ސަރުކާރުން ގެއެއް އަޅައިފައި ދިނުމަށްވުރެ ހިޔާވަހި ސްކީމުން ލިބޭ ނަތީޖާ މާ ރަނގަޅު ވެފައި މާ ގިނަ ބަޔަކަށް އެއިން އެހީ ލިބިގެން ދާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ ރައީސްގެ ރިޔާސީ ވައުދުފުޅެއްކަމަށްވާ ހިޔާވަހި ފައިނޭންސިން ސްކީމް ތައާރަފްކުރުމަށް މިއަދު އޮތް ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިއަދު ތާއަރަފްކުރެވުނު ސްކީމަކީ ބޯހިޔާވަހިކަމަށް ދާއީމީ ހައްލެއް ގެނައުމުގެ ގޮތުން ފެށުނު އެންމެ މުހިންމު ކަންތައް ކަމަށެވެ.
އަދި ވައުދުވެވަޑައިގެންނެވި ގޮތަށް މާލެ ސަރަހައްދުން ލިބިފައިވާ ގޯތިތައް އިމާރާތްކޮށްދިނުމަށް ސަރުކާރުގެ ކުންފުނިތަކުން އެހީވެދޭ ސްކީމެއް ތައާރަފްކުރެއްވުމަށް ވެސް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
"ހަގީގަތުގައި ސަރުކާރުން ގެއެއް އަޅައިފައި ދިނުމަށްވުރެ ހިޔާވަހި ސްކީމުން ލިބޭ ނަތީޖާ މާ ރަނގަޅު ވެސް ވާނެ. މާ ގިނަ ބަޔަކަށް އެކަމުން އެހީ ވެސް އެބަ ލިބިގެންދޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވީ ފަދައިން މާލޭ ސަރަހައްދުން ލިބިފައި މިހުރި ގޯތިތައް ހެދުމަށް ޓަކައި އެހީތެރިކަމެއް ލިބޭ ސްކީމެއް ވެސް ތައާރަފްކުރަން މަސައްކަތް ވެސް ކުރަމުން އަންނަކަމަށެވެ. އަދި އެ ސްކީމުގެ ތެރެއިން ސަރުކާރު ކުންފުންޏަކާއެކު މަސައްކަތްކޮށްގެން ގޯތީގައި ގެ އިމާރާތްކުރެވޭނެ ލުއި ގޮތެއް ހޯދޭނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް