ބޭނުންވާ ވަގުތު ޓެކްސީ ނުލިބުމުގެ ކަންބޮޑުވުން އާންމުންގެ މެދުގައި އޮވޭ – ސަރުކާރު ހިއްސާވާ ކުންފުންޏަކުން އެ ޚިދުމަތް ފެށުމަކީ ހައްލެއް: ވަޒީރު އަމީން

ޓެކްސީ ހޯދަން ބޭނުންވާ ވަގުތު ޓެކްސީ ނުލިބުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ފަތުރުވެރިކަމާބެހޭ މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު އަމީން މިފަދައިން ވިދާޅުވީ އެ ވުޒާރާއި...

05 Nov 2024 | 14:31

ޓެކްސީ ހޯދަން ބޭނުންވާ ވަގުތު ޓެކްސީ ނުލިބުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ފަތުރުވެރިކަމާބެހޭ މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު އަމީން މިފަދައިން ވިދާޅުވީ އެ ވުޒާރާއިން މިހާރު ކުރަމުންދާ ބައެއް މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައެވެ.

ނޫސްވެރީންގެ އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ ޓެކްސީ ހޯދަން ބޭނުންވާ ވަގުތުތަކުގައި ޓެކްސީ ނުލިބުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އަދި ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކޮށްގެން މާލެ ސަރަޙައްދުގައި ޓެކްސީގެ ޚިދުމަތްދޭން ސަރުކާރުން ފެށުމަކީ މިކަމަށް ހައްލެއް ލިބިގެން ދާނޭ ކަމެއް ކަމަށާއި ނަމަވެސް، ސަރުކާރުން ކުންފުންޏަކާއި ހަވާލުކޮށްގެން މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތްދޭން ފެށުމަކީ ޓެކްސީ ޑްރައިވަރުން ދޭ ޚިދުމަތަށް އެއް ވެސް ގެއްލުމެއް ނުވާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އަދި ޓެކްސީގެ ޚިދުމަތް ދިނުން ޕްރައިވެޓްކޮށް އެންމެންގެ އަތްމަތީ އޮތްއިރު ޓެކްސީތަކުގެ ހާލަތު ދައްވެފައިވާ ވާހަކައާއި ޑްރައިވަރުންނާއި ޓެކްސީއަށް އަރާ ފަސިންޖަރުންނަށް ޓެކްސީ ގަވާއިދުގައި ކަނޑައަޅާފައިހުރި މިންގަނޑުތަކަށް ސާވިސް ނުލިބޭކަމަކީ ޒަމާނުއްސުރެ އޮންނަ ޝަކުވާއެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ސްޓޭންޑަޑް ބަދަލުކުރުމަށް ވިސްނާއިރު ދެތިން ގޮތަކަށް ވިސްނިދާނެ ކަމަށާއި އެގޮތުން އެއްކަމަކީ ވިޔަފާރި އުސޫލުން ޓެކްސީ ޚިދުމަތް ދޭއިރު ޓެކްސީ ޑްރައިވަރުންނަށް ގެއްލުމެއް ނުލިބި މިކަން ކުރުން ކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއީ އެންމެ މުހިންމު ކަންތައް ކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

"ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަންގެ ބައެއް ފަރާތްތަކާއި އަޅުގަނޑު ބައްދަލުކޮށްލިން. އެބޭފުޅުންނަށް އެދުވަހު ވެސް އަޅުގަނޑު ޔަގީންކަން ދިނިން އެބޭފުޅުން އެދޭ ޚިދުމަތަށް ގެއްލުންވާނޭ އެއްވެސް ގޮތަކަށް ސަރުކާރުން އަމަލު ނުކުރައްވާނެ ކަން." ވަޒީރު އަމީން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެކަމުގައި ދެއްވި ޔަގީންކަން އަނބުރާނުލާނެ ކަމަށާއި އަދި އެ ވިޔަފާރީގައި ތިބި ބޭފުޅުންނަށް ދެރަވާފަދަ ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވަޒީރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ސަރުކާރުން ޓެކްސީ ޚިދުމަތް ފެށުމުގެ ވިސްނުން ގެންގުޅުއްވާކަން ވަޒީރު ހާމަކުރެއްވީ ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސިޓީއަކާ ގުޅޭގޮތުން ސުވާލުކުރުމަށް މިދިޔަ އަންގާރަ ދުވަހު އިގުތިޞާދީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ އެ ޓެކްސީ ލައިން ހިންގާނީ އެމްޓީސީސީން ހިންގާ އާރްޓީއެލް ބަހުގެ ޚިދުމަތާ އެއްގޮތަށް ކަމަށެވެ. އެގޮތުން ޓެކްސީ ލައިންގައި ހިމެނޭ މުވައްޒަފުންގެ 50 ޕަސަންޓަކީ ދާއިމީ މުވައްޒަފުން ކަމަށާއި ބާކީ 50 ޕަސަންޓަކީ އެކި ގަޑިތަކުގައި އެކި ވަރަށް ޓެކްސީ ދުއްވަން ބޭޏުންވާ މުވައްޒަފުންނަށް ދޫކުރާނެ ސްލޮޓްތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޓެކްސީގެ ޚިދުމަތް ދޭނީ ކޮން ކުންފުންޏެއް މެދުވެރިކޮށް ކަން ވަޒީރު ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް