މަސްވެރިންނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ވަނީ ދޫކޮށްފަ: މިނިސްޓަރު ޝިޔާމް

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، މަސްވެރިންނަށް މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވ...

05 Nov 2024 | 14:43

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، މަސްވެރިންނަށް މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް މިފަދައިން ވިދާޅުވީ އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި މައުލޫމާތު ހިއްސާ ކުރައްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މިދިޔަ އޮކްޓޫބަރު 27ގެ ނިޔަލަށް މަސްވެރިންނަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް، ސަރުކާރުން ބުނެފައިވާ ގޮތަށް ދައްކައި ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން މިސަރުކާރުން ވެރިކަމާ ހަވާލުވި ދުވަސް، ނޮވެންބަރު 17 2023އިން ފެށިގެން މި އަހަރުގެ އޮކްޓޫބަރު 27ގެ ނިޔަލަށް މަސްވެރިންނަށް 1.04 ބިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވަލުވީއިރު، މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ވަރަށް ބޮޑު ބެކްލޮގެއް އޮތެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުން އައީ 17 ރުފިޔާއަށެވެ. އެހެން ނަމަވެސް ވޯޓުގެ ފުރަތަމަ ބުރަށްފަހު މަސްވެރިންގެ އަތުން ފައިސާ ގަންނަމުންދިޔައީ ކިލޯއަކަށް 25 ރުފިޔާގެ މަގުންނެވެ.

ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުން މަހުގެ އަގު ކުއްލިއަކަށް ބޮޑު ކުރުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ވެސް އުނދަގޫތަކެއް އައިސްފައިވާކަމަށާއި މި ކަމުގެ ސަބަބެއްގެ ގޮތުން މިދިޔަ ވެރިކަން ނިމުނުއިރު، މަސްވެރިންނަށް ދޭންވާ ފައިސާ ނުދެވި އޮތްކަމަށެވެ.

އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެންމެ އިސްކަމެއް ދީގެން ކުރެއްވި އެއް ކަމަކީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދައްކައި ޚަލާސް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް