ފްލެޓުތަކުގެ ކޮންކްރީޓު މަސައްކަތް ކުރަނީ -- ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް( އާއި ހަވާލުކޮށްގެން މި ސަރުކާރުން ހުޅުމާލޭ ފޭސް އެކެއްގައި އަޅާ ފްލެޓުތަކުގެ ކޮންކްރީޓު މަސައްކަތް ފަށައިފި އެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހިންގާ އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ދަށުން ފޭސް އެކެއްގައި ފްލެޓު އަޅަނީ އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެންނެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް އުފެއްދި ބީއެމްއެލް ސަބްސިޑަރީ ކުންފުނި، އެފޯޑަބަލް ހޯމް ލީސިންގއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ބީއެމްއެލްއިން ބުނީ ފޭސް އެކެއްގައި އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ އެ ސައިޓުގައި 364 ފްލެޓު ހުންނާނެ ކަމަށެވެ. މި ޔުނިޓުތަކުގެ ތެރެއިން 182 ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށް މައުލޫމާތުދެ އެވެ.
މާލޭ ސިޓީގައި މިވަގުތު 3260 ހައުސިންގ ޔުނިޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ހިނގަމުންދާ ކަމަށާއި އަމާޒަކީ މި ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމާލުން ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
މި ސަރުކާރުން ކުރިން ބުނީ މި ސަރުކާރު ވެގެންދާނީ ހައުސިން މަޝްރޫއު ފަށާ އެ މަޝްރޫއު ނިންމާ ވެރިކަމުގެ ފުރަތަމަ ފަސް އަހަރު ނިމުމުގެ ކުރިން ފްލެޓުގެ ހައްގުވެރިންނާއި އެތަންތަން ހަވާލު ކުރާ ފުރަތަމަ ސަރުކާރަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް