ބޭންކް އޮފް މޯލްޑިވްސްއިން މިއަދު މާސްޓަރކާޑްގެ ބިޒްނަސް ޕްރީޕެއިޑް ކާޑު ތައާރަފްކޮށްފިއެވެ.
މިއީ ބޭންކުން ވިޔަފާރިތަކަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާ ދެއްކުމުގެ މުއާމަލާތްކުރުމަށް ފުރުސަތު ހޯދާދިނުމުގެ ގޮތުން ތައާރަފްކުރި ހިދުމަތެއްކަމުގައި އެ ބޭންކުން ބުނެއެވެ.
ބީއެމްއެލްއިން ބުނެފައިވާގޮތުގައި މި ހިދުމަތާއެކު ކުދި ވިޔަފާރިތަކުން ފެށިގެން ބޮޑެތި ވިޔަފާރިތަކުންވެސް ކުރާ މުއާމަލާތްތަކުގައި ނަގުދު ފައިސާގެ ބަދަލުގައި މާސްޓަރކާޑް ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން މުއާމަލާތްތަކުގެ ތަފްސީލު ރައްކާތެރިކަމާއެކު ބެލެހެއްޓި، ނަގުދު ފައިސާއާ ނުލައި ވިޔަފާރިއާ ގުޅޭ ހަރަދު ކުރުމަށް މަގުފަހިވެގެންދާނެއެވެ.
"ބިޒްނަސް ޕްރީޕެއިޑް ކާޑުގެ ރުފިޔާ ކާޑާއި ޑޮލަރު ކާޑުވެސް ލިބޭނެ، މި ގޮތުން މި ދެބާވަތުގެ ކާޑުންވެސް ރާއްޖޭގެ ޕީއޯއެސް، ޕޭމަންޓް ގޭޓްވޭ އަދި އޭޓީއެމްތަކުގައި މުއާމަލާތުކުރެވޭނެ، އަދި މީގެ އިތުރުން ޑޮލަރު ކާޑުން ބޭރު ގައުމުތަކުގެ ޕީއޯއެސް މެޝިނާއި ޕޭމަންޓް ގޭޓްވޭ ތަކުގައި ބޭނުން ކުރެވޭނެ، މި ކާޑުތަކުން ދުވާލަކު 100،000 ދިވެހި ރުފިޔާ އަދި 50،000 ޑޮލަރުގެ މުއާމަލާތްކުރެވޭނެ، އަދި 200،000 ރުފިޔާ ނުވަތަ 50،000 ޑޮލަރު ކާޑަށް ރީލޯޑްކުރެވޭނެ، ކާޑުތަކުން ކޮށްފައިވާ މުއާމަލާތްތަކުގެ ތަފްސީލް އަދި ބެލެންސް އިންޓަރނެޓް ބޭންކިންގ އަދި މޯބައިލް އެޕް މެދުވެރިކޮށް ބަލާލެވޭނެ" ބީއެމްއެލްއިން ބުނެފައިވެއެވެ.
މި ހިދުމަތާއި ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކްގެ ކާޑް ޕާރޓްނަރ ، މާސްޓަރކާޑާ ގުޅިގެން ވިޔަފާރިތަކަށް ޑިޖިޓަލް ބޭންކިންގ ސޮލިއުޝަނެއް ހޯދައިދެވޭކަމީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މި ތައާރަފް ކުރެވުނު ބިޒްނަސް ޕްރީޕެއިޑް މާސްޓަރކާޑަކީ ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން ވިޔަފާރިތަކުން ބޭނުންވާފަދަ ޒަމާނީ ހިދުމަތްތައް ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްވެސްމެ" އޭނާ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 93 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 148 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް