ހޮނިހިރު ދުވަހު އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު ރައުންޑް އޮފް 16 ގެ މެޗުން 2-1 ގެ ނަތީޖާއިން މޮޅުވެ، ކުއާޓާ ފައިނަލަށް ދަތުރުކުރުމަށްފަހު، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ، ވޯލްޑް ކަޕް ކާމިޔާބު ކުރާނެކަމަށް ބެލެވޭ ފޭވަރިޓުންނަކީ ކޮބައިކަން ހާމަކޮށްފިއެވެ.
އޮސްޓްރޭލިއާއާ ދެކޮޅަށް އާޖެންޓީނާ މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި، މޮޅު ކުޅުމެއް ދެއްކި، އަދި ފުރަތަމަ ލަނޑު ވެސް ޖެހި މެސީގެ އާޖެންޓީނާ ކުއާޓާ ފައިނަލްގައި ވާދަކުރަން ޖެހޭނީ ނެދަލެންޑްސް އާއެވެ.
މީޑިޔާއާ ވާހަކަދައްކަމުން މެސީ ބުނެފައިވަނީ އާޖެންޓީނާއަކީ ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ ފުރުސަތު އެންމެ ބޮޑު އެއް ކެނޑިޑޭޓް ކަމަށެވެ.
"އާޖެންޓީނާއަކީ ވަރުގަދަ ޓީމެއް. އަދި އަހަރެމެން ހިމެނެނީ އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި. އަހަރެމެންނަށް އެނގޭ އަހަރެމެން މީ އެއް ކެނޑިޑޭޓްކަން (ވޯލްޑް ކަޕް ކާމިޔާބުކުރާނެކަމަށް ބެލެވޭ). އެކަމަކު އަހަރެމެން އެކަން ދަނޑުގައި ސާބިތުކޮށްދޭން ޖެހޭ. އޮސްޓްރޭލިއާއާ ދެކޮޅަށް އަނެއްކާ ވެސް އެކަން ސާބިތުކޮށްދީފިން" މެސީ ބުންޏެވެ.
މެސީ ދެކޭގޮތުގައި ދެން ކޮން ޓީމުތަކެއް؟
"އަހަރެމެންނަށް ބެލޭހެން ދިމާވާ، ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ވެސް ބަލަން. ކެމަރޫން އަތުން ބަލިވިޔަސް، ބްރެޒިލްގެ ކުޅުން ވަރަށް ރަނގަޅު. އެ މީހުންނަކީ އަދިވެސް އެންމެ ބޮޑު އެއް ފެވަރިޓުން" އެހެން ޓީމުތަކާމެދު މެސީއާ ސުވާލުކުރުމުން އޭނާ ބުންޏެވެ.
"ފްރާންސްގެ ކުޅުން ވެސް ވަރަށް ރަނގަޅު. ޖަޕާން އަތުން ބަލިވިޔަސް، ސްޕެއިން އަކީ ވެސް ވަރަށް ރަނގަޅަށް ކުޅޭ ބައެއް. އެ މީހުން ކުޅެން ބޭނުންވާގޮތް ވަރަށް ސާފު. އެ މީހުން ބޯލް ޕޮޒިޝަން ގިނަ ވަގުތު ހިފަހައްޓާތީ، އެ ޓީމު އަތުން ބޯޅަ އަތުލުމަކީ ފަސޭހަކަމަކަށް ނުވާނެ. އެ މީހުން ބަލިކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ"
ޖަރުމަނު ކެޓުމާމެދު މެސީގެ ޚިޔާލަކީ ކޮބާ؟
މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓުމަކީ އެންމެ ހައިރާން ކުރަނިވި އެއް ކަންތަކެވެ. އެކަމާ ބެހޭގޮތުން މެސީގެ ބަހަކީ ވެސް އެއީއެވެ.
"އެ މީހުން ކެޓުމަކީ އަހަންނަށް ލިބުނު ހައިރާން ކަމެއް. އެ ޓީމުގައި ތިބީ މޮޅު ކުޅުންތެރިން. އަދި އެ މީހުންނަކީ އަބަދު ވެސް ވޯލްޑް ކަޕްގެ ގަދަ ޓީމުތަކުގެ ތެރޭގައި ގުނާލެވޭ ޒުވާން ވެސް ޓީމެއް" މެސީ ބަހަކީ މިއީއެވެ.
"އަނެއްކާ ވެސް ފުރަތަމަ ބުރުން ކަޓައިގެން ދިއުމަކީ ހައިރާންވާން ޖެހޭކަމެއް. އެކަމަކު އޭގެން ވެސް އެނގިގެން ދަނީ ވޯލްޑް ކަޕް ކިހާ އުނދަގޫކަން"
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް