ރައީސް ޑރ، މުޙައްމަދު މުއިއްޒަކީ، ތެދުވެރިއި، އިޚްލާސްތެރި އަދި ގައުމަށް ވަފާތެރި ބޭފުޅެއްކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށި ސިޓީގައި "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އިގްތިސާދުގެ ދަތިކަމާއެކު ބައެއް މަޝްރޫއުތަކަށް މަޑުޖެހުން އައިސްފައިވީ ނަމަވެސް ރައީސްގެ ރިފޯމް އެޖެންޑާގެ ދަށުން މިއަދު ކަންކަމަށް ލުއިތަކެއް ލިބެމުން އަންނަ ކަމަށެވެ.
އެގޮތުން ހުއްޓިފައި ހުރި މަޝްރޫއުތައް ލަސްތަކެއް ނުވެ ނިމުމާއެކު އާ މަޝްރޫއުތައް ފެށިގެންދާނެ ކަމަށާއި ރަށްރަށަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުތައް ވަރަށް ރަނގަޅަށް ރައީސްގެ ހަނދުމަފުޅުގައި ހުންނަވާ ކަމަށް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުއިއްޒަކީ އިހުލާސްތެރި، އަދި ތެދުވެރި، ގަުމަށް ވަފާތެރި ބޭފުޅެއްކަމަށެވެ.
"އެކަމަށް އިހުލާސްތެރި ބޭފުޅެއް އެއީ. އެމަނިކުފާނު އެ އޮތީ ވައުދު ފޮތެއް ވެސް ރައްޔިތުންނަށް ހުށަހަޅާ ދެއްވާފައި. އެއީ ސިއްރަކުން އެމަނިކުފާނު ކުރައްވަން ބޭނުންފުޅުވާ ކަމެއް ނޫން. ތެދުވެރި ބޭފުޅެއް، ގައުމަށް އިހުލާސްތެރި ބޭފުޅެއް އެއީ،" ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދަޅުވީ ރައީސް ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ވެސް އިސްވެވަޑައިގެންނެވީ ރާއްޖެ ވެއްޓިފައި އޮތް އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ކަމަށާއި ގައުމު މިހާލަތަށް ދިޔައީ ބަޔަކު މީހުން ނަހަމަ ގޮތުގައި ކުރި ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ.
އަދި މި ކަންކަމުން އަރައިގަތުމަށް ރައީސް ކުރައްވަމުން ގެންދަވަނީ ވަރަށް ހިތްވަރުގަދަ މަސައްކަތްޕުޅެއް ކަމަށްވެސް ނައިބު ރއީސް ވިދާޅުވި އެވެ.
މީގެއިތުރުން ރަށްރަށަށް ވަޑައިގެން ކުޅިވަރު ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ކަމަށާއި އެ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް