ނަފްސާނީ މައްސަލަތަކުގައި ފުރަތަމަ އެހީ ހޯދަންވީ ގާތް މީހުން ކައިރިން: ރައީސް

ނަފްސާނީ މައްސަލަތަކުގައި ފުރަތަމަ އެހީތެރިކަން ހޯދަންވީ ގާތްތިމާގެ މީހުންނާއި ރަޙުމަތްތެރިންގެ އެހީތެރިކަމާ އެއްބާރުލުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހ...

05 Dec 2022 | 17:25

ނަފްސާނީ މައްސަލަތަކުގައި ފުރަތަމަ އެހީތެރިކަން ހޯދަންވީ ގާތްތިމާގެ މީހުންނާއި ރަޙުމަތްތެރިންގެ އެހީތެރިކަމާ އެއްބާރުލުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނަފްސާނީ ޞިއްޙަތަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިން، "ކިހިނެތް؟" އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިއީ ސަރުކާރުގެ ޤައުމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިގެން ނަފްސާނީ ދުޅަހެޔޮކަމަށް ދެއްވާ އިސްކަމުގެ ތެރޭން ކުރެވޭ މަސައްކަތްތަކުގެ ދަށުން އިފްތިތާހު ހުރި ކެމްޕެއިނެކެވެ.

އެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ނަފްސާނީ މައްސަލައެއް ފާހަގަވުމުން ކޮންމެ މީހަކުވެސް އެންމެ ފުރަތަމަހޯދަނީ ސައިކޮލޮޖިސްޓެއް، ކައުންސެލަރެއް، ނޫނީވިއްޔާ ތެރަޕިސްޓެއްގެ އެހީތެރިކަން ކަމަށެވެ. ނަމަވެސް އެއަށްވުރެ މާ ކައިރިން އެކަމަށް ފިޔަވަޅު އެޅެން އެބަހުރި ކަމަށާއި އާއިލާއާއި އެކުވެރިންގެ އިތުރުން އިޖްތިމާޢި ބަދަހިކަން މިކަމުގައި މުހިންމު ރޯލެއް އަދާ ކުރާ ކަމަށެވެ.

ނަފްސާނީ ވޭން ތަހައްމަލުކުރާ މީހުން ރާއްޖޭގައި ވަރަށް ގިނަ ކަމަށާއި އެކަމަކު އެ މީހުންނަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަކީ އަދި އެއަށްވުރެ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ. ސަރުކާރުގެ އަމާޒަކީ "ކިހިނެތް؟" ކެމްޕެއިން މެދުވެރިކޮށް ބަލީގެ ކުރީކޮޅު އެފަރުވާ ބޭނުންވާ މީހުންނަށް އެމަގު ފަހިކޮށްދިނުން ކަމަށެވެ.

އެގޮތުން މި ކަންކަމަށް ހޭލުންތެރިކަން އިތުރުކު ކުރުވަން މަސައްކަތް ކުރުން ހިމެނެ އެވެ.. އަދި ނަފްސާނީ ފަރުވާގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް އަމިއްލަ ޖަމިއްޔާތަކާއި ޖަމާއަތްތައް ނުވަތަ ސަޕޯޓް ގްރޫޕްތަކުގެ އެހީތެރިކަން ހޯދައިދިނުމަށް މަސައްކަތް ކޮށްދެވޭނެ ކަމަސް ވިދާޅުވި އެވެ.

ރާއްޖޭގައި ގާޢިމުކުރި ނަފްސާނީ ފަރުވާ ދޭ ފުރަތަމަ މަރުކަޒުކަމުގައިވާ "ސެންޓަރ ފޯ މެންޓަލް ހެލްތު" އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މާޗް 2019 ގައި ހުޅުވުމަށްފަހު އެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ހުޅުމާލޭ ހޮސްޕިޓަލުގައިވެސް މެންޓަލް ހެލްތް ސެންޓަރެއް ޤާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ.

އަދި ޚިދުމަތް ދެމުން އަންނަނީ، ނަފުސާނީ ބަލިތަކަށް ބޭނުންވާ ގިނަ ފަރުވާތައް އާސަންދައިގެ ދަށުން ކުރެވޭ ގޮތަށެވެ. މީގެ އިތުރުން މިހާރު ޓާޝަރީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ ފަސް ހޮސްޕިޓަލުގައިވެސް ނަފްސާނީ ފަރުވާދޭނެ އިންތިޒާމުތައް މިހާރު ހުރީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް