ވޯލްޑް ކަޕް 2022: ޕެނަލްޓީއިން ޖަޕާން ބަލިކޮށް ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް

ފީފާ ވޯލްޑް ކަޕް 2022 ގެ ރައުންޑް އޮފް 16 ގައި މިރޭ ކުޅުނު ފުރަތަމަ މެޗުން ޖަޕާންގެ މައްޗަށް ކްރޮއޭޝިއާއިން ކުރި ހޯދައިފިއެވެ. މިރޭގެ މެޗުގެ 90 މިނިޓުގެ ކުޅުން ހަމަވިއިރު، 1-1 އިން އެއްވަރުވެ، އިތުރު ...

05 Dec 2022 | 17:49

ފީފާ ވޯލްޑް ކަޕް 2022 ގެ ރައުންޑް އޮފް 16 ގައި މިރޭ ކުޅުނު ފުރަތަމަ މެޗުން ޖަޕާންގެ މައްޗަށް ކްރޮއޭޝިއާއިން ކުރި ހޯދައިފިއެވެ.

މިރޭގެ މެޗުގެ 90 މިނިޓުގެ ކުޅުން ހަމަވިއިރު، 1-1 އިން އެއްވަރުވެ، އިތުރު ވަގުތުގެ 2 ހާފުގައި ވެސް އިތުރު ލަނޑެއް ނުފެނުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޝޫޓް އައުޓުންނެވެ. ޕެނަލްޓީ ޝޫޓްއައުޓް ކްރޮއޭޝިއާއިން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއިންނެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ނޮކް-އައުޓް 5 މެޗު ކުޅުނުއިރު، މި މެޗަކީ އިތުރު ވަގުތުގެ 2 ހާފު ކުޅެން ޖެހުނު އަދި ޕެނަލްޓީ ޝޫޓްއައުޓަށް ވެސް ދިޔަ ފުރަތަމަ މެޗެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު، ހަމަހަމަކުޅުމެއް ފެނުނުއިރު، ފުރަތަމަ ހާފުގެ މެދެއްކަންހާ ހިސާބުން ކްރޮއޭޝިއާއިން ތަންކޮޅެއް ބޮޑަށް ޑޮމިނޭޓްކޮށް، އެޓޭކްތައް އުފެއްދިއެވެ. މިގޮތުން ޖަޕާންގެ ޑިފެންޑަރ ޓޮމިޔަސޫއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ކައިރިން ޕެރިސިޗް ފޮނުވާލި ހަމަލާ ފާހަގަކޮށްލެއެވެ. އެ ބޯޅަ ސަލާމަތްކުރީ ޖަޕާންގެ ގޯލްކީޕަރެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޖަޕާނުން އަވަސް އެޓޭކްތަކެއް އުފެއްދިއިރު، އެ ޓީމުން ލީޑު ނެގީ 43 ވަނަ މިނިޓުގައި މައެދާ ޖަހައިދިން ލަނޑަކުންނެވެ. އޭނާ މި ލަނޑު ޖެހީ ޑޯން ނަގައިދިން ހުރަސް، ޔޮޝިޑާ ބޮލުން ޖައްސާލުމުން އޭނާއަށް ލިބުނު ފުރުސަތުގައެވެ.

ޖަޕާނުން ދެ ވަނަ ހާފު ވަރުގަދަކޮށް ފެށި ނަމަވެސް، މާކަ ގިނައިރުތަކެއް ނުވެ ކްރޮއޭޝިއާއިން ނަތީޖާ ހަމަހަމަކޮށްލިއެވެ. މެޗުގެ 55 ވަނަ މިނިޓުގައި ލޮވްރެން ނަގައިދިން ހުރަހުން ބޮލުން ޖަހާ މި ލަނޑު ކާމިޔާބުކޮށްދިނީ ޕެރިސިޗެވެ.

ދެ ވަނަ ހާފުގައި އިތުރު ލަނޑެއް ޖަހަން ރަނގަޅު ފުރުސަތުތައް ބޮޑަށް ލިބުނީ ކްރޮއޭޝިއާއަށެވެ. އެހެން ނަމަވެސް، ދެ ޓީމަށް ވެސް އެހާ ހުސް ފުރުސަތުތަކެއް ތަނަވަހެއް ނުކުރެވުނެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކްރޮއޭޝިއާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ހާފު ނިމެން ދަނިކޮށް ޖަޕާނުން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. އެ ހަމަލާތަކުގެ ހުރަހަކަށްވީ ކްރޮއޭޝިއާގެ ގޯލްކީޕަރެވެ. އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހުކޮޅުގައި ކްރޮއޭޝިއާއަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.

ފުރަތަމަ ޕެނަލްޓީ ޖެހީ ޖަޕާނުންނެވެ. އެ ޓީމުން ފުރަތަމަ ޖެހި 2 ޕެނަލްޓީ ވެސް ކްރޮއޭޝިއާގެ ގޯލްކީޕަރ ލިވަކޯވިޗް ސޭވްކުރިއެވެ. ކްރޮއޭޝިއާއިން ފުރަތަމަ ޖެހި 2 ޕެނަލްޓީ ވްލަސިޗް އަދި ބްރޮޒޯވިޗް ކާމިޔާބުކުރިއިރު، ޖަޕާނުން 3 ވަނައަށް ޖެހި ޕެނަލްޓީ އަސާނޯ ކާމިޔާބުކުރިއެވެ. ކްރޮއޭޝިއާގެ 3 ވަނަ ޕެނަލްޓީ ލިވާހާ ދަނޑިއަށް ޖެހިއިރު، ޖަޕާންގެ 4 ވަނަ ޕެނަލްޓީ ވެސް ކްރޮއޭޝިއާގެ ގޯލްކީޕަރ ސަލާމަތްކުރިއެވެ. މި ޕެނަލްޓީ ޖެހީ ޔޮޝިޑާއެވެ. މިއާއެކު ކްރޮއޭޝިއާގެ ޕެރިސިޗް އެ ޓީމުގެ 4 ވަނަ ޕެނަލްޓީ ޖަހައި، ކްރޮއޭޝިއާ މޮޅުކޮށްދިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް