ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން އިޖްތިމާއީ ބިނާރަށް ގެއްލުންވޭ: ނައިބު ރައީސް

ރައްޔިތުންގެ ވިސްނުންތަކާ ކުޅެ، ނަފްރަތާއި ރުޅިވެރިކަން އުފައްދަން އިންޓަނެޓުގެ ޒަރިއްޔާއިން ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން އިޖްތިމާއީ ބިނާރަށް ތާ އަބަދަށް ގެއްލުންދެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔ...

05 Dec 2024 | 05:02

ރައްޔިތުންގެ ވިސްނުންތަކާ ކުޅެ، ނަފްރަތާއި ރުޅިވެރިކަން އުފައްދަން އިންޓަނެޓުގެ ޒަރިއްޔާއިން ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން އިޖްތިމާއީ ބިނާރަށް ތާ އަބަދަށް ގެއްލުންދެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މިއަދު ވިސްނުންތަކާ ކުޅެ، ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ޙަމަލާތައް ދެނީ އިންޓަނެޓުގެ ޒަރިއްޔާއިން ކަމަށެވެ. އަދި އެކަމުގެ ތެރެއިން ދޮގު މައުލޫމާތު ފެތުުރުމާއި، އިގްތިސާދީ ފިއްތުންތައް ކުރިމަތި ކުރުވުމާއި، ސިޔާސީ ހަލަބޮލިކަން އިތުރުކުރުމުގެ އިތުރުން، އަދި ސަގާފީ ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މީގެ އިތުރުން އެކަންކަމުގެ ތެރެއިން ތޮޅެނީ ގައުމުތަކުގެ ގައުމިއްޔަތާއި، އިޖްތިމާއީ ފިކުރުތަކާއި އިގްތިސާދީ ތަސައްވުރުތަކާ ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، އެފަދަ ކަންކަމަކީ "ކައްޗަރީ ހަނގުރާމައިގެ" ގޮތުގައި ބެލެވިދާނެ ކަމަށާއި އެފަދަ ހަނގުރާމައިގެ ސަބަބުން ލިބޭ ނުފޫޒުތަކުގެ ސަބަބުން، ގައުމެއްގެ އިޖްތިމާއީ ބިނާރަށް ތާ އަބަދަށް ގެއްލުން ވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިޖްތިމާއީ އެއްބައިވަންތަކަމާއި އިގްތިސާދީ ހަމަޖެހުން ގާއިމް ކުރުމަށް ވެސް ހުރަސް އެޅޭ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

އަދި އެފަދަ ހަނގުރާމައިގައި ފެތުރާ ދޮގުތައް އެތައް ޒަމާނަކަށް ފެތުރޭ ކަމަށާއި، އެފަދަ ކަންކަމަކީ ގައުމު ބައިބައިވެ، ގައުމީ ވަންތަކަށް ބަލިކަށިކޮށްލުމުގެ އިތުރުން، ރައްޔިތުންގެ މެދުގައި ގައުމީ މަސްލަހަތަށް އޮންނަ އިތުބާރު ވެސް ފުނޑުފުނޑުކޮށްލާކަމެއް ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، އެކަންކަމުގެ ސަބަބުން މިއަދުގެ ސަރުކާރުން ދަނީ ސަރުކާރުން ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތުން ފެށިގެން ޢާންމު މަސްލަހަތުތައް ހިމާޔަތްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި، މިއަދު ސައިބާ ސަލާމަތީ ފިޔަވަޅުތައް ވެސް ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ހަރުދަނާކުރަމުން ކަމަށެވެ.

އަދި އެއާއެކު އެކި ގޮތް ގޮތުން ފެތުރޭ ދޮގު މައުލޫމާތާ ދެކޮޅަށް މަސައްކަތްކުރަން ވެސް މިއަދު ވަނީ މަޖުބޫރުވެފައި ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް