފެށިއެވެ. އެ ހަރަކާތްތަކާއެކު ރާއްޖޭގެ ސިޔާސީ އެކްޓިވިސްޓުން ކެކި އުތުރި އަރައި އިންޑީއާއާއި އިންޑިއާގެ ބޮޑުވަޒީރަށް ހެއްދެވި ނެހެއްދެވިއަށް ގޮވައި އިންޑިއާއާއި ރާއްޖޭގެ ގުޅުން އިންތިހާއަށް ހީނަރުވެ އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިންތިހާއަށް މަދުވެގެންދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް