ހިޔާވަހި ފައިނޭންސިން ޕްރޮގްރާމުން ދޫކޮށްފައިވާ ލޯނުތައް އިތުރަށް ޓޮޕްއަޕް ކުރެވޭނެ ގޮތެއް އޮތްތޯ ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ 12 ވަނަ އެޕިސޯޑުގައި ވިދާޅުވެއްޖެއެވެ.
އެ ޕްރޮގްރާމުގައި ބައިވެރިވި އާންމު ރައްޔިތަކު ފާހަގަކުރީ، ރާއްޖެތެރޭގައި ގެ އެޅުމަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލިބެން އޮތް ނަމަވެސް އޭނާއަށް ހަމަޖެހުނީ 650،000 ރުފިޔާ ކަމަށެވެ. އެ އަދަދުން ގެ ނިންމައިލެވެން ނެތް ކަމުގެ ކަންބޮޑުވުން އޭނާ ވަނީ ހިއްސާކޮށްފައެވެ.
ރައީސް ވިދާޅުވީ މި ބާވަތުގެ މައްސަލައެއް ކުރިން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމަށެވެ. އެމަނިކުފާނު ކަނޑައެޅުއްވި ގޮތާ ހިލާފަށް ކަން ހިނގާފައިވާ ކަން ފާހަގަކުރައްވައި، މިނިސްޓްރީ މެދުވެރިކޮށް އެ ވަކި ކޭސް ގާތުން ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.
"1 މިލިޔަން ރުފިޔާ ރަށްރަށުގައި އަޅާ ގެތަކަށް މިއޮތީ. 6 ލައްކަ ރުފިޔާއިން ނުނިންމޭނެކަން އަޅުގަނޑަށްވެސް ހަމަ އިނގޭ. އިންކަމްއަށް ބަލާފައި ކުޑަކުރީތޯ ސްޕެސިފިކް ކޭސް ބަލާލާނަން މިނިސްޓްރީ ތުރޫކޮށް. އޮންނަ އުސޫލުގެ ތެރެއިން އިތުރަށް ލޯނު ޓޮޕްއަޕްކޮށްލަން ލިބޭނެތޯ. އެކަން ކުރެވެން އޮތިއްޔާ އޮންނަ އުސޫލުގެ ތެރެއިން އެއްބާރުލުންދޭން ދަންނަވާނަން." ރައީސް ވިދާޅުވިއެވެ.
ހިޔާވަހި ފައިނޭންސިން ޕްރޮގްރާމުގެ ދަށުގައި ތިން ސްކީމެއް ހިމެނެއެވެ. އެއީ އަތޮޅުތަކުގެ ރައްޔިތުންނަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ރަށްވެހި ސްކީމާއި، އާބަން ސެންޓަރުތަކަށް ތިން މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ސަހަރު ސްކީމާއި، މާލެ ސަރަހައްދުގައި ގޭގެ ބެހެނިވެރިންނާ ގުޅިގެން ހަ މިލިއަން ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ހަމައަށް ލިބޭ ފަހިމާލެ ސްކީމެވެ.
ރައީސް ވަނީ ރައްޔިތުން ހުށަހަޅާ ކަންބޮޑުވުންތައް އިންސާފުވެރިކަމާ އެކު ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް