ވޯލްޑް ކަޕް 2022: ޕޯޗުގަލްގެ 70 އިން ސައްތަ ސަޕޯޓަރުން ބޭނުންވަނީ ރޮނާލްޑޯ ބެންޗުގައި ބައިދަން

ގަތަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް ކުޅުނު ތިން މެޗުގައި ވެސް ރަނގަޅު ކުޅުމެއް ނުދެއްކުނު އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބޭންދުމަށް ޕޯޗުގަލ...

05 Dec 2022 | 05:30

ގަތަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް ކުޅުނު ތިން މެޗުގައި ވެސް ރަނގަޅު ކުޅުމެއް ނުދެއްކުނު އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބޭންދުމަށް ޕޯޗުގަލްގެ ސަޕޯޓަރުން އެދެމުންދާކަމަށް ޕޯޗުގަލްގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މާދަމާރޭ ސްވިޒަލެންޑާ ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުގެ ކުރިން ޕޯޗުގަލްގެ ނޫހެއް ކަމަށްވާ އޭ ބޯލާ އިން ކުރި ސާވޭއެއްގައި ވާގޮތުން އެ ސަވޭގައި ބައިވެރިވި %70 މީހުން ބޭނުންވަނީ އުމުރުން 37 އަހަރުގެ ރޮނާލްޑޯ ބެންޗުގައި ބެހެއްޓުމަށެވެ. އަދި ރޮނާލްޑޯގެ ބަދަލުގައި އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ރަފެއަލް ލިއާއޯ ފުރަތަމަ އެގާރައި ހިމަނަން ސަޕޯޓަރުން އެދެމުންދާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

ރޮނާލްޑޯއަށް ޕޯޗުގަލް ޓީމުގެ ފުރަތަމަ 11 އިން ފުރުސަތު ލިބެން ޖެހޭތޯ ސާވޭގެ ބައިވެރިންނާއ ކުރި ސުވާލަށް ޖަވާބު ދެމުން އެފާރާތަތްކުން ބުނެފައިވަނީ ރޮނާލްޑޯގެ މިހާރުގެ ހާލަތަށް ބަލާއިރު، އޭނާއަށް ފުރަތަމަ 11 އިން ފުރުސަތު ދޭން ނުޖެހޭ ކަމަށެވެ. އަދި ސާވޭގެ ބައިވެރިން ވަނީ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ސްވިޒަލެންޑާއި ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުގެ ފުރަތަމަ 11 އިން ރޮނާލްޑޯއަށް ފުރުސަތު ނުދިނުމަށް ޕޮޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސްއަށް ގޮވާލާފައެވެ.

ކަން މިހެން ހުރި އިރު،  ކުރިޔަށް އޮތް ސްވިޒަލެންޑް މެޗުގައި ރޮނާލްޑޯއަށް ފުރުސަތު ދިނުމާއި މެދު ކޯޗު ސަންޓޯސް ފުންކޮށް ވިސްނާ އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރާނެކަމަށް ބެލެވޭ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑޯ ފޯމުގެއްލި މިފަހަރުގެ މުބާރާތުގައި އޭނާގެ ބޭނުން ޕޯޗުގަލްއަށް އެންމެ ރަނގަޅު ގޮތުގައި ނުހިފޭއިރު، ޕޯޗުގަލް މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް ފުރަތަމަ 11 ގައި ރޮނާލްޑޯ ހިމަނާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. މިފަހަރުގެ ވޯލްޑް ކަޕް މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މިހާތަނަށް ޕޯޗުގަލް ކުޅުނު ތިން މެޗުގައި ވެސް ރޮނާލްޑޯއަށް ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު، އޭނާއަށް މިހާތަނަށް ޖެހިފައިވަނީ އެންމެ ލަނޑެކެވެ. އެއީ ގާނާއާއި ދެކޮޅަސް ކުޅުނު މެޗުގައި ޖެހި ޕެނަލްޓީ ލަނޑެއް އެކަންޏެވެ.

ގިނަ ބައެއްގެ ފަޑުކިޔުންތައް ރޮނާލްޑޯއަށް އަމާޒުވަމުން އައި ނަމަވެސް ޕޯޗުގަލް ގައުމީ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނަމުން އަންނަނީ ރޮނާލްޑޯ އަކީ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށާއި ރޮނާލްޑޯ އަށް ޓީމުގެ ފުރަތަމަ 11 އިން ޖާގަ ދޭންޖެހޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް