ސައުދީ އަރަބިއްޔާގެ ޗެމްޕިއަން އަލް ހިލާލަށް ކުޅެމުން އަންނަ ބްރެޒިލް ފޯވަޑް ނޭމާއަށް އަނެއްކާވެސް އަނިޔާގެ މައްސަލަ ކުރިމަތިވެ، ކުޅުމާއި ދުރަށް ދާންޖެހިއްޖެއެވެ.
ނޭމާއަށް އަނިޔާވީ ހޯމަދުވަހުގެ ރޭ އޭއެފްސީ ޗެމްޕިއަންސް ލީގުގައި އިރާނުގެ އިސްތިގްލާލާއި ދެކޮޅަށް ކުޅެ 0-3 އިން ހިލާލް މޮޅުވި މެޗުގައެވެ.
އެ މެޗުގައި ނޭމާގެ ފަލަމަސްގަނޑަށް އަނިޔާވިއިރު، އޭނާ އެ މެޗުގައި ކުޅެން ނިކުމެފައިވަނީ ވެސް ފަހުހާފުގައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަނުވަނީސް މެޗުގެ 87 ވަނަ މިނެޓުގައި ނޭމާއަށް އަނިޔާވެ ދަނޑުން ވަނީ ބާލާފައެވެ.
ކަކުލަށް ލިބުނު އަނިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށް ފަހު ނޭމާ އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައީ ނިމިދިޔަ ހަފްތާގައެވެ. ރޭގެ މެޗަކީ އަނިޔާއަށް ފަހު އެނބުރިއައިސް އޭނާ ކުޅުނު ދެވަނަ މެޗެވެ.
ނޭމާގެ އަނިޔާއާއި ގުޅިގެން ހިލާލްގެ ކޯޗު ޖޯޖް ޖީސަސް ބުނީ ނޭމާއަށް އަނިޔާވުމަކީ ކުލަބަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށާއި ނޭމާ އެނބުރި ކުޅުމުގެ ތެރެއަށް އައިތާ އަދި މާ ގިނަދުވަސްތަކެއް ވެސް ނުވާކަމަށެވެ. މިފަހަރު އަނިޔާވެފައިވަނީ ނޭމާގެ ފަލަމަސްގަނޑަށް ކަމަށާއި މިއީ ކަކުލުގެ އަނިޔާއެއް ނޫންކަމަށް އޭނާ ބުންޏެވެ. އަދި އެންމެ އަވަހަށް ވެސް ދެން ނޭމާއަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ ދެ ހަފްތާފަހުން ކަމަށް ވެސް ޖީސަސް ބުންޏެވެ.
" ނޭމާ އާއި މެދު އަދިވެސް އުންމީދުތަކެއް ކުރެވޭ. ބޮޑު އަނިޔާއަކަށް ފަހު އެނބުރި އައިތާ އަދި މާ ގިނަ ދުވަސްތަކެއްވެސް ނުވޭ. އަނެއްކާވެސް ނޭމާއަށް މިވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފަ. މިފަހަރު އަނިޔާވީ ނޭމާގެ ފަލަމަސްގަނޑަށް، ކަކުލަކަށް ނޫން. ނޭމާ ކުޅުމުގެ ތެރެއަށް ދެން އެނބުރި އަންނާނީ ދެހަފްތާއެއްހާ ދުވަސް ފަހުން." ހިލާ؛ލްގެ ކޯޗު ޖީސަސް ބުންޏެވެ.
ޖީޖަސް އިތުރަށް ބުނީ އަނިޔާއާއި ގުޅިގެން ހިލާލްގެ ސްކޮޑުން ނޭމާ ބާކީ ކުރަން ނިންމާފައިވާ ކަމަށާއި މި ނިންމުމަކީ އެ ކުޅުންތެރިޔާގެ ނާޒުކު ހާލަތަށް ބަލާއިރު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ވެސް ޖީސަސް ވަނީ ބުނެފައި އެވެ.
ނޭމާއަށް ގިނަގިނައިން ލިބޭ އަނިޔާތަކާއި ގުޅިގެން ފުޓުބޯޅައިގައި ކުރިމަތިލާން ޖެހޭ ނާކާމިޔާބީތަކުގެ ސަބަބުން ނޭމާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް