ކަޝްމީރުގެ އަންހެނުން ކުޅިވަރުގައި މޮޅުވާކަމުގެ ޚަބަރުތައް ފެތުރެމުން ދިޔަވަރަކަށް، ފެންނަމުންދަނީ ކަސްމީރުގައި އޮތް ޖިންސީ ތަފާތުކުރުންތައް ނައްތާލުމަށް އަންހެނުން ހިތްވަރު ދޫނުކުރާ މަންޒަރެވެ.
ފިރިހެނުންގެ އަޣުލަބިއްޔަތު އޮންނަ ކަޝްމީރުގައި ހިމޭން އިންގިލާބެއް އަންނަމުން ދާކަމުގެ ހެއްކަކީ ކަޝްމީރުގެ އަންހެނުންނަށް ހުރި ހުރަސްތައް ނައްތާލުމަށް ކުޅިވަރުގައި ބައިވެރިވަމުން ދާކަމެވެ.
ސްނޯ ފަރުބަދަތަކުގެ ފަހަތުގައި، މި އަންހެނުން އާ ރޫހެއްގައި ފަށައިގެން ކުރިއަށް އެގެންދަނީ ޒަމާންތަކެއް ވަންދެން ދިގުދެމިގެން ދިޔަ ތަފާތުކުރުންތަކަށް ގޮންޖަހާލެވޭނެ ތާރީހީ މަސައްކަތެކެވެ.
ނާދިޔާ ނިގަތަކީ ފުޓްބޯޅައަށް އޮތް ޝައުގުވެރިކަމާއެކު ކަޝްމީރުގައި އޮތް ތަފާތުކުރުންތަކާއި ކުރިމަތިލާ، ވަރުގަދަ އަޒުމެއްގައި ސާބިތުކަން ދައްކާ ޒުވާން ހުނަރުވެރި ކުޅުންތެރިއެކެވެ. އޭނާ އަކީ ކަޝްމީރުގެ ފުރަތަމަ އަދި ހަމައެކަނި އަންހެން ފުޓްބޯޅަ ކޯޗެވެ. މިހާރު އޭނާ އަމާޒު ހިފާފައި ހުރީ ބޮޑެތި ލަނޑުދަނޑިތަކަށެވެ.
"އަހަރެން ފުޓްބޯޅައަށް އޮތް ޝައުގުވެރިކަން އިތުރުވެ ކުރިއަށް ދިޔުމަށް ހިތްވަރުލިބުނީ ޖައްމޫގައި އޮތް ޖޫނިއާ ނޭޝަނަލްސްގައި އަހަރެން ޖެހި ފުރަތަމަ ގޯލާއެކު" އޭނާ ބުންޏެވެ. ސްރީނަގަރުގެ އަމަރް ސިންގް ކޮލެޖުގައި ނާދިޔާ ފުޓްބޯޅަ ކުޅެން ފެށިއިރު އަންހެން ކުއްޖަކަށް އޭނާ އެކަނި ހުރިއިރު ދެން ތިބެނީ 47 ފިރިހެން ކުދިންނެވެ. އަވަށްޓެރި އަންހެން ކުދިން އޭނާއާ ވާހަކަ ދެއްކުން ހުއްޓާލުމާއި އެކުދިންގެ މައިންބަފައިން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާހެދިއެވެ. އަދި އަމިއްލަ މަންމަ ވެސް ނާދިޔާއާއި ދެކޮޅަށް ދިއުމުން އާއިލާތެރޭގައިވެސް ހަމަނުޖެހުން އުފެދުނުކަމަށް އޭނާ ބުނެފައިވެއެވެ.
ނަމަވެސް ނާދިޔާއަށް އޭނާގެ ބައްޕަގެ ފަރާތުން ނުހަނު ބޮޑު އެއްބާރުލުމެއް ލިބުނެވެ. "ކޭލޯ ކަޝްމީރު" ގެ ނަމުގައި ސްޓޭޓް ލެވެލްގެ މުބާރާތެއްގައި ބައިވެރިވި 19 އަހަރުން ދަށުގެ ފިރިހެން ޓީމަކަށް ކޯޗުކަންކޮށްދޭން ނިންމި ހިސާބުން އޭނާއަށް ބޮޑު ކާމިޔާބީއެއް ލިބުނެވެ.
އޭނާގެ މި ދަތުރުން ކުރިން މީ އަންހެން ކުދިންނަށް ނުވާނެ ކަމެއްކަން ޤަބޫލުކުރި އެތައް އަންހެނުން މިހާރު ހިތްވަރު ލިބި މިކަމުގައި ބައިވެރިވަމުން ދެއެވެ. ޖާރޒީގައި ތިބި އަންހެން ކުދިން ޖެހިލުމެއްނެތި ހިތްވަރާއެކު އެމީހުން ފުތްބޯޅައިގައި ކުރިއަށް ދިޔުމުގެ ހުވަފެންތަކުގައި ކުލަޖައްސަމުންދާ މަންޒަރު ސްރީނަގަރާއި ކައިރި އެހެން ހިސާބުތަކުން ދަނީ ފެންނަމުންނެވެ.
މީގެ 20 އަހަރު ކުރިން ހުރިހާ ގޮންޖެހުންތަކަކާއި ދެކޮޅަށް ހަނގުރާމަކޮށް ކުޅިވަރުގެ ދަތުރު ފެށި އަދި މިހާރު އޮލިމްޕިއަން ބިލްކިސް މީރަކީ ކަޝްމީރުގެ އަންހެން ކުދިންނަށް ލިބުނު އިތުރު ހިތްވަރެކެވެ. މެދު ފަންތީގެ އާއިލާއަކަށް ނިސްބަތްވާ މީރު މިހާރު ވަނީ ކަޔާކިން-ކެނޯއިން ތާރީހުގެ ތެރޭގައި ނަންފަވާލާފައެވެ.
ބައިނަލްއަގުވާމީ ހަ މުބާރާތަކާއި ގައުމީ 16 މުބާރާތަކުން މެޑަލް ހޯދުމުގެ އިތުރުން އޮލިމްޕިއަން ގޭމްސްގެ ޖަޖެއްގެ މަގާމަށް ހޮވުނު ފުރަތަމަ ކަޝްމީރު އަންހެން ކުޅުންތެރިޔާގެ ޝަރަފު ވެސް އޭނާ ވަނީ ހޯދާފަ އެވެ. "އަހަރެން ފެށިއިރު ކުޅިވަރުގައި އަންހެން ކުދިން ވަރަށް މަދު ނަމަވެސް މިހާރު ފެންނަނީ އެކަން ބަދަލުވާތަން،" އޭނާ ބުންޏެވެ.
ކުޅިވަރުގެ ރޮނގުން ކުރިއަށްދާން ބޭނުންވާ އަންހެން ކުދިންނަށް މީރު ދޭ މެސެޖަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރުމެވެ. "އަންހެން ކުދިންނަށް ކެރިއަރުގައި އަބަދުވެސް އިތުރު ހުރަސްތަކާ ކުރިމަތިލާން ޖެހޭ، އެކަމަކު އަހަރެންގެ މެސެޖަކީ ހުނަރު ދުވަހަކު ވެސް މަރެއްނުވާނެ، ގަދައަޅައި މަސައްކަތް ކުރަމުން ގެންދޭ" އޭނާ ބުންޏެވެ.
ކުޅިވަރުގެ ހަރަކާތްތަކަށް ހާއްސަކޮށް އަންހެން ކުދިންނަށް މަރުކަޒީ ސަރުކާރުން ހާއްސަ ސަމާލުކަމެއް ދިނުމަކީ ވެސް ކަޝްމީރުގެ އަންހެނުންނަށް ކުޅިވަރުގައި ކުރިއެރުން ހޯދުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. ވާދީގައި ދުނިޔޭގެ ފެންވަރުގެ ވަސީލަތްތައް ފޯރުކޮށްދީ، އެކި ކުޅިވަރުތަކުގައި އަންހެނުން ރަޖިސްޓްރީކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުންދާތަން ފެނެއެވެ.
މިދިޔަ އަހަރު މޮސްކޯ ވޫޝޫ ސްޓާސް އިވެންޓުން ވޫޝޫ ވޯލްޑް ރަން މެޑަލް ހޯދި އިންޑިއާގެ ފުރަތަމަ އަންހެން ކުއްޖާގެ ޝަރަފު ސްރީނަގަރަށް ނިސްބަތްވާ ސާދިޔާ ތާރިގު ހޯދާފައިވެއެވެ.
މި ބަދަލަކީ ހަމައެކަނި ފަރުދީ މަސައްކަތްތަކަށް އެކަނި އައިސްފައިވާ ބަދަލެއް ނޫނެވެ. އަންހެނުންގެ ކުޅިވަރު ކްލަބްތަކާއި ލީގުތައް އުފެދި، އެކުވެރި މުޖުތަމައެއްގެ މަންޒަރުތައް ދަނީ ފެންނަމުންނެވެ. އެއްޒަމާނެއްގައި ފަސްޖެހިފައި ތިބި އާއިލާތަކުން މިހާރު ފަޚުރުވެރިކަމާއެކު މިކަމުގައި ބައިވެރިވެ އުފާފާޅުކޮށް، އަންހެން ދަރިންގެ ހުވަފެންތަކަށް ހުރަސްއެޅި ހުރަސްތައް ވަނީ ނައްތާލާފައެވެ.
ހަނގުރާމައިގެ ސަބަބުން ގިނަ ފަހަރަށް ކާމިޔާބީގެ ވާހަކަތައް ހިޔަނި އެޅިފައިވީ ނަމަވެސް ކުޅިވަރުތަކުގައި ކަޝްމީރުގެ އަންހެނުންގެ ކެތްތެރިކަން ވަރަށް ބޮޑެވެ. މީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވިގެންދާނެ ހެޔޮ ބަދަލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް