ފިރިހެން ދަރިވަރުންތަކަކާ ނުގުޅޭ ވާހަކަތައް މެސެޖު މެދުވެރިކޮށް ދައްކާ، އެ ދަރިވަރުން ގްރޫމްކުރި މައްސަލައިގާ ފިރިހެން ޓީޗަރުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
އެ ޓީޗަރު ނިސްބަތްވަނީ ލ. އަތޮޅަށް ނިސްބަތްވާ ސްކޫލަކަށެވެ. އެއީ ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދެމުންދިޔަ ދިވެއްސެކެވެ.
ފުލުހުން މިއަދު ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ކަމަށާއި އޭނާގެ ބަންދަށް ކޯޓުން 20 ދުވަސް އޭރު ދިން ކަމަށެވެ.
އުމުރުން 29 އަހަރުގެ އެ ފިރިހެން ޓީޗަރު އެ ސްކޫލުގެ ވިއްސަށްވުރެ ގިނަ ފިރިހެން ދަރިވަރުންނަށް އެފަދަ މެސެޖުތައްކޮށް، އެފަދަ ލިންކުތަކާއި ވީޑިއޯ/ފޮޓޯ ފަދަ ތަކެތި ފޮނުވަމުންގޮސްފައިވެއެވެ.
މިކަން ފެންމަތިވީ އެއިން ކުއްޖަކަށް ޖިންސީ ގޯނާއެއްކުރަން އެ ޓީޗަރު އުޅުމުން އެކަން އެ ދަރިވަރު ބެލެނިވެރިޔާގެ ސަމާލުކަމަށް ގެނައި ހިސާބުންނެވެ.
އެ ޓީޗަރަކީ އެ ސްކޫލުގެ ދަރިވަރުން ރަށުން ބޭރަށް ކުރާ ބައެއް ދަތުރުތަކުގައި އެ ދަރިވަރުންނާ ހަވާލުވެ އެ ދަރިވަރުންނާއެކު ދަތުރުވެސްކުރާ ޓީޗަރެއްކަމުން އެ ދަރިވަރުންނާ އެފަދަ ވާހަކަތައް ދައްކައި ގްރޫމް ކުރުމުގެ ފުރުސަތު ބޮޑުކޮށް ލިބެމުންދިޔަ ޓީޗަރެކެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ޓީޗަރުގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް