ވޭޕް ކުރުމުގެ މައްސަލަ ބޮޑުވެ، ސިންގަޕޫރުގެ ސްކޫލުތަކާއި އާއްމު ތަންތާނގައި ވޭޕިން ޑިޓެކްޓިންގ ޑިވައިސް ހަރުކުރަނީ

ސިންގަޕޫރުގައި ވޭޕް ކުރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ސްކޫލުތަކާއި އާއްމު ތަންތާނގައި ވޭޕްކުރާ ފަރާތްތައް ދެނެގަނެވޭނެ ފަދަ ޑިވައިސްތައް ހަރުކުރަން ފަށައިފިއެވެ. އެގޮތުން ސެޕ...

05 Nov 2024 | 12:40

ސިންގަޕޫރުގައި ވޭޕް ކުރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ސްކޫލުތަކާއި އާއްމު ތަންތާނގައި ވޭޕްކުރާ ފަރާތްތައް ދެނެގަނެވޭނެ ފަދަ ޑިވައިސްތައް ހަރުކުރަން ފަށައިފިއެވެ.

އެގޮތުން ސެޕްޓެމްބަރު މަހުން ފެށިގެން މޮޓޮރޯލާ ކުންފުނިން ތައާރަފްކޮށްފައިވާ ހޯލާ ސްމާޓް ސެންސަރ ނަމަކަށް ކިޔާ ޑިޓެކްޝަން ޑިވައިސް އެއް ސިންގަޕޫރުގެ ގިނަ ސްކޫލުތަކާއި އޮފީސްތަކާއި އާއްމު ތަންތާނގައި ވަނީ ބޭނުންކުރަން ފަށާފައެވެ.

މި ޑިވައިސްތައް ބޭނުންކުރަން ފެށިފަހުން ސްކޫލުތަކުގެ ދަރިވަރުން ވޭޕުކުރާ މިންވަރު ދެނެގަނެވި އެފަދަ ކަންކަން ސްކޫލު މާހައުލުގައި ކުރެވޭނެ ފަދަ އިންތިޒާމެއް މިހާރު ގާއިމްވަމުން އަންނަކަމުގައި ފާހަގަކޮށްފައިވެއެވެ.

ގާތްގަނޑަކަށް 2000 ޑޮލަރަށް ލިބޭ މި ޑިވައިސްއަކީ ވައިގެ ކޮލިޓީގެ އިތުރުން ވޭޕްގައި ބޭނުންކޮށްފައި ހުންނަ އެކި އެކި ކެމިކަލްތައް ވަކިވަކިން ދެނެގަނެ އަދި ކެނެބިސް ބޭނުންކުރާނަމަ އެކަންވެސް ވަކިން ދެނެގަނެވޭނެ ޑިވައިސްއެއް ކަމުގައި މޮޓޮރޯލާ ކުންފުނިން ބުނެފައިވެއެވެ.

މި ޑިވައިސް ހަރުކޮށްފައި ހުންނަތަނެއްގައި ވޭޕް ކުރާނަމަ އެސްއެމްއެސް އެއް މެދުވެރިކޮށް ވަރަށް ތަފްސީލީ، ކުރު ރިޕޯޓެއް ސެޓްކުރާ ވަކި ނަމްބަރަކަށް ވަގުތުން ފޮނުވުމުގެ ގާބިލުކަން މި ޑިވައިސްއަށް ލިބިފައިވާކަމަށްވެސް އެ މޮޓޮރޯލާ ކުންފުނިން ބުނެފައިވެއެވެ.

ސިންގަޕޫރުގައި ވޭޕާއި އެއާ ގުޅުންހުރި އާލާތްތައް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނަލެވެ. އެހެންނަމަވެސް 2018 އިން ފެށިގެން ވޭޕް ބޭނުންކުރާ ނިސްބަތް ބޮޑުތަނުން އިތުރުވަމުން އަންނަކަން ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކުން އާއްމުކުރާ ތަފާސްހިސާބުތަކުން ދައްކައެވެ.

އެގޮތުން 2023 ވަނަ އަހަރު އެކަނި ވޭޕްގެ އެކި މައްސަލަތަކުގައި 7838 މީހަކަށް ފިޔަވަޅު އަޅާފައިވާއިރު މި އަހަރުގެ ފުރަތަމަ ހަ މަހުގައި އެކަނި އެ އަދަދު 5480 އަށް އަރަފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް