އައިލީން ވިސްނަމުން ގެންދިޔައީ ގޮތެއް ނިންމުމަށްފަހު މިފްޒާލް އާ ބައްދަލުވުމަށްޓަކައި، މިފްޒާލް ބުނެފައިވާ ދުވަސް ކައިރިވަމުންދާތީ އެކަމާ މެދުގައެވެ. އެކަމުގައި ރާއިފުގެ އެހީތެރިކަން ހޯދުމަށްޓަކައި އެވާހަކަ ރާއިފުއާ ދައްކާނެ ގޮތަކާމެދުގައެވެ.
"އައްދެ ކިހިނެތްވެފަ މާ ފާޑަކަށް މައްޗަށް ބަލަހައްޓައިގެން ތި އޮންނަނީ...! ހިތް ނުފުރެނީތަ..؟ އަދިވެސް ބޭނުންތަ...؟ މަޑުކޮށްލާ ސެންޓުކޮޅެއް ޖަހާލައިގެން މިދަނީ..." ރާއިފު ފާހާނާއިން ނުކުތްއިރު އައިލީން ފާޑަކަށް އޮތްތަން ފެނިގެން ސަމާސާ ރާގަކަށް ބުންޏެވެ.
"ނޫނޭ ވަރަށްބޮޑު ކަމަކާ މި ވިސްނާލީ...!" އައިލީން، ރާއިފުއާ ދިމާއާށް ބަލާވެސް ނުލާ އެ އޮތްގޮތަށް އޮވެ ވާހަކަ ދެއްކިއެވެ.
"އާނ...! ތި އޮތް ގޮތުންވެސް އަހަންނަށް އެނގިއްޖެ ވަރަށް ބޮޑު ކަމަކާކަން ތި ވިސްނަނީ...! އައިލީން ތި ވިސްނާ ކަމެއް އަހަންނާވެސް ޝެއަރ ކޮށްލަބަލަ..! އޭރުން އަހަންނަކަށް ތިކަމަށް ޚިޔާލެއް ދެވިދާނެ ކަންނޭނގެ...! އެހީތެރިކަމެއް ވެސް ދެވިދާނެ...!" ރާއިފުގޮސް ޑްރެސިންގ ޓޭބަލް ދޮށުގައި އިށީންނަމުން ލޯގަނޑުން އައިލީންއަށް ބަލާލުމަށްފަހު ބުނެލިއެވެ.
"އަހަރެން މި ވިސްނަނީ މި ވާހަކަ ރާއިފު އާ ޝެއަރ ކުރާނެ ގޮތަކާމެދު...! ބޭނުން މިކަމުގައި ރާއިފުގެ ވަރަށްބޮޑު އެހީތެރިކަމެއް...! މިއީ އަހަންނަށް އެކަނި ކުރެވޭވަރަށްވުރެ މާބޮޑު ކަމެއް...! ރާއިފު ހީވެސް ނުކުރާވަރުގެ ބޮޑު ކަމެއް..!" އައިލީން، ރާއިފުއާ ދިމާއަށް ބަލާލުމަށްފަހު ބުންޏެވެ.
"އަހަރެން މިހިރީ އައިލީން ބޭނުންވާ ކޮންމެ ކަމެއްވެސް ކޮށްދޭށޭ...! އަހަންނަށް ނުކުރެވޭ ވަރުގެ ބޮޑު ކަމެއްގެ ވާހަކަ އައިލީން އަކަށް ނުބުނެވޭނެ...! އައިލީން ކޮންމެ ކަމެއް ބުންޏަސް އިރާދަކުރެއްވިއްޔާ އަހަރެން އެކަމެއް ކުރުމަށް މަސައްކަތް ކުރާނަން...! ދެން ދޭ ފާހާނާއަށް ގޮސް ފްރެޝް ވެލައިގެން އަންނަން...! އައިސް އޮށޯވެ، ދެން ތި ވާހަކަ ދައްކާނީ...!" ރާއިފު އައިސް އައިލީން ގާތުގައި އެނދުގައި އިށީންނަމުން ބުންޏެވެ.
އައިލީން މަޑުމަޑުން ތެދުވެގެން ދިޔައީ ފާހާނާއަށެވެ. އައިލީން ދިޔުމުން ރާއިފު އެނދުގައި އޮށޯވެ އައިލީން އަންނާނެ ވަގުތަކަށް އިންތިޒާރު ކުރަން އޮތެވެ. ގާތްގަޑަކަށް ދިހަވަރަކަށް މިނިޓް ފަހުން އައިލިން ފާހާނާއިން ނުކުތެވެ. ނުކުމެގެން އައިސް ޑްރެސިންގ ޓޭބަލް ދޮށުގައި އިށީނދެ ކުޑަކޮށް ތައްޔާރު ވެލައިގެން އައިސް ރާއިފު ގާތުގައި އެނދުގައި އޮށޯތެވެ.
"ހޫނ...! ދެން ކިޔާބަލަ...! ކިހިނެތްވީއޭ...؟ ކޮންކަމެއްގެ އަހަރެންގެ ޚިޔާލެއް ހޯދަން ތިއުޅެނީ...! އަހަރެން މި އޮށްނަނީ ތި ވާހަކައެއް އަޑުއަހާހިތުން ކެތްމަދުވެފައި...! އައިލީން ބޭނުންވާ ކަންކަން ކޮށްދިނުމަކީ އަބަދުވެސް އަހަންނަށް ލިބޭ އުފަލެއް...!" އައިލީންގެ އަތުގައި ހިފާލުމަށްފަހު ރާއިފު ބުންޏެވެ.
"އެނގެޔޭ...! އުއްމީދު ކުރަން މި ވާހަކަތައް އަޑު އެހުމަށްފަހު ރާއިފު އަހަރެން ދެކެ ރުޅި ނާންނާނެ ކަމަށް...! އަހަރެން ބޭނުމެއްނޫން ދުވަސްތަކަށްފަހު އަހަރުމެންނަށް މި ލިބުނު އުފާވެރި ދިރިއުޅުމުގެ ވާފަށް ބުރިބުރިވެގެން ދާކަށް...!" ރާއިފު ގެ މޫނަށް ބަލާލުމަށްފަހު އައިލީން ބުންޏެވެ.
"އަހަރެން ރުޅިއެއް ނާންނާނަމޭ...! ޕްރޮމިސް...! އަހަންނަށް ވަރަށް ބޮޑަށް ޔަޤީން މިހާރު އައިލީން އަހަންނަކަށް ބޭވަފާތެރިއެއް ނުވާނެކަން...! އިރެއްގައި އައިލީންއަށް ގޮތަކަށް އުޅެވުނަސް މިހާރު އަހަރެން ހިތްހަމަ ނުޖެހޭ އެއްވެސް ގޮތަކަށް އައިލީން ނޫޅޭނެކަންވެސް އަހަންނަށް އެނގޭ...! އަހަރެން އައިލީންއަށް އިތުބާރު ކުރާނަމޭ...! އޭރު އައިލީން އަށް އެހެން އުޅެވުނީވެސް އެކަމުގަ އަހަރެންގެވެސް ކޮންމެސް ވަރެއްގެ އިހުމާލެއް އޮވެގެންތާ...! އެކަން އަހަރެން ޤަބޫލު ކުރަން...! ދެން ބުނެބަލަ، މިހާރު ކިހިނެތް ވެގެންތަ ތިއުޅެނީ...؟" އައިލީން އަށް ދިމާވެގެން އުޅޭ ކަންތައް އޮޅުން ފިލުވުމުގެ ގޮތުން ރާއިފު އަނެއްކާވެސް ސުވާލުކުރިއެވެ.
"ރާއިފު ހަނދާން އެބަހުރިތަ އަހަރުމެން އިންޑިއާ އަށް ކުރި ދަތުރުގަ ހޮސްޕިޓަލުން ނުކުމެގެން ރާއިފު ފެންފުޅި ގަންނަން ދިޔަ ދުވަސް...؟ އަހަރެން އެދުވަހު އެތާ މާގަސްތަކުގެ ތެރޭގައި ހުއްޓާ އަހަންނަށް މީހަކު ގޮވި އަޑު އެހީމޭ ބުނީމެއްނު..! އަދި އޭގެ ފަހުން އަހަރުމެން ނުކުމެގެން ދިޔައިރު މަގުމަތިން އަހަރުމެން ތިބިކާރު ފޮލޯ ކުރަމުން ކާރެއްވެސް އަޔެއްނު...!" އައިލީން ވާހަކަ ދައްކަމުން ދިޔައިރު އަޑުގައި ތުރުތުރެއް ހުއްޓެވެ.
"އާނ...! ހަނދާން އެބަހުއްޓޭ...! ކުއްލިއަކަށް ތި ވާހަކަ ތި ދައްކަން ފެށީޔޯ...! އެކަން ކިހިނެތްވީތަ...؟ ބުނެބަލަ ވީގޮތެއް...!" އެ ވާހަކަ އަޑުއެހުމަށް ޝައުޤުވެރިވެފައި އޮތް ރާއިފު ބުންޏެވެ.
"ހޫނ...! ދެން އޭގެ ފަހުން އެއްރޭ ވަރަށް ވިއްސާރަ ރެއެއްގެ ފަހިތު ހޮޓަލުގަ އަހަރުމެން ތިބި ކޮޓަރީގެ ދޮރުގައި މީހަކު ތަޅާތީ ރާއިފު ނުކުތީމެއްނު...! ބުނީމެއްނު ފާޑެއްގެ މީހަކު ހޮޓާ ތެރެއަށް ވަދެގެން އުޅުނީޔޭ...! ހަނދާން އެބަހުރިތަ...؟" އައިލީން އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.
"އާނ..! ތިކަންވެސް ހަނދާން ހުންނާނެއެއްނު...! އެރޭ އައިލީން ބިރުން ހީވީ އެހެން ކަމެއް ހެންވިއްޔަ...!" ރާއިފު އައިލީންގެ އަތުގައި ތަންކޮޅެއް ބާރަށް ހިފާލަމުން ހީނލާފައި ބުނެލިއެވެ.
"މިއީ އެހާ މަޖާ ކަމެއް ނޫނޭ...! ސީރިއަސްވެބަލަ...!" ކަންބޮޑުވެފައި އޮތް އައިލީން ބުންޏެވެ.
"އަހަރެން ސީރިއަސް އޭ...! އަސްލު ކޮންވާހަކައެއް ތި ފެށީ ދެން...! ދަތުރުގެ ވާހަކަ ހުއްޓަލާފަ، ތި ހާސްވެގެން އަހަރެންގެ އެހީތެރިކަން ބޭނުންވެގެން ތިއުޅޭ ކަންތައް ކިޔައިދީބަލަ...! އެއްވެސް މީހެއްގެ ފުށުން އައިލީން އަށް އެއްވެސް އުނދަގުލެއް ވަންޏާ އަހަރެންގެ މި ގޮށްމުށުގެ ބާރު އެމީހަކަށް ދައްކާލާނަން...! އަހަންނަކީ ކެރޭ ފިރިހެނެއްކަންވެސް އަންގާލަދޭނަން...!" ރާއިފު އަތް މުށްކަވާލުމަށްފަހު ކުޑަކޮން، އަތް ހިއްލާލާފައި ބުންޏެވެ.
"ރާއިފު ހީކުރާވަރަށްވުރެ މާ ސީރިއަސް ކަމެކޭ މިއީ...! މިވާހަކަ ފުރަތަމަ އަޑުއަހާބަލަ...! އެއީ...!" އައިލީން ދައްކަން އުޅުނު ވާހަކަ ރާއިފު މެދުކަނޑާލިއެވެ.
"އަހަރެންވެސް ވަރަށް ސީރިއަސްކޮށް މި ބުނަނީ...! އެއްވެސް މީހެއްގެ ސަބަބުން އައިލީން އަށް އެއްވެސް ގޯނާއެއް ވާނަމަ ދެން އަހަރެން އެކަން ބަލާކަށް ނުހުންނާނަން...! އަހަރެންގެ ފުރާނަ ދުއްވާލައިގެންވެސް، އިރާދަކުރެއްވިއްޔާ އަހަރެން އެކަމަކުން އައިލީން ސަލާމަތް ކުރުމަށް މަސައްކަތް ކުރާނަން...! އައިލީން އަހަންނަށް އިތުބާރުކުރޭ...!" އައިލީން ދައްކަން އުޅެނީ ވަރަށް މުހިންމު ވާހަކައެއްކަން ރާއިފުއަށް އެހާ ހިސާބުން ވިސްނުނެވެ.
"ރާއިފުއަށް އެނގޭތަ އެ ހުރިހާ ކަމެއް އެ ކުރަމުން ގެންދިޔައީ ކާކުކަން...؟" ރާއިފުގެ މޫނަށް ބަލާލުމަށްފަހު އައިލީން ބުންޏެވެ.
"ނޭނގެ...! ކާކު އަނެއްކާ އަހަރުމެން އިންޑިއާ އަށް ދިޔައިމަ އަހަރުމެންނަށް ފާރަލީ...! އެ ދުވަހު ފަހަތުން ފޮލޯ ކުރަމުން އެ ކާރު އަންނަންފެށީމަ އަހަރެން ބުނީމެއްނު ކޮންމެސް މީހަކު އަހަރުމެންނަށް އެބަފާރަލަޔޭ...! އަހަރުމެން އެބަ ފޮލޯ ކުރެޔޭ...! ކާކު އެއީ...؟ އަނެއްކާ އައިލީން އަށް ކަމެއް ޝައްކުވަނީތަ...؟ އެއީ ކާކުކަން އެނގޭތަ...؟ ރާއިފުވެސް ސީރިއަސް ވެފައި ސުވާލުކޮށްލިއެވެ.
"ޝައްކެއް ނޫން...! ޔަޤީނޭ...! އެއީ... އެއީ... އެ މިފް... މިފް... މިފްޒާލްގެ ކަމެކޭ...!" އައިލީންގެ އަޑު އަނެއްކާވެސް ތުރުތުރު އަޅަން ފެށިއެވެ.
"އޭނ...! މިފްޒާލް އޭ...! ކިހިނެތް...؟ އިންޑިއާގަ...؟" ރާއިފުއަށް އެ ވާހަކަ ޤަބޫލެއް ނުކުރެވުނެވެ.
"އާނ...! އޭނަ...! އަހަރުމެންނަށް ފާރަލަމުން އިންޑިއާވެސް ދިޔައީ...! އަހަރެން ބުނީމެއްނު އޭނައަކީ ކޮންމެސް ވަރަކަށް ސައިކޯވެސް މީހެކޭ...! އޭނަ ޖެހިލުމެއް ނުވާނެ...! ކޮންމެ ކަމެއްވެސް އޭނަ ކޮށްފާނެ...!" އައިލީން، ރާއިފުއާ ގާތަށް ޖެހިލަމުން ބުންޏެވެ.
"އެކަމަކު ކިހިނެތް އައިލީން އަށް ތިކަން އެނގުނީ...؟" ޙައިރާން ވެފައި އޮވެ ރާއިފު ސުވާލުކޮށްލިއެވެ.
"އަހަރުމެންނަށް ނޭނގުނަސް އޭނަ އަބަދުވެސް އަހަރުމެންނަށް އެބަ ފާރަލާ...! އަހަރުމެންގެ ކަންކަން ބަލަން ވެގެން އޭނަ މިގޭ ކުރިމަތިން ހުރި ގެއިން އެޕާޓްމަންޓެއް ކުއްޔަށް ނަގައިގެން އުޅޭތާވެސް ދުވަސް ކޮޅެއް ވެއްޖެ...! އަހަރުމެން އިންޑިއާ އަށް ފުރީމަ ކޮންމެސް ގޮތަކުން މަޢުލޫމާތު ހޯދައިގެން އިންޑިއާ އަށް ދިޔައީ...! ކިހާ ވަރެއްވީމާ އިންޑިއާ ކަހަލަ ބޮޑު ތާކުން އަހަރުމެން އެ ހޯދީ...! އިންޑިއާގަ އެއްދުވަހު ރާއިފު ހޮޓަލުން ބޭރަށް ދިޔަ ވަގުތު ބަލާފަ، އޭނަ ހޮޓަލަށް އައިސް ރޫމްގެ ދޮރުގައި ޓަކި ޖެހީ....! އަހަރެން ހީކުރީ ރާއިފު އައީ ކަމަށް...! އެކަމަކު ރާއިފު އަތުގައި ރޫމްގެ ކީ އޮއްވާ ރޫމްގައި ޓަކި ނުޖަހާނެ ކަން އެނގޭތީ ރޫމް ނުހުޅުވަން އިރުކޮޅަކު ހުރިން...! އެހެންނަމަވެސް ޓަކި ޖަހާވަރުން އުނދަގޫ ވެގެން ގޮސް ދޮރު ހުޅުވީ...! ހުޅުވާފަ ބަލާލިއިރު ބޭރުގަ އެއްވެސް މީހަކު ފެންނާކަށް ނެތް...! ދެން ކޮޓަރިއަށް ގޮސް ފާހާނާއަށް ވަދެފަ ނުކުތް އިރު ސޯފާގައި މީހަކު އިން...! ފެންނަން އިނީ އެމީހެއްގެ އިސްތަށިގަނޑުން ކުޑަތަންކޮޅެއް...! ފުރަތަމަ ހީކުރީ އެއީ ރާއިފު ކަމަށް...! އެކަމަކު އޭނަ ސޯފާއިން ތެދުވީމަ އެނގުނީ އެއީ މިފްޒާލްކަން...! އަހަންނަކަށް ނޭނގެ އޭނަ ރޫމަށް އައިސް ވަނީ ކިހިނެތް ކަމެއް...! ދެން ވަޅިއެއް ހިފައިގެން ހުރެ އަހަންނަށް ބިރުދައްކަން ފެށީ...! އަހަރެން ވަރަށް ގިނަ އިރު އޭނަ ކައިރީ އާދޭސްކޮށްގެން އަހަރެން ސަލާމަތުން ބަހައްޓާފަ ދިޔައީ...! އޭނަ ބުނަމުން ދިޔައީ އަބަދުވެސް އޭނަ ބުނާ ވާހަކަ...! ރާއިފު ކައިރިން ވަރިވެގެން އޭނަ ކައިރިއަށް އަންނާށޯ...! ޕްލީސް ރާއިފު... ޕްލީސް އަހަރެން މިކަމުން ސަލާމަތްކޮށްދީ...! މި ވާހަކަ ކުރިން އަހަރެން ރާއިފު ކައިރީ ނުބުނެ ހުރީ އަހަރެން ބޭނުމެއް ނޫން މި އުފާވެރި ދުވަސްތައް އެ ބިރުވެރިކަން ހަނދާންކޮށްގެން ދުއްވާލާކަށް...! ރާއިފު އެދުވަހު ހޮޓަލަށް އައީ ބޭބީ ގޮވައިގެން...! އެހެންވެ އަހަރެން ބޭނުންވީ އެކަން ހަނދާން ނައްތާލާފައި ރާއިފު އާ ބޭބީ އާއެކު ހިތްހަމަ ޖެހިގެން އުފާވެރި ކަމާއެކު ދިރިއުޅެން...! އެކަމަކު މިއަދު މިއޮތީ އަނެއްކާވެސް އެކަމާ ވިސްނަން ޖެހިފައި...!" ގިސްލަމުން ގިސްލަމުން އައިލީން ވާހަކަ ކުރިއަށް ގެންދިޔައިރު ރާއިފު އޮތީ ޙައިރާން ވެފައެވެ.
"މިހާ ދުވަސްވީއިރު ތިވާހަކަ އަހަރެންގާތު ނުބުނީ ކީއްވެގެންތޯ އަހަންނެއް ނާހާނަން...! އައިލީން ތި ދެއްކި ހުރިހާ ވާހަކައެއް އަހަރެން ޤަބޫލު ކުރަން...! އެކަމަކު މިހާރު މިހާ ދުވަސްފަހުން ތިކަމާ ތިހާބޮޑަށް ތި ހާސްވަނީ ކީއްވެ...؟" އައިލީންގެ ވާހަކަތައް އަޑުއަހަން އޮތުމަށްފަހު ރާއިފު ސުވާލު ކުރިއެވެ.
އެދުވަހު މިފްޒާލް ކޮޓަރިއަށް ވަން ހިސާބުން ފެށިގެން އޭނަ ކޮޓަރިން ނުކުންނަންދެން ކޮޓަރި ތެރޭގައި ކަންކަން ހިނގި ގޮތް އައިލީން ރާއިފުއަށް ކިޔައިދިނެވެ.
"އޭނަ ދިން އެއް މަސްދުވަސް މިހާރު ހަމަވާން ކައިރިވަނީ މި...! އަހަރެން ދެން ކިހިނެތް ހަދާނީ....؟ ޕްލީސް ރާއިފު...! ރާއިފު ނޫން މީހަކު ނެތް އަހަރެން މިކަމުން ސަލާމަތް ކޮށްދޭކަން...! މިކަމުގައި އަހަންނަށް އެހީތެރިވެދީ...؟ ޕްލީސް.." އައިލީން ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.
"އައިލީން ތިކަމާ ނުވިސްނާ...! ތިކަން އަހަރެންގެ އަތްމައްޗަށް ދޫކޮށްލާ...! އަހަރެން ތިކަމާ ވިސްނާނީ... އަހަރެން ކުޑަކޮށް ވިސްނާލާފަ ބުނާނަން އައިލީން ކަންތައް ކުރަންވީގޮތް...! އަހަރެން ބުނާގޮތަކަށް ކަންތައް ކުރީމަ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ...! މިފަހަރު ތި މިފްޒާލްގެ އުނދަގޫ ދެން ދުވަހަކުވެސް ނުޖެހޭވަރު ކަމެއް އަހަރެން ކޮށްލާނަން...! ކުރިންވެސް ތި ވާހަކަ އަހަރެން ކައިރީގައި ބުނިނަމަ މިހާރު އޮންނާނީ ތި ކަންތައް ނިމިފައި..." ރޮއިރޮއި އޮތް އައިލީންގެ ގައިގައި ބައްދާލަމުން ރާއިފު ވާހަކަ ދެއްކިއެވެ.
"ޕްލީސް ރާއިފު...! ޕްލީސް..." ރާއިފުގެ ދެއަތުގެ ހިމާޔަތުގެ ތެރޭގައި އޮތް އައިލީން ރޮމުން ރޮމުން އަނެއްކާވެސް ބުންޏެވެ.
"ދެން ހިނގާ ނިދަން...! ތިކަން ތިހައްލުވީއޭ ދެން...! އައިލީން ވިސްނާނެ ކަމެއް ނެތް...! އަހަރެން ބުނާނަން ތި އެއްމަސް ދުވަސް ނިމޭ ދުވަހަކު އައިލީން ކަންތައް ކުރަންވީގޮތް...! އޭރުން ދެން އެގޮތަކަށް ކަންތައް ކުރީމަ ހުރިހާ ކަމެއް ނިމުނީ...! އެއްގޮތަކަށްވެސް ހާސްވާނެ ކަމެއް...!" އައިލީންގެ ގައިގައި ބާރަށް ހިފަހައްޓާލަމުން ލޯތްބާއެކު އައިލީންގެ ބުރަކަށީގައި ފިރުމާލުމަށްފަހު ރާއިފު ބުންޏެވެ.
ނުނިމޭ.... ވާހަކައިގެ އާ ބައެއް، 07 ނޮވެމްބަރ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް