އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި. އެންމެ މޮޅު ޑްރާމާއަށް 50.000 ރުފިޔާ!

އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތު ގައި ބައިވެރިވުމުގެ ފުރުޞަތު ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ހުޅުވާލައިފިއެވެ. އެން.ސީ.އޭ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތު ގައި ބައިވެރިވުމުގެ ފުރުޞަތުހުޅުވާލިއިރު،...

05 Dec 2024 | 05:15

އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތު ގައި ބައިވެރިވުމުގެ ފުރުޞަތު ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ހުޅުވާލައިފިއެވެ.

އެން.ސީ.އޭ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތު ގައި ބައިވެރިވުމުގެ ފުރުޞަތުހުޅުވާލިއިރު، އެންމެ ފަހުން އޮފީސްތަކަށް ހުޅުވާލައިގެން މިފަދަ މުބާރާތެއް ބާއްވާފައި ވަނީ މީގެ ފަސް އަހަރު ކުރިންނެވެ.

އެހެން ކަމުން 5 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން މި މުބާރާތް ފަށާފައިވަނީ މިއަހަރުއެވެ.

އޮފީސްތަކުގެ ޓެލެޑްރާމާއަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް ފަންނުވެރީންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކުރުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ އަދި ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ މުބާރާތެކެވެ.

އެން.ސީ.އޭ އިން މިހާރު ވަނީ 1446 ވަނަ އަހަރުގެ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހާހަމައަށެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރު އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ މުއްސަސާތަކަށެވެ. ކޮންމެ އޮފީހަކުން މުބާރާތައް ހުށަހެޅޭނީ އެންމެ ޓެލެޑްރާމާއެކެވެ. އެން.ސީ.އޭއިން ވިދާޅުވީ މުބާރަތް ބޭއްވުމަށް މަދުވެގެން 5 އޮފީހެއްގެ ބައިވެރިވުން ބޭނުންވާނެކަމަށެވެ.

އެން.ސީ.އޭއިން އާއްމުކޮށްފައިވާ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ އުޞޫލުގައިވާގޮތުން މުބާރާތުގައި ބައިވެރިކުރާ ޓެލެޑްރާމާގެ ދިގުމިނަކަށްވާންވާނީ މަދުވެގެން 45 މިނެޓެވެ. އަދި ދިގުވެގެން 50 މިނެޓެވެ. އަދި ޑްރާމާ ހުށަހަޅައިދޭންވާނީ ދިވެހި ބަހުންނެވެ. މުބާރާތުގައި ބައިވެރިކުރާ ޑްރާމާތައް ދައްކަން ފަށާނީ ރަމަޟާންމަހުގެ ތެރޭގައެވެ.

ޓެލެޑްރާމާގެ ތީމް ބިނާކުރަންވާނީ އެ އޮފީހެއް، މުއައްސަސާއެއް، ނުވަތަ ކުންފުންޏެއްގެ މައިގަނޑު މަސައްކަތްތަކާ ގުޅުންހުރި އަދި އިޖްތިމާއީ މައްސަލައަކަށާއި އެއަށް ޙައްލެއް ހޯދޭނެ ތީމެއްގެ މައްޗަށްކަމަށް އުޞޫލުގައިވެއެވެ.

އެން.ސީ.އޭއިން އާއްމުކޮށްފައިވާ އުޞޫލުގައި މި މުބާރާތުގައި ހޮވާނެ ވަނަތަކާއި އިނާމްތަކުގެ ތަފްޞީލުވެސް ވަނީ ހިމަނާފައެވެ. އެގޮތުން ޖުމްލަ 14 ވަނައެއް ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ ތެރެއިން އެންމެ މޮޅު ޑްރާމާ، އެންމެ މޮޅު އެކްޓަރ އަންހެން / ފިރިހެން، އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ އަންހެން / ފިރިހެން، އަދި އެންމެ މޮޅު ނިއު ކަމަރ އަންހެން / ފިރިހެން މި ވަނަތަކަށް ޓްރޮފީގެ އިތުރުން ބޮޑެތި ފައިސާގެ އިނާމްތަކެއްވެސް ވަނީ ހުށަހަޅާފައެވެ. އެގޮތުން އެންމެ މޮޅު ޑްރާމާއަކަށް 50،000 ރުފިޔާ ގެ ފައިސާގެ އިނާމު ދޭން ވަނީ ނިންމާފައެވެ.

އޮފީސްތަކުގެ ޓެލެދްރާމާ މުބާރާތަށް ފައިސާގެ އިނާމު ހުށަހަޅާފައިވާ އެވޯޑުތައް:

• އެންމެ މޮޅު ޑްރާމާ - 50،000 ރުފިޔާ

• އެންމެ މޮޅު އެކްޓަރ (އަންހެން) - 15،000 ރުފިޔާ

• އެންމެ މޮޅު އެކްޓަރ (ފިރިހެން) - 15،000 ރުފިޔާ

• އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ (އަންހެން) - 10،000 ރުފިޔާ

• އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ (ފިރިހެން) - 10،000 ރުފިޔާ

• އެންމެ މޮޅު ނިއު ކަމަރ (އަންހެން) - 5000 ރުފިޔާ

• އެންމެ މޮޅު ނިއު ކަމަރ (ފިރިހެން) - 5000 ރުފިޔާ

އެން.ސީ.އޭއިން ބުނީ މުބާރާތުގެ ވަނަތައް ހޮވުމުގައި ބަލާނީ ހުރިހާ ފަނޑިޔާރުން ދޭ މާރކްސްގެ އެވްރެޖުން އެންމެމަތީ މާކްސް ހޯދާ ފަރާތަކަށްކަމަށެވެ. މީގެ އިތުރުން "ވިއުވަރސް ޗޮއިސް" މިއެވޯޑު ލިބޭނީ އެސް.އެމް.އެސްއަށް ހުޅުވަލައިގެން އެންމެ ގިނަ އެސް.އެމް.އެސް ލިބޭ ފަރާތަކަށްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް