ކުރީގެ ސްޓޭޓް މިނިސްޓަރު ޒިހާންގެ ބަންދަށް އިތުރު 14 ދުވަސް

05 Nov 2026 | 15:59
ފޮޓޯ: ޕޮލިސް

ފޮޓޯ: ޕޮލިސް

ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ އިމާރާތްތަކުގައި އަލިފާން ރޯކުރުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދު މުއްދަތު މިއަދު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އިތުރުކޮށްފިއެވެ.

އެ މައްސަލައިގަ ފުލުހުން ޒިހާން ހައްޔަރު ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ އެވެ. އޭނާގެ ބަންދަށް ފުރަތަމަ ކޯޓުން ޖަހާފައިވަނީ 15 ދުވަހެވެ.

އެ މުއްދަތު މިއަދަށް ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން އިތުރު 14 ދުވަހަށް ބަންދު ކުރުމުގެ އަމުރު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ދައުލަތުގެ ތިން ބާރު ހިންގާ ތަންތަނުގައި ހުޅުނުޖަހަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ޒިހާން ކުރި ޕޯސްޓުގައި އެ ޢަމަލު ހިންގުމަށް ހިތްވަރު ދީފައިވެއެވެ. އެ ޕޯސްޓުގައި "[ރޯކޮށްލައިފިއްޔާ] މަޖާވާނެ،" ލިޔެފައި އޮތެވެ. ޕޯސްޓް ޖެހިތާ ގަޑިއިރެއް ތެރޭ އޭނާ ވަނީ އެ ޕޯސްޓު ޑިލީޓްކޮށްފައި އެވެ.

ޒިހާނަކީ އެމެރިކާގެ ނޭވަލް އެކެޑެމީން ތަޢުލީމު ހާސިލުކޮށް، އެމްއެންޑީއެފްގައި ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރި ފަސްޓް ލެފްޓިނަންޓެކެވެ. ކުރީ ސަރުކާރުގެ ފަހުކޮޅު ސިފައިންގެއިން ވަކިކުރީ ސަރުކާރަށް ފާޑު ކިޔާތީ ކަމަށް އޭނާގެ ގާތް ފަރާތްތަކުން އޭރު ތުހުމަތުކުރިއެވެ.

އޭގެ ފަހުން މި ސަރުކާރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދީ، ފަހުން އެ މަގާމުން ވެސް ވަކިކުރީއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފާޑުކީ މައްސަލައިގަ ސަސްޕެންޑު ކުރުމަށް ފަހު ފަހުން މަގާމުން ވަކިކުރި ހިސާބުން ފެށިގެން ޒިހާން ގެންދިޔައީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް