ރާއްޖެ އައި ފަހަރެއްގައި ވަރަށް ލަދުގަންނަން ޖެހުނު ކަމަކާ ދިމާވި ކަމުގައި މަޝްހޫރު ލަވަ "ކާނޓާ ލަގާ" ގެ ތަރި ޝެފާލީ ޖަރީވާލާ ބުނެފިއެވެ.
އިންޑިއާގެ ނޫހަކަށް އެކަން ހާމަކުރަމުން ޝެފާލީ ބުނެފައިވަނީ އެއް ފަހަރެއްގައި ރާއްޖެ އަންނަންޖެހުނީ ގޭތެރޭގައި އާންމުކޮށް ލާ އުޅޭ، ސްވެޓް ޝާޓަކާއި ސްވެޓް ޕޭންޓްސްއެއް ލައިގެން ކަމަށާއި ލަގެޖު އެއާޕޯޓުގައި ތާށިވުމުން ލަގެޖް އެހެން ފްލައިޓަކުން އަންނަންދެން އެ ހެދުމުގައި 10 ވަރަކަށް ގަޑިއިރު ހޭދަކުރަން ޖެހުނު ކަމަށެވެ. އެ ހެދުމުގައި ހޭދަވީ ވަގުތުތަކުގައި މީހުން ބަލާވަރުން ވަރަށް ލަދުގަންނަންޖެހުނު ކަމުގައި އޭނާ ބުނެފައިވެއެވެ.
ޝެފާލީ އަންނަނީ 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައިވެސް ރާއްޖެ ޒިޔާރަތްކުރަމުންނެވެ.
ބޮލީވުޑްގައި ޝެފާލީ މަޝްހޫރުވެފައިވަނީ "ކާނޓާ ލަގާ" ފަދަ އައިޓަމް ލަވަތަކުންނެވެ. 2002 ގައި ރިލީޒްކުރި އެ ލަވައަކީ ދިވެހިންނަށްވެސް ވަރަށް މަގުބޫލުވެގެންދިޔަ ލަވައެކެވެ. އޭގެ ފަހުން 2004 ވަނަ އަހަރު އެ ލަވައިގެ އާ ވާސަނެއް ރިލީޒް ކުރިއެވެ. ޝެފާލީ ވަނީ ދެ ފިލްމެއްގައިވެސް މަސައްކަތްކޮށްފައެވެ. އެއީ ކަންނާޑާ ފިލްމެއްކަމުގައިވާ "ހުދުގަރު" އަދި 2004 ވަނަ އަހަރު ރިލީޒްކުރި ހިންދީ ފިލްމު "މުޖްސޭ ސާދީ ކަރޯގީ" ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް