ވޯލްޑް ކަޕް 2022 ރައުންޑް އޮފް 16: ޖަޕާން - ކްރޮއޭޝިއާ (މެޗު ޕްރިވިއު)

މިހާރު ގަތަރުގައި ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ޖަޕާން އަދި ކްރޮއެޝިއާ ބައްދަލުކުރާނެއެވެ. މިރޭ މި ދެޓީމު ބައްދަލުކުރާ މެޗު ރާއްޖޭ ގަޑިން 20:00 ގައި ކުޅެން ހަމަޖ...

05 Dec 2022 | 09:57

މިހާރު ގަތަރުގައި ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ޖަޕާން އަދި ކްރޮއެޝިއާ ބައްދަލުކުރާނެއެވެ. މިރޭ މި ދެޓީމު ބައްދަލުކުރާ މެޗު ރާއްޖޭ ގަޑިން 20:00 ގައި ކުޅެން ހަމަޖެހިފައިވާއިރު، މި މެޗު ކުޅޭނީ އަލް ޖަނޫން ސްޓޭޑިއަމުގައެވެ.

ތާރީޚް:05 ޑިސެމްބަރު 2022

ގަޑި: 20:00

ސްޓޭޑިއަމް: އަލް ޖަނޫބް ސްޓޭޑިއަމް

ފީފާ ރޭންކިންގ: ކްރޮއޭޝިއާ (12)، ޖަޕާން (24)

ހެޑް-ޓު-ހެޑް ނަތީޖާތައް:

ޖަޕާން އަދި ކްރޮއޭޝިއާ މިރޭގެ މެޗަށް ނުކުންނައިރު، މި ދެޓީމު މީގެ ކުރިން ވޯލްޑް ކަޕުގައި ދެފަހަރެއްގެ މަތިން ބައްދަލުކޮށްފައިވެއެވެ. މިރޭގެ މެޗަކީ މި ދެޓީމުގެ ފުޓްބޯޅަ ތާރީޚުގައި ވޯލްޑް ކަޕުގައި ބައްދަލުކުރާ ތިންވަނަ މެޗެވެ. ޖަޕާން އަދި ކްރޮއޭޝިއާ މީގެ ކުރިން ބައްދަލުކޮށްފައިވަނީ 1998 ވަނަ އަހަރު އެމެރިކާގައި ބޭއްވުނު ވޯލްޑް ކަޕާއި 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވުނު ވޯލްޑް ކަޕުގެ ގުރޫޕް ސްޓޭޖުގައެވެ. މީގެ ތެރެއިން 1998 ވަނަ އަހަރު މި ދެޓީމު ބައްދަލުކުރި މެޗު 0-1 އިން ކްރޮއޭޝިއާ ކާމިޔާބު ކޮށްފައިވާއިރު، 2006 ވަނަ އަހަރު މި ދެޓީމު ބައްދަލުކުރި މެޗު 0-0 އިން ވަނީ އެއްވަރުވެފައެވެ. މީގެ އިތުރުން ދެން މި ދެޓީމު ބައްދަލުކުރީ ޖަޕާނުގައި 1997 ވަނަ އަހަރު ބޭއްވުނު ކިރިން ކަޕްގައެވެ. އެ މެޗު 3-4 އިން ކާމިޔާބު ކުރީ ޖަޕާނުންނެވެ.

ޖަޕާން

ޖަޕާން އަކީ މިފަހަރުގެ ވޯލްޑް ކަޕް މުބާރާތުގައި އެންމެ ބޮޑު ސިހުމެއް ގެނުވި އެއް ޓީމެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ތެރެއިން ޔޫރަޕާއި ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑު ދެ ބާރު ކަމުގައިވާ ޖަރުމަން އަދި ސްޕެއިން ބަލިކުރުން ވެގެން ދިޔައީ ގިނަ ބަޔަކަށް ލިބުނު ބޮޑު ހައިރާންމަކަށެވެ. ޖަޕާނުން ޖަރުމަން ބަލިކުރީ ޖަރުމަން ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި 1-2 އިންނެވެ. އަދި ހަމަ އެގޮތަށް ސްޕެއިން ވެސް ބަލިކުރީ އެޓީމުން ލަނޑު ޖަހާ ލީޑު ނަގާފައި ވަނިކޮށް ފަހަތުން އަރައި 1-2ގެ ނަތީޖާއިންނެވެ.

ޖަޕާނުން މިފަހަރުގެ ވޯލްޑް ކަޕުގެ ގުރޫޕު ސްޓޭޖުގައި ބޮޑެތި ޓީމުތަކާއި ދެކޮޅަށް ނެރެފައިވާ ހައިރާންކުރަނިވި ނަތިޖާތަކަކީ އެ ޓީމާއި ދެކޮޅަށް މިރޭ ނުކުންނަ ކްރޮއެޝިއާއިން އެކަމާއި މެދު ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމެކެވެ. އެހެން ކަމުން މިރޭގެ މެޗު ކްރޮއޭޝިއާއިން ފަސޭހަކޮށް ނުނަގާނެއެވެ.

މިރޭގެ މެޗަށް ނުކުންނައިރު، ޖަޕާން ޓީމަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެޓީމުގެ އިތުބާރު ޑިފެންޑަރު ކޯއޫ އިޓަކޫރާ އަށް ދެ ކާޑު ހަމަވެ ސަސްޕެންސަނުގައި ހުރުމެވެ. މިއީ ޖަޕާން ޓީމަށް ފޫބައްދަން ވަރަށް އުނދަގޫ ކަމަށް ވާނެއެވެ. ގުރޫޕް ސްޓޭޖުގައި ޖަރުމަން އަދި ސްޕެއިން ބަލިކުރި މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކީ ވެސް އިޓަކޫރާއެވެ. އެހެން ކަމުން އިޓަކޫރާ ނެތުމުން މިރޭގެ މެޗުގައި ޖަޕާންގެ ފަހަތައް ފަޅުކަމެއް އަންނަނާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ޖަޕާން ޓީމުގެ ފަހަތަށް ކުޅޭ އިތުބާރު ޑިފެންޑަރު ހިރޮކީ ސަކާއިއަށް ވެސް ވަނީ އަނިޔާވެފައެވެ. އެނާވެސް މިވަގުތު ދަނީ ފަރުވާ ހޯދަމުންނެވެ.

މިރޭގެ މެޗަށް ނުކުންނައިރު ޖަޕާނަށް އޮތް އަނެއް ހިތްހަމަ ނުޖެހުމަކީ ސަސްޕެންސަނަށް ގޮސްފާނެ ކަމުގެ ބިރުއޮތް ހަތަރު ކުޅުންތެރިއަކު ޓީމުގައި ތިބުމެވެ. އެއީ ކުރިން ރީނދޫ ކާޑު ދައްކާފައި އަދި މިރޭގެ މެޗުގައި އެއިން ކުޅުންތެރިޔަކަށް އިތުރު ކާޑެއް ދައްކައިފި ނަމަ ޖެހިގެން އަންނަ މެޗަށް ސަސްޕެންޑުވެދާނެތީއެވެ. އެ ހަތަރު ކުޅުންތެރިންނަކީ މިކި ޔަމާނޭ، ޝޯގޯ ޓަނިގުޗީ، ވަޓަރު އެންޑޯ، މަޔަ ޔޮޝިޑާއެވެ.

މިރޭ ކްރޮއޭޝިއާއާއި ދެކޮޅަށް ނުކުންނައިރު، ޖަޕާން ޓީމަށް ލިބޭނެ ހިންހަމަ ޖެހުމެއްވެސް އެބައޮތެވެ. އެއީ ކޮސްޓްރިކާއާއި ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި ޓަކަހީރޯ ޓޮމިޔަސޫއަށް މިރޭގެ މެޗުގައި ކުޅެވުމެވެ. މިއީ ޖަޕާންގެ ކޯޗަށް ވެސް ލިބޭނެ ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެއެވެ.

މިރޭގެ މެޗަށް ކްރޮއޭޝިއާއާއި ދެކޮޅަށް ޖަޕާނުން ނެރޭ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން

ސުއިޝީ ގޮންޑާ، ޓަކެހީރޯ ޓޮމިޔަސޫ، މާޔާ ޔޮޝިޑާ، ޝާގޯ ޓަނިގުޗީ، ޔުޓޯ ނަގަމޯޓޯ، ޖުންޔާ އިޓޯ، ވަޓަރު އެންޑޯ، ހިޑެމަސާ މޮރިޓާ، ޓަކެފޫސާ ކޫބޯ، ޑައިޗީ ކަމަޑާ، ޓަކޫމާ އަސާނޯ.

ކްރޮއޭޝިއާ

ކްރޮއޭޝިއާ އަކީ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ރަނަރަޕް ޓީމެކެވެ. ނަމަވެސް ގުރޫޕް ސްޓޭޖުގައި ކްރޮއޭޝިއާއިން ނެރުނު ނަތިޖާތައް މާ ރަނގަޅެއް ނޫނެވެ. އެޓީމުން ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އަނެއް ދެމެޗުން ވީ އެއްވަރެވެ. ލިބުނީ ގުރޫޕުގެ ދެވަނައެވެ.

މިރޭގެ މެޗަށް ނުކުންނައިރު، ކްރޮއޭޝިއާއަށް ލިބޭނެ އެންމެ ބޮޑު ހިންހަމަ ޖެހުމަކީ އެޓީމުގެ ހުރިކާ ކުޅުންތެރިންވެސް ފިޓްކޮށް ތިބުމެވެ. އެޓީމުން މިރޭގެ މެޗަށް ނުކުންނައިރު، ފުރަތަމަ އެގާރައަށް ބަދަލެއް އަންނާނެ ކަމަށް ނުބެލެވެއެވެ. އެގޮތުން އެޓީމުން މިރޭ ޖަޕާނާއި ދެކޮޅަށް ނެރޭނީ އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ނެރުނު ފުރަތަމަ 11 ކުޅުންތެރިންކަމަށް ބެލެވެއެވެ.

މިރޭގެ މެޗަށް ޖަޕާން އާއި ދެކޮޅަށް ކްރޮއޭޝިއާއާއިން ނެރޭ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން

ލިވާކޯވިޗް، ޖުރަނޮވިޗް، ލޮވްރެން، ގްވާޑިއޯލް، ސޯސާ، މޮޑްރިޗް، ބްރެޒޮވިޗް، ކޮވަސިޗް، ޕަސަލިކް، ކްރަމަރިކް، ޕެރިސިކް.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް